ރިޕޯޓް

މީދޫ ކައިރިން ފެނުނު ފިޔަގަނޑު: އެއީ ހަނގުރާމައިގައި ބޭނުންކުރާ "އެމްކިއު-9 ރީޕަރ ޑްރޯން" ފިޔަގަނޑެއް

މުހައްމަދު އައުޒަމް

ދ.މީދޫ ކައިރިން ފްލައިޓެއްގެ ފިޔަގަނޑެއް ފެނި މީސްމީޑިއާގައި އޭގެ ފޮޓޯތައް އަންނަނީ ދައުރުވަމުންނެވެ.

އިއްޔެ ހަވީރުގެ ވަގުތެއްގައި މީދޫ ކައިރިން އޮޔާދަނިކޮށް ބަޔަކު ވަނީ އެފިޔަގަނޑު ރަށަށް ގެންގޮސް އެއްގަމަށް އަރުވައިފައެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެމައުލޫމާތު ގެނެސްފައިވާ އިރު، އެއީ ކޮން ބޯޓެއްގެ ފިޔަގަނޑެއްކަމެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ދައުރުވަމުން އަންނަ ފޮޓޯތަކަށް ބަލާއިރު ފިޔަގަނޑުގައި ޖަހާފައިވާ ރިނދެލި ތަކުން އެނގޭ ގޮތުގައި ފިޔަގަނޑު ކަނޑުގައި އޮޔާދާތާ ދުވަސްތަކެއް ވެދާނެއެވެ.

ދެން އެންމެ ގަދަޔަށް އެއް ބަޔަކު ދެއްކި ވާހަކައަކީ، މިއީ 2014 ވަނަ އަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހު ގެއްލުނު ގެއްލުނު އެމްއެޗް 370ގެ ބައިތަކެއް ތޯއެވެ؟

އެމްއެޗް370 ގެ ތަހުގީގަށް ބޭރުގެ ޓީމުތަކުން މީގެ ކުރިން ވަނީ ދ.ކުޑަހުވަދުއަށް އެތައް ފަހަރެއްގެ މަތިން ޒިޔާރާތް ކޮށްފައެވެ. އެ ފްލައިޓު ގެއްލުނު ދުވަހު ކުޑަހުވަދޫ މަތިން ކުރިން ނުފެންނަހާ ތިރިން ފްލައިޓެއް ދަތުރުކުރިކަމަށް އޭރު އެރަށު މީހުން ބުނެފައި ވެއެވެ.

މެލޭޝިއަން އެއާލައިން އެމްއެޗް 370 ގެއްލުނު ހާދިސާގެ ތަހުގީގު ހިލޭސާބަހަށް ކުރަމުން އަންނަ ޓީމުގެ މެންބަރަކަށް މި ފޮޓޯ ފޮނުވައި، މިއާ މެދު އޭނާގެ ބަހެއް "ވަން" އިން ވަނީ ހޯދައިފަ އެވެ.

ތަހުގީގު ޓީމުގެ މެންބަރު ބުނީ، މި ފިޔަގަނޑާ އެމްއެޗް 370 އާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

އެމްއެޗް 370 އަކީ ބޯއިންގ 200-777 އީއާރް މަރުކާގެ އެއާކްރާފްޓެއް، އޭގެ ފިޔަގަނޑު ތިހާ ކުޑައެއް ނުވާނެ
އެމްއެޗް370 ތަހުގީގު ޓީމުގެ މެންބަރު

777-200 އީއާރް މަރުކާގެ ފިޔަގަނޑުގެ ދިގުމިން 106 ފޫޓަށްވުރެ ދިގުވާނެއެވެ. ނަމަވެސް މީދޫ ކައިރިން ފެނިފައިވާ ފިޔަގަނޑުގެ ދިގުމިނުގައި ހުރީ 20 ވަރަކަށް ފޫޓެވެ.

އެމްއެޗް370 ގެ ތަހުގީގު ޓީމުގެ މެންބަރު ވަނީ، އެއާކްރާފްޓް އެކްސްޕާޓެއްގެ އެހީ ހޯދައި، އަލަށް މީދޫ ކައިރިން މި ފެނުނު ފިޔަގަނޑަކީ "އެމްކިއު-9 ރީޕަރ ޑްރޯން" އެއްގެ ފިޔަގަނޑެއްކަމަށް ޔަގީން ކޮށްދީފައެވެ.

އިތުރަށް ޔަގީން ކުރުމަށް ދިވެހި ޕައިލެޓެއްގެ އެހީ ހޯދައި ފޮޓޯ އެނަލިސިސް އެއް ހެދުމުންވެސް އެނގުނީ މިއީ "އެމްކިއު-9 ރީޕަރ ޑްރޯން" ފިޔަގަނޑެއް ކަމެވެ.

"އެމްކިއު-9 ރީޕަރ ޑްރޯން" އެއްގެ އަގަކީ 15.9 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ހަނގުރާމަ ތަކުގައި ބޭނުންކުރުމަށް އުފައްދާފައިވާ ރިމޯޓް ކޮންޓްރޯލް ޑްރޯން އެކެވެ. މިއީ އޮޓޯ މޯޑް ގައިވެސް ބޭނުންކުރެވޭ ގޮތަށް ހަދާފައި ހުންނަ ފަހުގެ ޓެކްނޮލޮޖީގެ ޑްރޯން އެކެވެ. މިބާވަތުގެ ޑްރޯންއަކީ އެމެރިކާގެ އެއާފޯސް އިން ހާއްސަ އޮޕަރޭޝަން ތަކުގައި ބޭނުންކުރާ ޑްރޯން އެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުންވެސް "އެމްކިއު-9 ރީޕަރ ޑްރޯން" ބޭނުންކުރެއެވެ. އަވަށްޓެރި އިންޑިއާއިންވެސް ވަނީ 2017 ވަނަ އަހަރު 22 ޑްރޯން ގަނެފައެވެ.