(07 ނޮވެމްބަރުގެ އަދަދާ ގުޅޭ)
سـكيـنـة ވިދާޅުވިއެވެ. "سعد ބުނަނީ ذوالـنّــون ގެ ލަޝްކަރު ޤުރުޠުބާގެ އެތައް އަވަށެއް އަންދައިލައިފިޔޭ. ތިމަން ކުޑަކުދީންގެ ލަޝްކަރެއް އެބަ ތައްޔާރުކުރަމޭ. ބޮޑުވިދުވަހަކުން ޠުލައިޠުލާއަށް ޙަމަލާދީ ذوالـنّــون ގެ ކިބައިން ބަދަލުހިފާނަމޭ.
أحمد އާއި حسن އާ ދެބެން ފެންޑާމައްޗަށް ވަޑައިގެންފިއެވެ. ދެބޭފުޅުން ދުވެވަޑައިގެންފައި ވަޑައިގެން ބައްޕާފުޅާ އޮޅުލައިވަޑައިގެންފިއެވެ. أحمد އޭނާގެ ބައްޕަޔާ ސުވާލުކުރެއްވިއެވެ.
"ބައްޕާ! ކޮންއިރަކުތޯ އިޝްބީލިއްޔާގެ ލަޝްކަރު އަންނާނީ!"
"ދަރިފުޅާ! އިޝްބީލިއްޔާގެ ލަޝްކަރު މިއަދު އަންނާނެކަން ނޭނގެ!"
سـكيـنـة ވިދާޅުވިއެވެ. "ރަށުގެ މީހުން އެކަމާ ވަރަށްބޮޑަށް އެބަ އުފާފާޅުކުރޭ."
عبـدالمـنعــم ސީރިއަސް ވެވަޑައިގެންފައި ވިދާޅުވިއެވެ. "މިހާރަކު ذوالـنّــون ބަލިކުރާކަށެއް އަޅުގަނޑުމެންނަކަށް معـتـمـد ގެ އެހީފުޅުގެ ބޭނުމެއްނެތް."
سـكيـنـة ވިދާޅުވިއެވެ. "ޙަޤީޤަތުގައިވެސް އިޝްބީލިއްޔާގެ ލަޝްކަރު އަންނަނީ މާލަހުން ނަމަވެސް އެ ލަޝްކަރު އައުމަކީ ރަނގަޅު ފާލެއް. އަޅުގަނޑަށް ހީވާގޮތުގައި އިޝްބީލިއްޔާގެ ލަޝްކަރު ފެންނައިރަށް ذوالـنّــون ގެ ބާކީހުރި ހަކަތަކޮޅުވެސް ނެތިގެން ހިނގައިދާނެ."
عبـدالمـنعــم ވިދާޅުވިއެވެ. "ذوالـنّــون ގެ އެއްވެސް ބުންވަރެއް މިހާރަކުވެސް ނެތް. معـتـمـد ގެ ލަޝްކަރުގެ އައުމަކީ އަޅުގަނޑުމެންނަށް އައު މުސީބާތެއްގެ ފެށުން ކަމުގައި ވިޔަނުދެއްވާށި! އޭނާ އިޚުލާޞްތެރި ހިތްޕުޅަކުން ޤުރުޠުބާގެ މީހުންނަށް އެހީވެދެއްވަން ބޭނުންފުޅުނަމަ ވަޑައިގަތީހީ މީގެ އެތައްދުވަހެއްގެ ކުރީން. މިހާރުވެސް އޭނާ ޤުރުޠުބާއާ ވިއްސަކަށް މޭލުދުރުގައި ލަޝްކަރު މަޑުކުރައްވައިގެން ޅެންވެރީންނާއެކު ހަވީރުކުރައްވާތާ އެއްހަފްތާ އަށްވުރެ ގިނަވެއްޖެ. އިހަށްދުވަހު އަޅުގަނޑުމެންނަށް ޚަބަރު ލިބުނު އެލަޝްކަރު އެތަނުން ފުރައިފިކަމަށާއި، ހަވީރު ވާއިރަށް ޤުރުޠުބާއަށް އަންނާނެކަމަށް. ހަވީރު އެލަޝްކަރާ އިސްތިޤުބާލުކުރާން ސިފައިންވެސް އައްޒަހުރާއަށް އެއްވި. ވޮލަންޓިޔަރުންގެ އެތައް ބައެއްވެސް ބާޒާރުމަތި ޒީނަތްތެރިކުރާންދިޔަ. އެކަމަކު ޢިޝާވަގުތު ޚަބަރު ލިބުނީ މިރަށާ އަށްމޭލު ދުރުގައި އަނެއްކާވެސް އެބައިމީހުން ފޭލިގެޖެހި ވާހަކައާއި، ހެނދުނު އަންނާނެ ވާހަކަ. ދުޝްމިނުންނަށް އެކަން އެނގުނީކަމުގައި ވެދާނެ. މިރޭ އެބައިމީހުންގެ ޙަމަލާ ވަރަށް ވަރުގަދަ. ބަޠުލިޔޫސްގެ ސިފައިން ވަރަށް ހިތްވަރާއެކު ހަނގުރާމަ ނުކުރިނަމަ ذوالـنّــون ގެ ލަޝްކަރު މިރަށް ހިފައިފީސް. ހާރުދަމު ذوالـنّــون ގެ ލަޝްކަރު ބޭރުފާރާ ދުރަށްޖެއްސުމަށްފަހު އަޅުގަނޑު މަސައްކަތްކުރީ ذوالـنّــون ގެ ލަޝްކަރަށް އެންމެފަހުގެ ޙަމަލާދޭން. އެކަމަކު ނަސީބު ދެރަކަމުން އަޅުގަނޑުމެންގެ ލަޝްކަރުގައި ކުރީގެ ޖޯޝާއި ފޯރިއެއް މިހާރަކު ނެތް. ޤުރުޠުބާގެ އާއްމުންގެ ގިނަމީހުންވެސް ދެކެނީ ذوالـنّــون ގެ ލަޝްކަރު ބަލިކޮށްލެވޭނީ ހަމައެކަނި އިޝްބީލިއްޔާގެ ލަޝްކަރަށްކަމަށް. އެބައިމީހުންގެ ބޯކޮޅު ބައްލަވާން ދަންނަބޭކަލުން ތިއްބަވާތީ ނޫންނަމަ އެބައިމީހުން ދިފާޢީ މަރުކަޒުތައް ދޫކޮށްލައިފައި ރަށުތެރެއަށް ހިނގައްޖައީސް."
ޚާދިމާއެއް އައިސް ފަރީއްކޮޅު ތައްޔާރުވީ ވާހަކަ ދެންނެވުމުން عبـدالمـنعــم އޭނާގެ އަނބިކަނބަލުންނާއި، ބޭފުޅުން ގޮވައިގެން ފަރީއްކުޅުއްވާ ކޮޓަރިކޮޅަށް ވެދެވަޑައިގެންފިއެވެ.
* * * * * * * * * * *
إدريـس ދުނިދަނޑި ހިއްޕަވައިގެން އޭނާގެ ގޭގެ ކުރިމަތީގައި އޮތް ބޮޑުސިންގާ ބަގީޗާގައި ހުންނެވިއެވެ. އޭނާ އެކިދިމަދިމާއަށް ބައްލަވަން ހުންނަވަނިކޮށް ކޮތަރެއް އުދުހިފައި އަންނަތަން ފެނިވަޑައިގެންފިއެވެ. އޭނާ އަވަސްއަވަހަށް އެކޮތަރާ އަމާޒުކުރައްވައިފައި ދުންޏެއް ދޫކޮށްލެއްވިއެވެ. ނަމަވެސް ކޮތަރު ސަލާމަތްވެގެން ހިނގައްޖެއެވެ. އެވަގުތު އޭނާގެ ފަހަތްޕުޅުން ކުއްޖަކު ހޭނއަޑު އިވިވަޑައިގެންފިއެވެ. إدريـس ކޯފާ އިސްކުރައްވައި އެނބުރިވަޑައިގެން ބައްލަވައިލެއްވިއިރު ފަހަތްޕުޅުގައި ހުންނެވީ އޭނާގެ ކޮއްކޮ ميـمــونـة އެވެ. އޭނާގެ އަތްޕުޅުގައި ހޭމައެއް އޮތެވެ.
"ކޮންކަމަކާ ތިޔަ ހިނިފުޅުވަޑުވަނީ؟" إدريـس ނުގަބޫލުފުޅުވެވަޑައިގެންފައި ސުވާލު ކުރެއްވިއެވެ.
ميـمــونـة އެއްވެސް ޖަވާބެއް ނުދެއްވިއެވެ. އޭނާ ދުވެވަޑައިގެންފައި ވަޑައިގެން ބިންމަތީގައި އޮތް ތީރު ނަންގަވައިގެން ވަޑައިގެން ލާނެތް ހިނިތުންވެވަޑައިގަތުމާއެކު އޭނާގެ ބޭބެއާ ދިމާއަށް ބައްލަވައިލައްވަމުން ވިދާޅުވިއެވެ. "ބޭބެގެ ދުނި މިއޮތީ!" إدريـس ތީރު އަތުލެއްވުމުގެ ބަދަލުގައި ميـمــونـة ގެ އަނެއް އަތްޕުޅުގައި އޮތް ހޭމަ އަތުލައްވައިފިއެވެ. އޭނާ ކައިރީގައިހުރި ގަހަކަށް އެ ހޭމަ އެއްލައިލެއްވިއެވެ. ހޭމަ އެގަހުގެ ގޮފިގަނޑެއްގައި ހަރުލައިފިއެވެ. ميـمــونـة ތީރު އެއްލައިލައްވައިފައި އިރުކޮޅަކު ތުންފިއްތަވައިގެން ހުންނަވައިފައި ގަހާ ދިމާއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑު ވައްޓައިލާނަން."
"ކޮއްކޮ ކިހިނެއް ވައްޓަވާނީ."
ميـمــونـة ކައިރީގައި ގަސް އިންދާފައި އޮތްތަނަކުން ވެލި ނަންގަވައިފައި ގަހާ ދިމާއަށް ވެލި އުއްކަވާން ފައްޓަވައިފިއެވެ.
"ކޮއްކޮއަކަށް ހޭމައެއް ނުވެއްޓެވޭނެ! ބައްލަވަން ހުންނަވާ. ބޭބެ ދުންޏެއް ޖަހާނަން. އޭރު ހަމަވަގުތުން ވެއްޓިދާނެ." إدريـس މިހެން ވިދާޅުވެފައި ميـمــونـة ގެ ކުޅޭކުޅޭ ހޭމައާ ދިމާއަށް ދުނި އަމާޒުކުރައްވަން މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް ميـمــونـة އަވަސްއަވަހަށް ވަޑައިގެން إدريـس ގެ އަތްޕުޅުގައި އޮޅުލައިވަޑައިގެންފިއެވެ. "ނޫން. ނޫން. އަޅުގަނޑުގެ ކުޅޭ ހޭމައަށް ދުނި ނުޖައްސަވާތި!"
إدريـس ވިދާޅުވިއެވެ. "އެންމެ ރަނގަޅު. ބޭބެގެ އަތުން ދޫކޮށްލައްވާ. އޭރުން ގާކޮޅެއް އެއްލައިގެން ހޭމަ ވައްޓާލަދޭނަން."
ميـمــونـة إدريـس ގެ އަތްޕުޅުން ދޫކޮށްލައްވައިފިއެވެ. إدريـس ގާކޮޅެއް ނަންގަވަން ހިންގަވައިގެންނެވިތަނާ سعد ބަގީޗާގެ ބޭރު ދޮރޯށީން އެތެރެއަށް ވެދެވަޑައިގެންފިއެވެ. سعد ފެނިވަޑައިގަތުމާއެކު إدريـس ހޭމައިގެ މަތީން ހަނދުމަފުޅު ނެތިއްޖެއެވެ. އޭނާ سعد އާ ދިމާއަށް ވަޑައިގެންފިއެވެ.
"މިއަދު އެހެން ކުދިންނެއް ނާދޭތޯ؟" سعد އަސްމަތީން ފައިބައިވަޑައިގަންނަވަމުން ސުވާލު ކުރެއްވިއެވެ.
"އާދެ! މިއަދަކު އެކުދީންނެއް ނާދޭ. އެންމެން ދިޔައީ އިޝްބީލިއްޔާގެ ލަޝްކަރަށް މަރުޙަބާ ކިޔާތަން ބަލަން."
"އެކަމަކު އިޝްބީލިއްޔާގެ ލަޝްކަރު އަދިވެސް ނާދެއެއް ނޫންތޯ؟"
"އެކުދީން ބުނީ އިޝްބީލިއްޔާގެ ލަޝްކަރު ވަރަށް ކައިރިއަށް އަތުވެއްޖެކަމަށް މިއަދު އައްޒަހުރާ ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައި. معـتـمـد ގެ ވަޒީރު إبـن عمّــار ވެސް އެލަޝްކަރުގައި ބައިވެރިވެވަޑައިގަންނަވާކަމަށް ޚަބަރު ލިބޭ." سعد ވިދާޅުވިއެވެ. "المـــاس ބޮޑުބޭބެ ބުނުއްވާގޮތުގައި إبـن عمّــار އަށް އެނގިވަޑައިގަންނަވަނީ ޅެން ހައްދަވާށާއި ރާޒުވާ ކުޅުއްވާން."
"އަޅުގަނޑުގެ ބައްޕަވެސް ވިދާޅުވި އޭނާ ވިއްސަކަށް މޭލު ދުރުގައި ލަޝްކަރު މަޑުކުރައްވައިގެން ހުންނަވާތާ އަށެއްކަ ދުވަސް ވެއްޖެއޭ. މަގުމަތީގައިވެސް ރާޒުވާ ކުޅުއްވަނީ ކަމުގައި ވެދާނެ."
إدريـس سعد ގެ އަސްގޮވައިގެން އަސްގުދަނަށް ވަޑައިގެންފިއެވެ.
ميـمــونـة ތަންކޮޅެއް ދުރުގައި އިރުކޮޅެއްވަންދެން ހުންނަވައިލައްވައިފައި ގަސްދޮށަށް ވަޑައިގެން ގަހަށް ވެލި އުއްކަވާން ފައްޓަވައިފިއެވެ.
"ކީއްވީތޯ؟ ميـمــونـة!" سعد ميـمــونـة ގެ އަރިހަށް ވަޑައިގެން ސުވާލު ކުރެއްވިއެވެ.
"ބޭބެ އަޅުގަނޑުގެ ހޭމަ މިހިރަ ގަހަށް އެއްލައިލެއްވީ." ميـمــونـة ޝަކުވާގެ ރާގުގައި ވިދާޅުވިއެވެ.
"މަޑުކުރައްވާ! އަޅުގަނޑު ވައްޓައިދޭނަން." سعد އޭނާގެ ދުނިދަނޑީގައި ދުންޏެއް ރުވައިލައްވަމުން ވިދާޅުވިއެވެ. ميـمــونـة އިޙުތިޖާޖު ކުރެއްވިއެވެ. "ނޫން! ނޫން! ބައްލަވާ. އަޅުގަނޑުގެ ހޭމަ!"
ކަންބޮޑުވެވަޑައި ނުގަންނަވާ! އަޅުގަނޑު ދުންޏެއް ކަލާގެ ހޭމައަކަށް ނާރާނެ." سعـد މިހެން ވިދާޅުވެފައި ދުނި ދޫކޮށްލެއްވިއެވެ. ގަހުގެ ގޮފިގަނޑަށް ދުނި އަމާޒުވުމުގެ ސަބަބުން އެރި ލޮޅުމުގައި ميـمــونـة ގެ ހޭމަ ވެއްޓިއްޖެއެވެ. ميـمــونـة އަވަސްއަވަހަށް ހޭމަ ނަންގަވައި މޭފުޅުގައި ޖައްސަވައިލައްވަމުން ވިދާޅުވިއެވެ.
"إدريـس ބޭބެ ދުނި ޖެއްސެވިނަމަ ހެރުނީހީ މިކުއްޖާގެ ލޮލަށްކަން ކަށަވަރު."
"إدريـس ގެ އަމާޒު ތިޔަހައި ގޯހެއް ނޫން."
"މާކަ ގޯހެއް ނޫން. ދެންމެއަކު އުދުހިފައި އައި ކޮތަރަކަށްވެސް ބޭބެ ދުނިޖެއްސެވި. އެކަމަކު ބޭބެ ޖެއްސެވި ދުނި ވެއްޓުނީ ބިންމައްޗަށް."
سعد ހިނިފުޅު ވަޑުވަމުން ވިދާޅުވިއެވެ. "އަޅުގަނޑުގެ ތީރުވެސް ވެއްޓުނީ ބިންމައްޗަށް."
އިރުކޮޅެއްވަންދެން ދެބޭފުޅުން ހިމޭނުން ތިއްބެވިއެވެ. އެހެން ތިއްބަވާފައި ميـمــونـة ކުއްލިއަކަށް ސުވާލު ކުރެއްވިއެވެ. "އަޅުގަނޑުގެ ހޭމައިގެ ނަން ކަލާއަށް އެނގިވަޑައިގަންނަވާތޯ؟"
"ނޭނގޭ. ކުޅޭކުޅޭ ހޭމަތަކަށްވެސް ނަންކިޔައި އުޅޭތޯ؟"
"ކީއްވެތޯ ނަމެއް ނުކިޔާންވީ؟"
"އެންމެ ރަނގަޅު. ކަލާގެ ހޭމައިގެ ނަމަކީ ކޮބައިތޯ؟"
"މީނާގެ ނަމަކީ ސުލްޠާނާ ރަމީކިއްޔާ. ސުލްޠާނާ ރަމީކިއްޔާއަކީ ކާކުކަން އެނގިވަޑައިގަންނަވާތޯ؟"
"ކަލާ ދެންމެ ވިދާޅުވީ އެއީ ކަލާގެ ހޭމައިގެ ނަން ކަމުގައި."
"ނޫން. އަޅުގަނޑުގެ މަންމަ ވިދާޅުވީ ސުލްޠާނާ ރަމީކިއްޔާއަކީ އިޝްބީލިއްޔާގެ ރަނިކަމަނާއޭ."
سعـد ހިނިފުޅު ވަޑުވަމުން ވިދާޅުވިއެވެ. "އެހެންވީއިރު އިޝްބީލިއްޔާގެ މަލިކާއަކީ ކަލާގެ ޑޯލް ދޮގެއްތޯ؟"
ميـمــونـة ވަރަށް ބާރަށް ހިނިފުޅު ވަޑުވާން ފައްޓަވައިފިއެވެ. سعـد ވިދާޅުވިއެވެ. "ރަމީކިއްޔާއަކީ ކަލާގެ ހޭމަޔަށް މާކަމުދާ ނަމެއް ނޫން. ކަލާގެ ހޭމަޔަށް ކޮންމެވެސް އެހެން ނަމެއް ދެއްވާ."
ميـمــونـة ކަންބޮޑުވެވަޑައިގެން ވިދާޅުވިއެވެ. "އެހެންވީއިރު ކޮންނަމެއްތޯ އަޅުގަނޑުގެ ހޭމައަށް ކިޔާނީ."
"ކަލާގޭ ހޭމަޔަށް ميـمــونـة އޭ ވިދާޅުވޭ. އެއީ ވަރަށް ރީތި ނަމެއް."
ميـمــونـة އަނެއްކާވެސް ހިނިފުޅު ވަޑުވާން ފައްޓަވައިފިއެވެ. "ބައްލަވާ. ميـمــونـة އަކީ އަޅުގަނޑުގެ އަމިއްލަ ނަން!"
سعد އާއި ميـمــونـة އާ ދެބޭފުޅުންގެ ވާހަކަފުޅު އެހައިތަނަށް ދިޔައިރު إدريـس އަސްގުދަނުގައި އަސްބަންނަވައިފައި އެނބުރި ވަޑައިގެންފިއެވެ. إدريـس އާއި سعـد އާ ދެބޭފުޅުން ދުނިއުއްކަވަން ފަރިތަކުރައްވާން ބަގީޗާއާ ދިމާއަށް ވަޑައިގެންފިއެވެ. ميـمــونـة ވެސް އެދެބޭފުޅުންގެ ފަހަތްޕުޅުން ވަޑައިގެންނެވިއެވެ.
(ނުނިމޭ)