ޚަބަރު

ކޯޓުތަކުގައި އަންހެން ފަނޑިޔާރުންނަށް އިސްކަންދެވޭ ތަން މިހާރު ފެންނަމުން އެބަދޭ: އޭޖީ

ކޯޓުތަކުގައި އަންހެން ފަނޑިޔާރުންނަށް އިސްކަންދެވޭ ތަން މިހާރު ފެންނަމުން އެބަދާ ކަމަށާއި އެގޮތުގައި ކުރިއަށްދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ރިފްއަތު ވިދާޅުވީ ޖުޑީޝަރީގައި އަންހެނުންނާއި ފިރިހެނުންގެ ފަރަގު ކުޑަކުރުމަށްޓަކައި އެޅުނު ފިޔަވަޅަކީ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބަލައިގަންނަ ކަމަށެވެ.

"އަޅުގަނޑު އުފާވާ އެންމެ ބޮޑު އެއް ސަބަބަކީ މިއަދު އަޅުގަނޑުމެންނަށް ކެރޭނެ ދަންނަވަން ޖުޑީޝަރީގެ ކޯޓުތަކުގައި އަންހެން ފަނޑިޔާރުންނަށް އިސްކަން ދެވޭ ތަން އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ. މެޖިސްޓްރޭޓް ކޯޓުން ފެށިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާ ހަމައަށް އަންހެން ފަނޑިޔާރުން އެބަތިބި މިއަދު. އެހެންވީމާ އެއީ ޖުޑީޝަރީގައި އަންހެނުންނާއި ފިރިހެނުންގެ ފަރަގު ކުޑަކުރުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި އަޅުގަނޑު ބަލައިގަންނަން. އަދި އެގޮތަށް ކުރިއަށްއޮތް ތަނުގައި ވެސް އެ މަސައްކަތް އެ މޭރުމުން ކުރިއަށްދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،" ބަންޑާރަނައިބު ވިދާޅުވިއެވެ.

ރިފްއަތު ވިދާޅުވީ ޖުޑީޝަރީގެ އެންމެ މަތީ މަގާމުތަކަށް އައްޔަންކުރުމަކީ މީގެ ކުރިން ފެނިފައިވާ މަންޒަރުތަކެއް ނޫން ކަމަށާއި މިއަދު ސުޕްރީމް ކޯޓާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް އަންހެން ބޭފުޅުން ތިއްބެވި ކަމަށެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސަކަށް ވެސް މިއަދު އިންނަވަނީ އަންހެން ބޭފުޅެއްކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ފާހަގަށްކޮށްލަން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އެންމެ މަތީ ކޯޓަށް އަންހެން ބޭފުޅުން އައްޔަންކުރެވުނީ. އަދި ހަމައެއާއެކު ދިވެހިރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސަކަށް ވެސް އަންހެން ބޭފުޅަކު އެ އިންނަވަނީ. އަދި އޭގެ އިތުރަށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެންމެ އިސް ބޭފުޅަކަށް، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް ވެސް އެ ހުންނަވަނީ އަންހެން ބޭފުޅެއް." ބަންޑާރަނައިބު ވިދާޅުވިއެވެ.

އަންހެނުން ބާރުވެރިކުރުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން އެމަނިކުފާނު ވަނީ ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ކެބިނެޓް މިނިސްޓަރުންގެ މަގާމުތަކާއި ދައުލަތުގެ އެހެން އިސް މަގާމުތަކުން ވެސް އަންހެނުންނަށް ފުރުސަތު ދެއްވައިފައެވެ.