ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓްރީ ހަރްޝް ވަރްދަން ޝްރިންގްލާ، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ޝްރިންގްލާ ވަނީ، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތަފްސީލު އިދިކޮޅު ފަރާތްތަކާއި ހިއްސާކުރައްވައިފައެވެ.
މި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވީ އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރުން ކަމުގައިވާ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޕީޕީއެމްގެ ނައިބު ރައީސުން ކަމުގައިވާ ގައްސާން މައުމޫން، މުހައްމަދު ހުސެއިން ޝަރީފް އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދެވެ.
މި ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުން ވަނީ، ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ސަރުކާރުން ނުހައްގުން އަނިޔާ ދެމުންދާކަން ފާހަގަކުރައްވައި، އެ ވާހަކަތައް ޝްރިންގްލާއާ ހިއްސާކުރައްވައިފައެވެ. އެގޮތުން އެމަނިކުފާނުގެ ޝަރީއަތަކީ ބައިނަލްއަގުވާމީ އުސޫލުތަކާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި އެތައް ގޮތަކުން ފުށޫއަރާ ޝަރީއަތެއް ކަމަށާއި ޖަލުގައި ހުންނަވާތާ އެއް އަހަރާ ގާތްވަމުންދާ ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލައާ މެދު ހުރި ކަންބޮޑުވުންތައް ވެސް ހިއްސާކުރައްވާފައިވެއެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުން ބުނީ، ރައީސް ޔާމީން ހައްޔަރުގައި ބަހައްޓައިގެން ސަރުކާރުން ހިންގަމުންދާ ޖަރީމާތަކުން ދޭހަވަނީ މި ސަރުކާރުގައި ތިބީ ޑިމޮކްރަސީއަށް ކުޑަވެސް އިހުތިރާމެއް ނެތް ބައެއް ކަމަށެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ އިދިކޮޅު ކޯލިޝަންގެ ބޭފުޅުން ވަނީ އިންޑިއާއިން އަަބަދުވެސް ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީ ފާހަގަކުރައްވައި، ދެގައުމުގެ މެދުގައިވާ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު