ބޮލީވުޑްގެ މަޝްހޫރު އެއް ބަތަލާ ދިޝާ ޕާޓްނީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފިއެވެ.
ދިޝާ ރާއްޖެ އައިކަން ހާމަކުރަން އޭނާ ވަނީ އިންސްޓަގްރާމް ސްޓޯރީއަށް އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓުގެ ވީޑިއޯތަކެއް ލައިފައެވެ.
ދިޝާއަކީ މިހާރު ބޮލީވުޑްގައި އެންމެ މަޝްހޫރު އެއް އެކްޓަރު ކަމަށްވާ ޓައިގާ ޝްރޮފްއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުއަރާފައިވާ ތަރިއެކެވެ. ދިޝާ އާއި ޓައިގާ އެކުގައި ރާއްޖެ އައިސްފައިވަނީ އިއްޔެއެވެ. އެ ދެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ރ. އަތޮޅުގައި ހިންގާ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގައެވެ. ޓައިގާ ވަނީ އެ ރިސޯޓުގައި އޭނާ ނަގާފައިވާ ފޮޓޯތަކެއްވެސް ހިއްސާކޮށްފައެވެ.
މި ދެ ތަރިން އެކުގައި މީގެ ކުރިންވެސް ވަނީ ރާއްޖެ އައިސްފައެވެ. 2018 ވަނަ އަހަރު ދެ ތަރިން އެކުގައި ރާއްޖެ އައި ނަމަވެސް އެކުގައި ނަގާފައިވާ ފޮޓޯތައް ހިއްސާކޮށްފައެއް ނުވެއެވެ. އަދި އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދެ ތަރިން އަބަދުވެސް ދޮގު ކުރެއެވެ.
ހަބަރުތައް ބުނާގޮތުގައި ޓައިގާއާ އެކު އޭނާގެ އާއިލާވެސް މި ހަފުތާ ބަންދުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރާނެއެވެ. އެގޮތުން ޓައިގާގެ ބައެއް އާއިލާ މެންބަރުން މާދަމާ ރާއްޖެ އަންނާނެއެވެ.
ދިޝާ އަކީ މިހާރު ބޮލީވުޑްގައި މަގުބޫލުކަން ހޯދަމުން އަންނަ ތަރިއެކެވެ. އޭނާ ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި އެމްއެސް ދޯނީ، ބާގީ ދޭއް، ބާރަތު އަދި އޭނާ އެންމެ ފަހުން ކުޅުނު މަލަންގް ހިމެނެއެވެ. އަދި ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މިހާރު ޝޫޓް ކުރަމުންދާ ކޭޓީނާގެ އިތުރުން ބޮލީވުޑްގެ އެންމެ މަގުބޫލު އެއް އެކްޓަރު ސަލްމާން ހާންއާއެކު ލީޑް ރޯލުން ފެނިގެންދާ ރާދޭ ފިލްމު ހިމެނެއެވެ.
އިންޑިއާގައި މި ދުވަސްކޮޅު ދިވާލީ ބަންދު ކުރިއަށް ދާއިރު ގިނަ ތަރިންތަކެއް ޗުއްޓީ ހޭދަކުރަން ރާއްޖެއަށް އެބަ އާދެއެވެ. އެގޮތުން ކެޓްރީނާ ކެއިފް އާއި ވަރުން ދާވަންވެސް ވަނީ މި ފަހުން ސޮނެވާފުއްޓަށް އައިސް ޗުއްޓީ ހޭދަކޮށްފައެވެ. އަދި މި ފަހުން ކައިވެނި ކުރި ކާޖަލް އަގަރްވާލްވެސް އޭނާގެ ފިރިމީހާއާއެކު އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް