ބޮލީވުޑް އެކްޓަރު އަރްޖުން ރާމްޕަލްގެ ގެއިން މަސްތުވާ ތަކެތި ފެނި، ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

އަރްޖުންގެ ގެއިން ޑްރަގްސް ފެނިފައި ވަނީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން އެ ގެ ބަލައި ފާސްކުރުމުންނެވެ. މިމައްސަލައިގައި އޭނާގެ ލޯބިވެރިޔާ ގެބްރިއެއްލާވެސް ހާޒިރުވާން ވަނީ އަންގައިފައެވެ. އެ ދެމީހުންނާ ސުވާލުކުރުމަށް ހާޒިރުވާން އަންގާފައިވަނީ މާދަމާގެ ވަގުތަކަށެވެ.

އިއްޔެ އިންޑިއާގެ މުމްބާއީގައި ހިންގި ހާއްސަ މި އޮޕަރޭޝަނުގައި ބޮލީވުޑްގެ މަގުބޫލު ޕްރޮޑިއުސަރު ފީރޯޒް ނަދިދްވާލާގެ އަންހެނުން ވަނީ ހައްޔަރުވެސް ކޮށްފައެވެ. އޭނާ ހައްޔަރު ކުރީ އެ ދެމަފިރިން ދިރިއުޅޭ ގެ ބަލައި ފާސްކުރުމުގައި 10ގްރާމްގެ މަރުޖުއާނާ ފެނިގެންނެވެ. ފީރޯޒް ފުލުހަށް ހާޒިރުވާން އެންގި ނަމަވެސް އޭނާ ހާޒިރު ނުވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެންސީބީން މި ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަން ތަކަކީ ޖޫން މަހު މަރުވި، ބަތަލު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ ތަހުގީގުގައި ފެޅި ކުރިތަކަކާ ގުޅިގެން ކުރިޔަށް ގެންދާ ހާއްސަ އޮޕަރޭޝަން ތަކެކެވެ. އެ ތަހުގީގުގައި ވަނީ ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކޮރޮބޯޓީ ގެ ފޯނުން ވަޓްސްއަޕް ޗެޓް ލޮގް ތަކުން ޑްރަގްސް ގެ ވާހަކަތައް ދައްކާފައިވާ ޗެޓްލޮގް ތަކެއް ފެނިފައެވެ.

މިމައްސަލާގައި މިދިޔަ ސެޕްޓެމްބަރު މަހު ރިއާ ހައްޔަރުކޮށްފައިވާއިރު ބޮމްބޭ ހައިކޯޓުން ވަނީ ކަފާލާތުގެ ދަށުން މިދިޔަ މަހު އޭނާ ދޫކޮށްލައިފައެވެ.

އެންސީބީ އިން ބަލަމުން އަންނަ މަސްތުވާތަކެތީގެ މައްސަލައާ އެކު ވަނީ ބޮލީވުޑްގައި ތިބި މަސްތުވާތަކެތި ބޭނުން ކުރާ ގިނަ ފަންނާނުންގެ ނަން ފަޅާއަރައިފައެވެ. އޭގެތެރޭގައި މަޝްހޫރު ބަތަލާ ދިޕިކާ ޕަޑުކޯންވެސް ހިމެނެއެވެ.