ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިއަހަރުގެ މިހާތަނަށް 15،000 އަށްވުރެ ގިނަ ބަނގުލަދޭޝް ރައްޔިތުން އަނބުރާ އެގައުމަށް ފޮނުވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިނިސްޓަރު ފައްޔާޒު ރޭ ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލުމުގެ ޕްރޮގްރާމް މައްސަލަ ހައްލުވަންދެން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިއަހަރުގެ ޓާގެޓަކީ ގަވާއިދާ ހިލާފަށް އުޅޭ 20،000 މީހުން ފޮނުވާލުން ކަމަށާއި ނަމަވެސް މިއަހަރު ޓާގެޓް ކުރި އަދަދަށް މީހުން ފޮނުވައި ނުލެވޭނެ ކަމަށް ވިދާޅުވިއެވެ.
"ޑޮކިއުމެންޓް ނެތް މީހުންގެ ތެރެއިން ގާތްގަނޑަކަށް 7000 ޕްލަސް ފޮނުވިފަ މިވަނީ. މިހާރު މި ފެންނަ ގޮތުން ވެއްޖިއްޔާމު ޑިސެމްބަރުގެ މިޔަލަށް އަޅުގަނޑުމެންނަށް 10.000 އެންމެ ގިނަވެގެން ފޮނުވާލެވޭވަރު ވާނީ. އެއަށްވުރެ ކުޑަކޮށް ދަށްވެސް ވެދާނެ،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް 60،000 އާއި 80،000އާ ދެމެދުގެ ބިދޭސީން އުޅޭ ކަމަށެވެ. އަދި ބަނގުލަދޭޝް އިން މީހުން ގެނައުން ލިމިޓްކޮށް، މޮނިޓޯރިއަމްއެއް ގެނައުމުން މިހާތަނަށް އަލަށް ރާއްޖެ އައިސްފައިވަނީ 2000 މީހުން ކަމަށެވެ.
"އެކަމަކު މިއަހަރު އަންޑޮކިއުމެންޓް 7000 ޕްލަސްއާ އިތުރު 8000 ބަނގުލަދޭޝް މީހުން ގޮސްފި. އޭގެ މާނައަކީ އެމީހުން ވޯކް ޕާމިޓް ކެންސަލް ކުރެވިއްޖެ. ޖުމްލަ 15،000 މީހުން މިއަހަރު ތެރޭގައި ގޮސްފި. އިތުރުވީ 2000،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އަންނަ އަހަރުވެސް ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސީން ފޮނުވާލުމަކީ ޓާގެޓެއް ކަަމަށާއި އަންނަ އަހަރު އެކަން ފަސޭހަ ކަމާއެކު ކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ވިދާޅުވީ 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލައަކަށް މި ދެ އަހަރު ދުވަހުގެ ތެރޭގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި އެއީ ވަރަށްވެސް ހިތްހަމަ ޖެހޭ ކަމެއް ކަމަށެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ މިހާރު ފޮނުވާލެވެނީ ހަފްތާއަކު 200 މީހުން ކަމަށާއި ނަމަވެސް ބަނގުލަދޭޝްގެ އެމްބަސަޑަރާ ވާހަކަ ދައްކައި އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގައުމަށް އަނބުރާ ދާން ބޭނުންވާ ވަރަށް ގިނަ ބިދޭސީން އެބަ ތިބި ކަމަށާއި ނަމަވެސް ޑޮކިއުމެންޓް ނެތުމުން ނުދެވިފައި ތިބި ކަމަށެވެ. އެމީހުން ގައުމަށް ފޮނުވަމުންދަނީ ބަނގުލަދޭޝް އެމްބަސީން ޕާސްޕޯޓް ހެދޭ މިންވަރަކުން ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް