ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު، ރަށްރަށަށް ޒިޔާރަތްކުރައްވައި ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ، ވެރިކަން ލިބިއްޖެ ނަމަ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ރަށަކީވެސް އެންމެ އަސާސީ ކަންކަން ފުރިހަމަވެފައިވާ ރަށަކަށް ހައްދަވައިދެއްވާނެ ކަމުގެ ވައުދެއެވެ. ލަފާފުރުމުގެ ދަތިތައް ނައްތާލައި، ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދެވެ. ހަލާކުވެފައިވާ މަގުތައް އާރާސްތުކޮށްދިނުމުގެ ވައުދެވެ.
ރައްޔިތުން 2018 ގައި ރައީސް ސޯލިހާ ރާއްޖޭގެ ހުންގާނު ހަވާލު ކުރީ، ފޮނި އުންމީދުތަކާއެކު އެ ރައްޔިތުންގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސައިދޭނެ ވެރިޔަކީ ރައީސް ސޯލިހު ކަމަށް ގަބޫލުކޮށްގެނެވެ. ރައީސް ސޯލިހު ރާއްޖޭގެ ހުންގާނާ ހަވާލުވެވަޑައިގެން ފަހުން ދެ އަހަރު ފާއިތުވީއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަން އޮތީ ރައްޔިތުން އެ އެދުނު ތަރައްގީ އެވެ.
ސަރުކާރަށް ދެ އަހަރު ފުރިގެން ތިން ވަނަ އަހަރުގެ ދުވަސްތައް ގުނަމުން އަންނައިރު، އެތައް ރަށެއްގެ ބަނދަރުތައް ވަނީ މަރާމާތުކޮށް ފުންކޮށްފައެވެ. ފެނާއި ނަރުދަމާގެ ހިދުމަތް އެތައް ރަށެއްގައި ވަނީ ފެށިފައެވެ. ބިމުގެ ދަތިކަން ދިމާވެފައިވާ ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫއުތައްވެސް ބާރަށް ކުރިއަށް އެބަދެއެވެ. މަގު ހެދުމުގެ ހަތް މަޝްރޫއުއެއްވެސް ރާއްޖޭގެ އެކި ކަންކޮޅުގައި ހިނގަމުން އެބަދެއެވެ.
ސަރުކާރުގެ ދެ އަހަރު ނިމުނު އިރު، ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުމުގެ 42 މަޝްރޫއެއް ކުރިއަށް ގެންގޮސް އޭގެ ތެރެއިން 11 މަޝްރޫއު މިހާރު ވަނީ ނިންމާލައިފައެވެ. އޭގެ ތެރޭގައި ތ. މަޑިފުށީ ބަނދަރު ހެދުމުގެ މަޝްރޫއުއާއި އއ. ހިމަންދޫ ބަނދަރު ހެދުމުގެ މަޝްރޫއާއި ގއ. ވިލިނގިލީ ބަނދަރު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި ހއ. ކެލާ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި ވ. ފެލިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ހިމެނެއެވެ. ނުނިމިވާ 31 ރަށުގެ ބަނދަރު ހެދުމާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. އެއްބައި ރަށްރަށުގައި މިހާރު ކުރެވެމުން އަންނަނީ އެންމެ ފަހު މަރުހަލާގެ މަސައްކަތްތަކެވެ.
ސަރުކާރަށް މިވީ ދެ އަހަރުގެ ތެރޭފައި ތިން ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއު ވަނީ ފަށައިފައެވެ. އެއީ ގެސްޓްހައުސްގެ މައި ހަބު ކަމުގައިވާ ކ. މާފުށްޓާއި ކ. ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫގެ އިތުރުން ކ. ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫއެވެ. އޭގެ ތެރެއިން މާފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކައި ނިންމާފައެވެ. އަދި ކ. ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ބޮޑުބައެއްވެސް ވަނީ މިހާރު ނިމިފައެވެ.
ރައީސް އޮފީހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، ބިން ހިއްކުމުގެ 14 މަޝްރޫއެއް ޕްރީ ޓެންޑަރިން މަރުހަލާގައި އެބަ އޮތެވެ. ބަނދަރު ހެދުމާއި އަޕްގްރޭޑް ކުރުމުގެ 16 މަޝްރޫއެއް ޓެންޑާ ކޮށްފައިވާއިރު، ނުވަ މަޝްރޫއެއް އެވޯޑް ކުރެވި ޕްރީ ޓެންޑަރިން މަރުހަލާގައިވެސް 8 މަޝްރޫއެއް އެބައޮތެވެ.
ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ހަތް ރަށެއްގެ މަގުތައް ހެދުމުގެ މަޝްރޫއު ވަނީ ފަށައިފައެވެ. އޭގެ ތެރޭގައި ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫއާއި ރ. ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫއާއި ފުވައްމުލަކު ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއާއި ރ. އުނގޫފާރު މަގުތައް ހެދުމުގެ މަޝްރޫއާއި ހދ. ހަނިމާދޫ މަގުތައް ހެދުމުގެ މަޝްރޫއާއި ބ. އޭދަފުށީގެ މަގުތައް ހެދުމުގެ މަޝްރޫއު ހިމެނެއެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ދަނީ ބ. އޭދަފުށީގެ މަގުތައް ހެދުމުގެ މަޝްރޫއާއި ފުވައްމުލަކު ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއެވެ.
މަގު ހެދުމުގެ ހަތް މަޝްރޫއެއް މިހާރު ފަށާފައިވާއިރު ފަސް ރަށެއްގެ މަގުހެދުމުގެ މަޝްރޫއު އެވޯޑް ކުރެވި 19 ރަށެއްގެ މަޝްރޫއު ޕްރީ ޓެންޑަރިން މަރުހަލާގައި އެބައޮތެވެ.
ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރުމަކީވެސް މި ސަރުކާރުން ހާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި 27 ރަށެއްގެ ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމް ކުރުމުގެ މަޝްރޫއު ވަނީ ފަށާފައެވެ. އަދި ޓެންޑާކޮށްފައި 12 މަޝްރޫއެއް އޮތް އިރު، އެވޯޑްކޮށްފައި 11 މަޝްރޫއެއް އެބައޮތެވެ. ޕްރީ ޓެންޑަރިން މަރުހަލާފައި 70 މަޝްރޫއެއް އެބައޮތެވެ.
ފާއިތުވި ދެ އަހަރުގެ ތެރޭގައި ސަރުކާރުން ހަވާލުކޮށްފައިވާ، ބަނދަރު ހެދުމާއި އަޕްގްރޭޑް ކުރުމުގެ މަޝްރޫއުތަކާއި ބިން ހިއްކުމާއި މަގުތައް ހެދުމުގެ އިތުރުން ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ސަރުކާރުގެ ތަރައްގީގެ މައި ހިއްސާދާރުކަމުގައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.
އެމްޓީސީސީން 100 އިންސައްތަ ދިވެހި މުވައްޒަފުންނާއެކު މަހާ ޖައްރާފު ބޭނުންކޮށްގެން ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށްގެންދާއިރު، އެކުންފުނީގެ އަމާޒަކީ، ހަވާލު ކުރެވިފައިވާ ހުރިހާ މަސައްކަތެއްވެސް ތާރީހުގެ ކުރިން ނިންމައި ހަވާލު ކުރުން ކަމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.
އެމްޓީސީސީއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ، އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ލިބޭ އެއް ކުންފުންޏެވެ.
ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފަށާފައިވާއިރު، އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގައިވެސް ވަނީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ހިމަނައިފައެވެ. އެގޮތުން، މިހާރު ފެނާއި ނަރުދަމާގެ ހިދުމަތް ނުފެށި އޮތް 104 ރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރުމަށް 631 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. ފެނާއި ނަރުދަމާގެ ހިދުމަތަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިދޭން ޖެހޭ އަސާސީ ހައްގަކަށްވާއިރު ސަރުކާރުގެ ވައުދާ އެއްގޮތަށް ސަރުކާރުގެ އަމާޒަކީ 2023 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަންނަ އަހަރުގެ ބަޖެޓުގައި ބަނދަރު ހެދުމުގެ މަޝްރޫއުތަކާއި މަގު ހެދުމުގެ މަޝްރޫތަކުގެ އިތުރުން ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކެއްވެސް ހިމަނާފައިވެއެވެ.
މި އަދަދުތަކަށް ބަލާއިރު، ރައީސް ސޯލިހުގެ ފުރަތަމަ ދެއަހަރު ވެސް މި ވަނީ މި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބެއް ހާސިލްކޮށްފައިކަން ގަބޫލުކުރަން ޖެހެ އެވެ. ދުނިޔޭގެ އިގްތިސޯދު އިނދަޖެހި، ރާއްޖެއަށް އާމްދަނީ ލިބުން އެއްކޮށް ހުއްޓުނު ކޮވިޑު އެއް އަހަރު ހިމެނުމުން ވެސް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ބޮޑުތަނުން ފަހަތަށް ޖެހުނުތަން ފެންނާކަށް ނެތެވެ. ހިސާބު އަދަދުތަކުން، އަދި އަތޮޅުތަކުގައި ކުތރިޔަށްދާ މަޝްރޫއުތަކުން ފެންނަނީ ތަރައްގީގެ މަޝްރޫއުތައް ބާރަށް ކުރިޔަށްދާ މަންޒަރެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް