''ހުއް... މާ ހެޔޮ އެދޭ މީހަކަށް ވާން އެބައުޅެއެއްނު! ބޮޑު ފޫހިގަނޑެކޭ، ކޮންމެހެން ވިޔަސް ހޮސްޕިޓަލުން އޭނައާ ބައްދަލުވީމަ އަދި މާ ރަނގަޅަކަށްނު ކަންތައް މިވީ... ހެހެހެ...'' ނާލާއާއި ޝައިހާ ދިޔަ ދިމާއަށް ބަލަން ހުރި ޔަޝްފީ ތުންއަނބުރާލިއެވެ.
*****
''ވެން ޑިޑް ޔޫ ބިކަމް ފްރެންޑްސް ވިތް ހާރ؟...'' ނާލާއާ އެއް ހަމައެއްގައި ހިނގަމުން ދިޔަ ޝައިހާ ސުވާލުކޮށްލިއެވެ. ނާލާގެ މިޒާޖު ދަސްވެފައިވާތީ ކޮންމެކޮންމެ މީހަކާއި އެކުވެރިކަން ބަދަހި ނުކުރާނެކަން އޭނައަށް ޔަޤީންކުރެވުނެވެ. ނާލާއާއި ޔަޝްފީގެ ދެމެދުގައި އޮތް ގުޅުމާ މެދު ޝައުގުވެރިކަން އުފެދުނީ އެހެންވެ އެވެ. އެގުޅުން ބަދަހިވެގެން އައި ގޮތް އޮޅުން ފިލުވަން އޭނަ ބޭނުން ވިއެވެ. ހަމައެއާއެކު ޔަޝްފީގެ މިޒާޖު ވެސް ދަސްކުރަން ބޭނުން ވިއެވެ.
''ކާކު؟ ޔަޝްފީތަ؟...'' ޝައިހާގެ މޫނަށް ނާލާ ބަލައިލިއެވެ.
''ހޫމްމްމް...'' ޝައިހާ ބޯޖަހާލިއެވެ. ''ކިހިނެއް އޭނައާ ދިމާވީ؟...''
''ރުހައިމްއާއެކު ދިޔަ އޮފީސް ހަފްލާއެއްގެ ތެރޭން ދިމާވީ، ޝީޒް ވެރީ ކައިންޑް، އެހެންވެ ވާހަކަދައްކަން ފަސޭހަވީ ވެސް...'' ނާލާ ހިނިތުންވުމަކާއެކު ބުނެލިއެވެ.
''އެހެންތަ؟...'' ޝައިހާއަށް ބުނެވުނެވެ. ޔަޝްފީއާ ބައްދަލުވި މަދު ވަގުތު ކޮޅުގެ ތެރޭގައި ވެސް ޔަޝްފީގެ މިޒާޖު އޭނައަށް ދަހެއް ނުވިއެވެ. އެމޫނު މަތިން ފެންނަ ކުލަވަރުތަކާއި ހިތުގައިވާ އިހުސާސްތައް ދެފުށް އަރާ ހެން އޭނައަށް ހީވާތީއެވެ. ނާލާއާއި ނަޒަރު ބަދަލު ކުރި އިރުގައި ވެސް އެދެލޮލުން އޭނައަށް ގާތް ކަމަށް ވުރެން ބޮޑަށް ފެނުނީ މުޅިން އެހެން ކުލަވަރުތަކެކެވެ. ސުވާލު އުފެދުނީ އެހެންވެއެވެ.
''ހާދަ ސުވާލު ގިނަވީ؟... ހެހެހެ، އަދިވެސް މީހުންނަށް ޓްރަސްޓްކުރަން ޝާއަށް އުނދަގޫދޯ، އެހެންވެތަ ސުވާލު ގިނަވެގެން ތިއުޅެނީ... ޔަޝްފީއަކީ ވަރަށް ރަނގަޅު ކުއްޖެކޭ...'' ޝައިހާއަށް އައިސްފައިވާ ބަދަލުތައް ފާހަގަކުރެވުމުން ނާލާ ބުނެލިއެވެ.
''އަސްލު މީހަކާ ބައްދަލުވާއިރަށް އޭނަގެ ގޮތެއް ނޭނގޭނެ، ބޭރު ފުށުން ދައްކާ ސިފަތައް އެކަނި އަހަރުމެންނަށް ފެންނާނީ... ހިތުގައި ފޮރުވިފައިވާ ކަންތަކެއް ނޭނގޭނެ، އެމީހެއްގެ ނިޔަތެއް ނޭނގޭނެ...'' ދުރު ހަނދާންތަކެއް އާލާކުރަމުން ޝައިހާ ވާހަކަދެއްކިއެވެ. މީހުންނަށް އިތުބާރުކުރުން އޭނައަށް އުނދަގޫކަމަކަށް ވެފައިވަނީ މާޒީގައި ކަންތައް ވެފައިވާ ގޮތަކުންނެވެ. އަހަރުތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު ކައިވެންޏަސް ތައްޔާރުވަމުން ދަނިކޮށް ރައްޓެހިވެގެން އުޅުނު ކުއްޖާ މަކަރުހެދިކަން ފަޅާއެރި ހިސާބުން އެއްވެސް މީހަކަށް އިތުބާރުކުރުމަކީ ޝައިހާއަށް ފަސޭހަކަމަކަށް ނުވެއެވެ. ކޮންމެ މީހަކާ މެދު ޝައްކުގެ ނަޒަރުން ދެކެވެނީ އެހެންވެއެވެ. އެމީހެއްގެ މިޒާޖާ މެދު ހިތުގައި ސުވާލު އުފެދޭތީއެވެ. މާޒީގެ ހިތި ހަނދާންތައް ސިކުނޑި ކިލަނބުކޮށްލާތީއެވެ.
''ތިބުނީ ވެސް ރަނގަޅު ވާހަކައެއް... އެކަމަކު ޔަޝްފީ އިޒް އެ ކައިޑް ޕާރސަން...'' ހިނިތުންވުމަކާއެކު ނާލާ ބުނެލިއެވެ.
''އެމީހަކު ދައްކާ ސިފައެއްތާ ފެންނާނީ ވެސް...'' ޝައިހާ އިތުރުކޮށްލިއެވެ. އޭނަ ބޭނުންވީ ޔަޝްފީއާ މެދު ނާލާ ސަމާލުވުމަށެވެ. އޭނަގެ ހިތުގައި ޔަޝްފީގެ ނިޔަތާ މެދު ސުވާލު އުފެދޭތީއެވެ. އެންމެ ބައްދަލުވުމަކުން ވިޔަސް ޔަޝްފީގެ ސިއްރުފަރާތެއް ވާކަން އޭނައަށް ލަފާކޮށްލެވުނެވެ.
''ހޫނ، ދެން އެންމެ ރަނގަޅޭ...'' ވާހަކައިގައި ތިބެ ނާލާއާއި ޝައިހާ ހޮސްޕިޓަލުގެ މައި އިމާރާތުން ބޭރަށް ނިކުމެއްޖެއެވެ. އެވަގުތު މަގުގެ އަނެއްފަރާތުގައި، ދުވާރު ކައިރީ ސައިކަލު މަޑުކޮށްލައިގެން އިން ރުހައިމް އަތުން ހަނާއަޅާލި މަންޒަރު ނާލައަށް ފެނުނެވެ.
''ފިރިސޮރަށް ލަސްވެފަހެން ހީވަނީ... މިހާރު ޗުއްޓީއަށް ދާ ތަން ނިންމައިފިންތަ؟... މިއަދު ޑިއުޓީގަ އިނދެގެން ކުރިހާ ވެސް ކަމަކީ ޓިކެޓު ބުކްކުރަން ސައިޓުތައް ހޭވުމެއްނު......'' ވާހަކައިގެ މިސްރާބު ބަދަލުކޮށްލަމުން ޝައިހާ ބުނެލިއެވެ. އަންނަ ހަފްތާގައި ނާލާ ޗުއްޓީއަށް ފުރާތީ އެކަމުގެ މައުލޫމާތު އޮޅުން ފިލުވާލަން ޝައިހާ ބޭނުން ވިއެވެ.
''މެލޭއަށް ދަނީ... އޭރުން ލުޔޫންއާ ވެސް އެކޮޅުން ބައްދަލުކޮށްލެވޭނެތާ... ޗުއްޓީ ނަގާ ވާހަކަ ބުނާ އިރަށް ބުނެފި މެލޭއަށް އަންނާށޭ، އެހެން ނޫނީ ދެން ދުވަހަކު ވެސް އަހަންނާ ވާހަކަ ނުދައްކާނަމޭ ވެސް ބުނެފި...'' ނާލާ ބުންޏެވެ. ކޮއްކޮގެ ހުންނަ ޅަމިޒާޖުގެ ވާހަކަ ކިޔަދިން އިރުގައި ނާލާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވިއެވެ. ދުވަސްތަކަށްފަހު ކޮއްކޮއާއި ވެސް ބައްދަލުކޮށްލުމުގެ ފުރުސަތު ލިބޭނެތީ ނާލާ ހުރީ ހިތްހަމަޖެހިފައެވެ. ހުރިހާ ގޮތަކުން ވެސް އެދަތަރު ހައްސަވާނެޔޭ ނާލާގެ ހިތަށް އެރިއެވެ. ރުހައިމްއާއެކު ދިރިއުޅުމުގެ މުޅިން އައު ބާބެއް ވެސް އެދަތުރާއެކު ފެށިގެންދާނެކަމުގެ ފޮނި އުއްމީދުތައް ނާލާގެ ހިތުގައި ވިއެވެ.
''ދެން އަވަހަށް ދޭ، ރުހައިމް އެއިނީ ލަސްވެފަ...'' ވާހަކަ ކުރުކޮށްލަމުން ޝައިހާ ބުންޏެވެ. އޭނަ ނާލާއާއި ހިނިތުންވުމެއް ބަދަލުކޮށްލަމުން ދާން އަވަސްވެގަތެވެ. ނާލާ ވެސް އަވަސްވެގަތީ ރުހައިމް ގާތަށް ދިއުމަށެވެ.
*****
''ޔަޝް... ޓެސްޓްގެ ނަތީޖާ އަންނާނެ ގޮތް އެނގެއެއްނު، ދެން އެއަށްފަހު ކިހިނެއް ހަދަން ތި ވިސްނަނީ؟... ރުހައިމް ފުރަން އުޅޭ ވާހަކަ ވެސް އަހަރެން އަޑު އެހިން... ޗުއްޓީ ނަގަން ވެގެން އޭނަ އެއުޅެނީ، އަހަންނަށް ހީވަނީ ނާލާއާއެކު ތަނަކަށް ދާން ވެގެން އުޅޭ ހެން، އޭނަ ޗުއްޓީއަށް ގޮސްފިއްޔާ ގޯސް ވެދާނެއެއްނު، ޔަޝްއަށް އޭރުން ގިނަ ވަގުތެއް ވެސް ނުލިބޭނެ...'' ފޯނާ ކުޅެން އިން ޔަޝްފީއަށް ފިޒާޔާ ބަލައިލިއެވެ. ކަންބޮޑުވުމާއެކު ފިޒާޔާ ވާހަކަދެއްކިއެވެ.
''ހުއް، އޭނައާއެކު ރުހައިމްއަށް ދިއުމުގެ ފުރުސަތު އަހަރެން ދޭނެހެން ހީވޭތަ؟... ކިޓްގެ ނަތީޖާ އެނގޭ އިރުގައި ވެސް ހޮސްޕިޓަލަށް އައީ ސަބަބެއް އޮވެގެންނޭ، ރިޒަލްޓް ލިބުނީމަ ރުހައިމްއަށް ޕްރެޝާރ ކުރެވޭނެ، ދެން އޮތްނާނީ ފިޒާގެ ބައި، ނާލާގެ ގާތަށް އަހަރެން ދިއުމަށް ވުރެން އަހަރެންގެ ހާލަތާ މެދު ހަމްދަރުދީވާ އެކުވެރިޔެއްގެ ހައިސިއްޔަތުން ފިޒާ ދިޔައީމަ ކަންތައް ގަނޑުބަޑުކޮށްލެވޭނީ، އޭރުން ނާލާ ހުންނާނީ ވިސްނައިގަންނަން ވެސް ނޭނގިފައި، އޭރަށް ރުހައިމްއަށް އިތުބާރުކުރަން އޭނައަށް ފަސޭހަކަމަކަށް ނުވާނެ... އަނެއްކޮޅުން އަހަންނަށް ހީވަނީ އޭނައަކީ ކުދިން ނުލިބޭ މީހެއް ހެން، ކައިވެންޏަށް އެތައް އަހަރެން ވީއިރު ކުއްޖަކު ނެތީ އެހެންވެކަން ނޭނގޭ، އޭނައަށް ހުރިހާ ކަމެއް އެނގުމުން ދެން ވާނެ ގޮތް ފިޒާ ވިސްނާލަބަލަ، ޔަޤީނުން ވެސް ހަޤީޤަތާ އޭނައަށް ކުރިމައްޗެއް ނުލެވޭނެ، ރުހައިމްއާއެކު ދިރިއުޅުން ފަސޭހަކަމަކަށް ވެސް ނުވާނެ، އޭނަ އަމިއްލައަށް ރުހައިމް ގާތުން ވަރިއަށް އެދޭވަރު އަހަރެން ކުރާނަން، އެއަށްފަހު ހަމައެކަނި އަހަރެންގެ މީހަކަށް ރުހައިމް ވާނީ... ރުހައިމް އޮތީ ހުރިހާ ކަމެއްގެ ޒިންމާ ނަގާނެ ވާހަކަ އަހަރެންގެ ގާތު ބުނެފައި...''
ވާހަކަދައްކަމުން ދިޔަ އިރު ޔަޝްފީގެ ތުންފަތުގައި ކުޅެލަމުން ދިޔައީ ވިހަ ހިނިތުންވުމެކެވެ. އޭނަގެ ހިތުގައި ވިންދު ޖަހަމުން ދިޔައީ އުފާވެރިކަމެވެ. އޭނަ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރިއަށް ދާތީ އެކަމުގެ ހިތްހަމަޖެހުން ލިބިފައި ވިއެވެ. ޔަޝްފީއަށް އޭނަގެ ބަނޑުގައި ފިރުމާލެވުނެވެ. އޭރު އެތުންފަތުގައިވި ހިނިތުންވުން ކުރިއަށްވުރެން ފުންވެގެން ދިޔަ އެވެ. އޭނަގެ ހުވަފެންތައް ހަޤީޤަތަކަށް ވަނީއެވެ.
*****
ގެއަށް ދިއުމުގެ ބަދަލުގައި ނާލާގެ އެދުމުގެ މަތިން ރުހައިމް ދިޔައީ ރަސްފަންނަށެވެ. އިރުއޮއްސެމުން ދިޔަ ވަގުތަށްވުމުން އިރުގެ ދަޅަތަކުން އުދަރެސް ވަނީ ގިރިޓީވެފައެވެ. ކުޑަކުދިންތައް ގޮނޑުދޮށުގައި ކުޅެން ތިބި މަންޒަރު ބަލަން ނާލާ އިނީ އެތާ ހުރި އަށްޓެއްގައެވެ. އޭރު ކަނޑުން އަންނަމުން ދިޔަ ފިނިފިނި ރޯޅިތަކުގެ އަރާމުކަން އިހުސާސްވަމުން ދިޔަ އެވެ. ލުއި ހިނިތުންވުމެއް ނާލާގެ ތުންފަތުގައި ކުޅެލަމުން ދިޔަ އެވެ.
''ލޯބި ކުދިންތަކެއްދޯ؟...'' ނާލާ ރުހައިމްއަށް ބަލައިލިއެވެ. ރުހައިމް އިނީ ފޯނާ ކުޅޭށެވެ. ނާލާގެ އަޑަށް ރުހައިމް ވެސް ބަލައިލިއެވެ.
ގޮނޑުދޮށުގައި ކުޅެން ތިބި ކުދިންނަށް ބަލަމުން ރުހައިމް ވެސް ހިނިތުންވެލިއެވެ. ރުހައިމްއަށް ނާލާގެ ޖުމްލައިގެ ފަހަތުގައި ފޮރުވިފައިވި މާނައެއް ނަގައެއް ނުގަނެވުނެވެ.
''ވަރަށް ދުވަސްފަހުން މިތަނަށް މި އާދެވުނީ...'' ހަށިފުރާ ފުންނޭވާއެއް ދޫކޮށްލަމުން ނާލާ ބުނެލިއެވެ. ކަނޑުގެ ސަތަހައާއި ނިވާވަމުން ދިޔަ އިރުގެ ދަޅަތަކަށް ނާލާ ނަޒަރު ހުއްޓާލިއެވެ.
ފަޓުލޫނުގެ ޖީބަށް ފޯނުލަމުން، ރުހައިމް ނާލާއަށް ބަލައިލިއެވެ. އެތުންފަތުގައިވި ލުއި ހިނިތުންވުމަށް ބަލަން ރުހައިމްއަށް އިނދެވުނެވެ.
ރުހައިމްގެ ނަޒަރު ފާހަގަ ކުރެވުމުން ނާލާ ނިތްއަރުވާލީ ކިހިނެއްވީހޭ އަހާލުމުގެ ގޮތުންނެވެ. ރުހައިމް ޚިޔާލަކަށް ގެއްލިފައިވާހެން އޭނައަށް ހީވުމުންނެވެ.
ކަނެއް ނުވެޔޭ ބުނެލަމުން ރުހައިމް އަވަސްއަވަހަށް ބޯހޫރާލިއެވެ.
''އަހަރެން ސުވާލެއްކޮށްލަންތަ؟ މިހާރަކަށް އައިސް ރުހައިމް އަބަދު ކަމަކާ މެދު ވިސްނާހެން އަހަންނަށް ހީވަނީ... ވަޓްސް ރޯންގް، އޮފީހުގައި ކަމެއް ދިމާވީތަ؟ ސްޓްރެސް އިސް ނޮޓް ގުޑް ފޯރ ޔޫ...'' ކަންބޮޑުވުން ނާލާ ފާޅުކުރިއެވެ. ފާއިތުވި ދުވަސްތަކުގެ ތެރޭގައި ކުދިކުދި ބަދަލުތަކެއް ރުހައިމްގެ މިޒާޖަށް އަންނަމުންދާކަން ނާލާއަށް ވަނީ ފާހަގަ ވެފައެވެ. އެބަދަލުތައް އޭނައަށް ސިއްރުކުރަން މަސައްކަތް ކުރާހެން ވެސް ނާލާއަށް ހީވާން ފެށައިފިއެވެ. ސަމާސާ ކުރުމަށް ލޯބިކުރާ މީހާ މިހާރަކަށް އައިސް ހުންނަނީ އަބަދުމެ ސީރިޔަސް ވެފައެވެ. އޭނައަށްޓަކައި ރުހައިމް ހިނިތުންވާން މަސައްކަތްކުރާހެން ވެސް ނާލާއަށް ހީވާން ފަށައިފިއެވެ.
ނާލާގެ ސުވާލުތަކުން ލިބުނު ނުތަނަވަސްކަމުގައި ރުހައިމްއަށް ހިނގަނޑެއް ޖަހާލެވުނެވެ. ރުހައިމްއަށް ބަލަމުން ދިޔަ ނާލާއަށް ލިބުނީ ހައިރާންކަމެކެވެ.
''އެއްވެސް ކަމެއް ނުވެޔޭ، ޗުއްޓީއަށް ދިއުމުގެ ކުރިން ނިންމަންޖެހޭ ކަންތައް ހުރީމަ އެކަމާ މިއުޅެނީ، އެހެންވެ ސްޓްރެސްވެފަ ހުންނަހެން ނާލާއަށް ހީވަނީ، އެވްރީތިންގް އިސް ފައިން...'' ނާލާގެ އަތުގައި ހިފާލަމުން ރުހައިމް ބުންޏެވެ. ދޮގު ހަދަން އޭނައަށް ފަސޭހަކަމަކަށް ނުވިއެވެ. ނަމަވެސް ނާލާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކުގައި ކުރިފަޅައި ފޯދުމުގެ ފުރުސަތު ދެވެން ނެތުމުން ރުހައިމްއަށް ޖެހުނީ ދޮގަކަށް ފަހު ދޮގެއް ހަދާށެވެ. އޭނަގެ އަމަލުތަކާ މެދު ކުރިއަށްވުރެން ސަމާލުވެލުމަށް ރުހައިމް އޭނަގެ ޒަމީރަށް ހަނދާންކޮށްދިނެވެ. އެދެމެދުގައި އޮތް ފުރިހަމަ ގުޅުމުގެ ސަބަބުން ނާލާއަށް ހަޤީޤަތް ސިއްރުކުރަން ރުހައިމްއަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ. ފަރުވާތެރިކަމާއެކު ފިޔަވަޅުތައް އެޅިކަމުގައި ވިޔަސް ނާލާގެ ސަމާލުކަން އޭނައަށް ނޭނގި ކުރެވޭ ކަންތަކަށް ހުއްޓެއެވެ. އޭނަ ފިކުރުބޮޑުވެފައިވާހެން ނާލާއަށް ހީވަނީ ވެސް އެހެންވެއެވެ.
އެއްޗެއް ނުބުނެ އިރުކޮޅެއް ވަންދެން ރުހައިމްއަށް ބަލަން ނާލާ އިނެވެ.
ހަށިފުރާ ފުންނޭވާއެއް ދޫކޮށްލަމުން ނާލާ ބޯޖަހާލިއެވެ. ރުހައިމްގެ ވާހަކަތަކަށް އިތުބާރުކުރަން ބޭނުން ވެފައެވެ. ނާލާ އުއްމީދު ކުރީ ޗުއްޓީއަށް ދެވުމުން ހުރިހާ ކަމެއް ރަނގަޅު ވެދާނެ ކަމަށެވެ. ވަޒީފާގެ ސަބަބުން ލިބިފައިވާ ބުރަހެލިކަމާ ރުހައިމްއަށް ދުރަށް ދެވިދާނެ ކަމަށެވެ.
*****
އިރުއޮއްސި ދުނިޔެމައްޗަށް އަނދިރިކަން ވެރިވާން ފެށުމުން ގެއަށް ދިއުމަށް ރުހައިމްގެ ދެމަފިރިން އަވަސްވެގަތެވެ. ތަންކޮޅެއް ދުރުގައި ޕާކްކޮށްފައި ހުރި ސައިކަލާ ދިމާއަށް ހިނގަމުން ދިޔަ ރުހައިމްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ނާލާ ބުނި އެއްޗަކުންނެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ރުހައިމްގެ ތަބީއަތަށް ބަދަލުތަކެއް އަތުވެއްޖެއެވެ.
''މިއަދު ޔަޝްފީއާ ހޮސްޕިޓަލުން ދިމާވި، ހީވަނީ ބަލިކޮށް އުޅޭހެން...'' ނާލާގެ ޖުމްލަ ރުހައިމްގެ ކަންފަތުގައި ގުގުމަމުން ދިޔަ އެވެ. މިއަދު ޔަޝްފީ އޮފީހަށް ސަލާން ބުނުމުން އޭނަގެ ސިކުނޑިއަށް ލިބިފައިވި ހާސްކަން އިތުރުވާން ފެށިއެވެ. އޭނަ ޔަޝްފީގެ ހާލު ބަލައިލަން ކުރި މެސެޖުތަކަށް ވެސް ޖަވާބެއް ނުލިބުނެވެ. ހިތުގައި ސުވާލު އުފެދިފައި ވަނިކޮށް ނާލާ ދެއްކި ވާހަކައަކުން ރުހައިމްގެ ހިތަށް ނުތަނަވަސްކަން ވެރިވެއްޖެއެވެ.
''މިހާރު ފެތުރެމުންދާ ހުންގަނޑު ލައްވާލީހެން ހީވަނީ...'' ރުހައިމް އަވަސްއަވަހަސް ބުނެލިއެވެ. އެއީ އޭނަގެ ހިތަށް ވިސްނައިދޭން ރުހައިމް ބުނި ޖުމްލައެކެވެ. ސިކުނޑީގެ ކަނަކުން ދޭން ފެށި އިންޒާރުތަކުގެ ރަނގަބީލަށް ބީރުކަންފަތެއް ދޭން ވެގެންނެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ވިސްނެމުން ދިޔަ ވަރަކަށް ހިތަށް ހާސްކަން ވެރިވާން ފެށިއެވެ. ނޭވާގެ ހިނގުން ވެސް އަވަސްވެއްޖެއެވެ.
*****
ސައިކަލު ދުއްވަމުން ދިޔައިރުގައި ވެސް ރުހައިމްއަށް ވިސްނެމުން ދިޔައީ ޔަޝްފީއާ މެދުގައެވެ. އެއާއެކު ހިތަށް ބިރުވެރިކަން ވެސް ވެރިވާން ފެށިއެވެ. ކުއްލިޔަކަށް ޔަޝްފީ އޮފީހަށް ސަލާން ބުނުމަށްފަހު ޑޮކްޓަރަށް ދައްކަން ދިއުމުން ހިތުގައި ސުވާލުތައް ފުނިޖެހިއްޖެއެވެ. އޭނައަށް ވިސްނެމުން ދިޔައީ އެންމެ ކަމަކާ މެދުގައެވެ. އެކަމާ މެދު ވިސްނަން ބޭނުން ނުވިކަމުގައި ވިޔަސް މެއެވެ. އޭގެ ސަބަބުން ބިރުވެރިކަން ނަފުސަށް ވެރިވާން ފެށިއެވެ. ޔަޝްފީއާއި އޭނައާ ދެމެދު ހިނގާފައި އޮތް ގުޅުމުގެ ސަބަބުން ހިތުގައި އުފެދެމުން ދިޔަ ވަހުމުތަކާއި ވެސް ދުރެއް ނުވެވުނެވެ. ރައްކާތެރިކަން ވެސް ބޭނުން ކުރެވިފައިނުވުމުން ރުހައިމްގެ ސިކުނޑީގެ ނާރުތަކަށް ވަންވާން ފެށިއެވެ. މީހާގެ ހަމަޖެހުން ގެއްލިއްޖެއެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ