ޑިފެންސްގެ މައްސަލަ އިންތިހާއަށް ކުރިމަތިވެފައިވާ ލިވަޕޫލްގެ ޑިފެންޑަރު ޖޯ ގޮމޭޒްއަށް ވެސް އަނިޔާވެއްޖެއެވެ.

ވާޖިލް ވެންޑައިކަށް އަނިޔާވެ، ސީޒަން އެއްކޮށް ކަހަލަ ގޮތަކަށް އޭނާއަށް ގެއްލޭނެ ކަމަށް ބެލެވޭ އިރު، އެތަން މިހާރު ފޫބައްދަމުން އަންނަ ގޮމޭޒްއަށް އަނިޔާވުމަކީ ޔާގަން ކްލޮޕަށް ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެކެވެ. އިންޓަނޭޝަނަލް ޑިއުޓީގައި އިންގްލެންޑް ޓީމާއެކު ފަރިތަކުރަމުންދަނިކޮށް ގޮމޭޒްއަށް އަނިޔާވެފައިވާ އިރު، މާދަމާގެ ވަގުތެއްގައި އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އިންގްލެންޑް ކޯޗު ގެރެތު ސައުތުގޭޓް އަނިޔާގެ ތަފްސީލުތައް ދޭނެ ކަމަށް ބެލެވެއެވެ.

ލިވަޕޫލްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ، ވެންޑައިކްގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ސާޖަރީ ހަދާފައިވާ އިރު، އޭނާ ކުޅެން ނުކުމެވޭނެ ކަމަށް ބެލެވެނީ މި ސީޒަންގެ ފަހުކޮޅު ނޫނީ އަންނަ ސީޒަންގައެވެ. ވެންޑައިކް ނެތް ތަން ފޫބެއްދުމަށް ކްލޮޕް ސެންޓަ ޑިފެންސަށް ފަބީނިއޯ ކުޅުވާފައިވާ އިރު، މިވަގުތު ފަބީނިއޯވެސް ހުރީ އަނިޔާގައެވެ.

ލިވަޕޫލުން މިދިޔަ ހަފްތާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ޓްރެންޓް އެލެކްސެންޑްރާ އާނޯލްޑަށްވެސް އަނިޔާވެގެން ބާލަން ޖެހިފައިވާ އިރު، ބެލެވޭ ގޮތުގައި ދެން އޮންނަ މެޗުގައި ރޮބާޓްސަން ސެންޓާ ބެކުން ފެނުން ގާތެވެ. އޭގެ އިތުރުން ކްލޮޕަށް ދެން އޮތް ގޮތަކީ އުމުރުން 19 އަހަރުގެ ރީސް ވިލިއަމްސްއާއި 23 އަހަރުގެ ނެޓް ފިލިޕްސްގެ ބޭނުން ސީޒަންގެ ބޮޑު ބައެއްގައި ހިފުމެވެ. މީގެ ކުރިން ކްލޮޕް ވަނީ އެ ދެކުޅުންތެރިންނަށްވެސް ތައުރީފުކޮށްފައެވެ.

ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމަކީ މާޔޫސްކަމެއްކަން ކްލޮޕް ކުރިންވެސް ފާހަގަކޮށްފައިވާ އިރު، ސިޓީ މެޗަށްފަހު އޭނާ ބުނެފައިވަނީ ފަސް ބަދަލު މެޗެއްގައި ގެނެވޭ ގޮތަށް އަލުން އުސޫލެއް އެކުލަވާލަން އެދޭ ކަމަށެވެ. އެކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާވެސް ވަނީ ތާއީދުކޮށްފައެވެ.