ދިވެހިންނަށް އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ލިބުމަށް މެދުވެރިވި ބޭކަލަކާމެދު ދެ ރިވާއެއް އޮވެއެވެ. އެއް ރިވާޔަކީ މާފަހަކުން މުހައްމަދު އަމީނު ތިލަކުރެއްވި ރިވާއެކެވެ. މޮރޮކޯގެ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީގެ ރިވާއެވެ. އަނެއް ރިވާޔަކީ ދިވެހީން އިސްލާމްދީން ޚިޔާރުކުރި ދުވަހުން ފެށިގެން މުހައްމަދު އަމީނާ ހަމަޔަށް ތަބާވަމުން އައި ރިވާއެވެ. ފާރިސްކަރައިގެ ތަބުރޭޒުން ވަޑައިގެންނެވި ޔޫސުފް ތަބްރޭޒީގެ ރިވާއެވެ. ކޮންމެއަކަސް ތާރީޚުން ހެކިލިބުން ގިނައީވެސް އަދި ބުއްދިޔަށް ގަބޫލުކުރާން ފަސޭހައީވެސް ތަބުރޭޒީގެ ރިވާއެވެ.

ދިވެހިރާއްޖެއަށް ވަޑައިގެންނެވީ ތަބުރޭޒީއަކަށްވަންޏާ އަދި ދިވެހިންނާ ހަމަޔަށް އިސްލާމީ ނޫރު ގެންނެވި ބޭކަލަކީ ތަބްރޭޒުން ވަޑައިގެންނެވި ބޭކަލަކަށްވަންޏާ ދުނިޔޭގެ ތާރީޚާއި އެސަރަހައްދުގެ ތާރީޚުން ދިވެހީންނަށް ކޮންމެވެސް މިންވަރެއް އެނގުން ލާޒިމުވެއެވެ. އެހެންވީމާ މިކަން ހަނދާނުގައި ބަހައްޓައިގެން މިއަދު ލިޔާންކަމަށް މިއުޅެނީ ތަބްރޭޒީންގެ ވާހަކައެވެ. އަޒާރީންގެ ވާހަކައެވެ. ފާރިސީންގެ ވާހަކައެވެ. އާމީނިޔަނުންގެ ވާހަކައެވެ. ނަގޯނޯ ކަރަބާޚުގެ ވާހަކައެވެ. މިއީ މިދުވަސްވަރުގެ ހަގުރާމަޔަކާ ގުޅިގެން ދުނިޔޭގެ ބޮޑު ސުރުޚީވެސްމެއެވެ. ވަރަށް ގިނަ ދިވެހިން ކުރާ ސުވާލެކެވެ. ނަގޯނޯ ކަރަބާޚުގެ މައްސަލާގައި އެވަރަކަށް ބަޔަކު ހިފަނީ ކީއްވެގެން ހެއްޔެވެ.

ނަގޯނޯ ކަރަބާޚުގެ މައްސަލާގައި ހިފަނީ އަދި ހަގުރާމަކުރަމުންދަނީ އަޒާރީންނާއި އާމީނިޔަނުންނެވެ. އަޒާރީންގެ ގައުމަކީ އަޒަބައިޖާނެވެ. އާމީނިޔަނުންގެ ގައުމަކީ އާމީނިޔާއެވެ. އަޒާރީން ދެބަޔަކަށް ބަހައިލެވިދާނެއެވެ. އެއްބަޔަކީ އުތުރު އަޒަބައިޖާނެވެ. އެއީ މިހާރު އެންމެންވެސް ދަންނަ އަޒަބައިޖާނެވެ. އަނެއްބަޔަކީ ދެކުނު އަޒަބައިޖާނެވެ. އެއީ މިއަދުގެ އީރާނުގެ އުތުރުގެ ތިން ޕްރޮވިންސެކެވެ. ތަބުރޭޒީ އަޒަބައިޖާނެވެ. އީރާނުގެ މި ސަރަހައްދުގައި ގާތްގަނޑަކަށް ފަންސަވީހަކަށް މިލިޔަން އަޒާރީން ދިރިއުޅެއެވެ. ހަމައެކަނި ތަބްރޭޒް ސިޓީގައިވެސް ދެ މިލިޔަން އަޒާރީން ދިރިއުޅެއެވެ.

އީރާނުގައި އަގުލަބިއްޔަތު ލިބިގެންވަނީ ފާރިސީންނަށެވެ. އަޒާރީންގެ ނިސްބަތަކީ މުޅިއާބާދީގެ ފަންސަވީސް އިންސައްތައެވެ. އަޒަބައިޖާނުގެ އާބާދީގެ 98 އިންސަައްތަޔަކީ އަޒާރީންނެވެ. އަޒަބައިޖާނުގައިވެސް އަދި އީރާނުގައިވެސް ދިރިއުޅެނީ މުސްލިމުންނެވެ. އެހެންނަމަވެސް ޝިޔާ މުސްލިމުންނެވެ. ފާރިސީންނާއި އަޒާރީންގެ ބަސް ވަރަށް ތަފާތެވެ. އަޒާރީންގެ ބަސް ބޮޑަށް ވައްތަރީ ތުރުކީބަހާއެވެ. ސަގާފީގޮތުން އަޒާރީންނާ އެއްގޮތްކަން ބޮޑީ ތުރުކީންނެވެ. އެކަމަކު ތުރުކީންނަކީ ސުންނީ މުސްލިމުންނެވެ. އަޒާރީންގެ ތެރޭގައި ގިނައީ ފާރިސީންވެސް ފަދައިން ޝިޔާ މުސްލިމުންނެވެ.

ފާރިސީންނާއި ރޫސީންނާ ދެމެދު ހިގި ހަގުރާމަތަކަށްފަހު 1991 ވަނަ އަހަރާ ހަމަޔަށް އުތުރު އަޒަބައިޖާނު އޮތީ ރޫސީންގެ ބާރުދަށުގައެވެ. ކުރީގެ ސޯވިއެޓް ޔޫނިއަންގައި ހިމެނުނު ފަނަރަ ޖުމްހޫރިއްޔާގެ ތެރެއިން އެއް ޖުމްހޫރިއްޔާއަކީ އަޒަބައިޖާނެވެ. ދެކުނު އަޒަބައިޖާނު ތިންބަޔަކަށް ބަހާލައިގެން އީރާނު ވަނީ އެތާގެ އެންމެ އުތުރުގެ ތިން ޕްރޮވިންސްކަމަށް ހަދައިފައެވެ. ނަގޯނޯ ކަރަބާޚަކީ އުތުރު އަޒަބައިޖާނުގެ ތެރޭގައި އޮންނަ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ގިނައިން ދިރުއުޅެނީ އާމީނިޔަނުންނެވެ. އާމީނިޔާއަކީވެސް ސޯވިއެޓް ޔޫނިއަންގައި ހިމެނުނު ޖުމްހޫރިއްޔާއެކެވެ. އަޒަބައިޖާނާއި އާމީނިޔާ މިނިވަންވީ ސޯވިއެޓް ޔުނިއަން ރޫޅިގެންދިޔުމުންނެވެ.

އަޒަބައިޖާނަކީ އިސްލާމީ ގައުމެކެވެ. އާމީނިޔާއަކީ ނަސާރާ ގައުމެކެވެ. ދުނިޔޭގައި މުސްލިމުން އެންމެ މަދު މުސްލިމުންގެ އަސަރު އެންމެ ކުޑަ އެއްގައުމަކީވެސް އާމީނިޔާއެވެ. ކޮންމެއަކަސް އަޒަބައިޖާނާއި އާމީނިޔާއަށް މިނިވަންކަން ލިބުމާއެކު މިދެގައުމުގެ މެދުގައި ލޭއޮހޮރުވުމެއް ފެށިއްޖެއެވެ. މައްސަލަޔަކީ ނަގޯނޯ ކަރަބާޚުގެ މައްސަލަޔެވެ. ނަގޯނޯ ކަރަބާޚަކީ އަޒަބައިޖާނުގެ ސަރަހައްދެކެވެ. އާމީނިޔާ ފިޔަވައި މުޅިދުނިޔެވެސް ގަބޫލުކުރަނީ އެގޮތެވެ. އެކަމަކު އާމީނިޔާ ބުނަނީ އެއީ އާމީނިޔާއަށް ލިބެން ޖެހޭ އާމީނިޔާގެ މިލްކު ސަރަހައްދެއް ކަމުގައެވެ. ދެ ގައުމުގެ މިނިވަންކަމަށް އަހަރުވެސް ނުވަނީސް އާމީނިޔާއިން އިސްވެ ހަގުރާމައެއް ފަށައި ނަގޯނޯ ކަރަބާޚު ހިފައިފިއެވެ. އަދި ވަށައިގެންވާ ވަރަށް ބޮޑު ސަރަހައްދެއްވެސް ހިފައިފިއެވެ.

މިހާފަސޭހައިން މިހާ އަވަހަށް އާމީނިޔާއަށް މިކާމިޔާބު ހޯދުނީ ރޫސީވިލާތާއި އީރާނުގެ މަދަދު ލިބިގެންނެވެ. އީރާނަކީ އިސްލާމީ ގައުމަކަށްވެފައި އަޒާރީންނަކީ އީރާނުގެ ދީނީ އަދި މަޒުހަބީ އަޚުންކަމަށްވެފައި އަޒަބައިޖާނާ ދެކޮޅަށް ނަސްރާނިއްޔަ އާމީނިޔާއަށް އީރާނުން އެހީވެދިނީ ކީއްވެގެން ހެއްޔެވެ. އަޒަބައިޖާނު ބާރުގަދަވެ ތަރައްގީ އައުމަކީ އީރާނުގެ މަސްލަހަތެއް ނޫނެވެ. އީރާނު ގަބޫލުކުރާގޮތުގައި އަޒަބައިޖާނަށް ހަމަނޭވާލާން ފުރުސަތު ދީފިނަމަ ތަބްރޭޒުވެސް ހިމެނޭގޮތުން އީރާނުގެ އެންމެ އުތުރުގެ ތިން ޕްރޮވިންސް އަޒަބައިޖާނާ ގުޅެން ދިމާކޮށްފާނެއެވެ. އަޒާރީންގެ ވަފާތެރިކަން ބޮޑަށް އޮންނާނީ އަޒަބައިޖާނަށެވެ.

ކޮންމެއަކަސް މިޚިޔާލުގައި އާމީނިޔާއަށް އީރާނުން އެންމެ ފުރަތަމަ އެހީވީ ހަމަފާޅުގައެވެ. ފަހުން ސިއްރިޔާތުގައެވެ. އޭރުވެސް ތުރުކީވިލާތުން ތާއީދުކުރީ އަޒަބައިޖާނަށެވެ. އެކަމަކު މާބޮޑު އެހީތެރިކަމެއް ފޯރުކޮށްނުދެވިގެން އުޅެނިކޮށް އާމީނިޔާއިން ނަގޯނޯ ކަރަބާޚު ހިފައި އަތްގަދަކޮށް ނިންމައިފިއެވެ. އެހާދިސާއަށް ފަހު އަޒަބައިޖާނަށް ލިބުނު ހިތި ފިލާވަޅުން ތަޖުރިބާ ހޯދައިގެން އަޒަބައިޖާނުން ފެށީ އަސްކަރީ ކެރިފޯރުންތެރިކަން ލިބިގަތުމުގެ މަސައްކަތެވެ. އީރާނު ކުޅުނު ދައުރުގެ ރައްދުގައި އަޒަބައިޖާނުން އިޒްރޭލާ ގުޅުން ގާއިމުކޮށް އިޒްރޭލުގެ އެހީވެސް ހޯދާންފެށިއެވެ. މިގޮތަށް ތައްޔާރުވަމުން އައިސް އަށާވީސް އަހަރުފަހުން އަލުން ހަގުރާމައެއް ފަށައި މިމަހުގެ ތެރޭގައި އަޒަބައިޖާނުން ވަރަށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

ތުރުކީވިލާތުގެ ފުރިހަމަ ސިޔާސީ އަދި އަސްކަރީ މަދަދާއި އިޒްރޭލުގެ ޓެކްނޮލޮޖީގެ އެހީގައި އާމީނިޔަނުންގެ މައްޗަށް އަޒަބައިޖާން ކުރިހޯދާން ފެށުމުން އާމީނިޔާ އަދި މުޅިން އިނދަ ނުޖެހެނީސް ރޫސީންނާއި އީރާނު ބައިވެރިވެގެން ހޯހޯގޮވައި އަޒަބައިޖާނަށް މަޖްބޫރީ ހާލަތެއް ކުރިމަތިކޮށް ހަގުރާމަ ހުއްޓުވައިފިއެވެ. ހަގުރާމަޔަށް މިޒާތުގެ ހުއްޓުމެއް މިވަގުތު ގެނެވުނަސް އެއީ ދާއިމީ ހުއްޓުމަކަށް ނުވާނެއެވެ. ދާއިމީ ސުލްހަޔަކަށްވެސް ނުވާނެއެވެ. ރޫސީންނާއި އީރާނުގެ މަސްލަހަތާއި އެކުވެރިކަމަށް އަންނަ ބަދަލަކުން މަންޒަރުވެސް ބަދަލުވެދާނެއެވެ.

ކޮންމެއަކަސް ނަގޯނޯ ކަރަބާޚުގެ މައްސަލަޔަކީ މުޅި ސަރަހައްދުގެ މައްސަލަޔެކެވެ. ރޫސީވިލާތާއި އީރާނާއި ތުރުކީވިލާތުގެ މަސްލަހަތާވެސް ގުޅިފައިވާ މައްސަލައެކެވެ. އާމީނިޔާ މުޅިން ބަލިވާކަށް ރޫސީންނާއި އީރާން ބޭނުމެއް ނުވާނެއެވެ. އަޒަބައިޖާން އިނދަޖެހެން ތުރުކީވިލާތް ނުރުހޭނެއެވެ. އީރާނުން މިކަމުގެ ތެރޭގައި ދައުރެއް ކުޅެންޏާ އިޒްރޭލުން އަނެއްކޮޅަށް އަރާނެއެވެ. އަސްކަރީ ނަޒަރިއްޔާތަކުން ބަލާއިރު މިއީ ލުބުނާނުގައި އީރާނާއި އިޒްރޭލުން ހިންގާ ކުރިމަތިލުމާ މުޅިން އެއްކަހަލަ ކުރިމަތިލުމެކެވެ. އެހެންވީމާ އީރާނުންވެސް އާމީނިޔާ ކޮޅަށް ފާޅުގައި ޖެހިގެން އިޒްރޭލާ ގާތްވުމަށް އަޒަބައިޖާނަށް އެހާ ތަނަވަސް ފުރުސަތެއްދޭން ދެން ބޭނުމެއް ނުވާނެއެވެ. މިހެން މިކަންއޮތީމާ ދެން މައްސަލަ ފުރޮޅިގެން ހިނގައިދާނެ ގޮތް ބެލުމަށް މުޅިދުނިޔެ އޮތީ އިންތިޒާރެއްގައެވެ.