ދުނިޔެ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 50 މިލިއަނުން މައްޗަށް އަރައިފި އެވެ.

ޖޯން ހޮޕްކިންސް އިން ޝާއިރު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ކޮވިޑް ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު ވަނީ 1.25 މިލިއަނަށް އަރައިފަ އެވެ.

ޔޫރަޕުން މިހާތަނަށް 12.5 މިލިއަން މީހުންނަށް ކޮވިޑް ޖެހި، އޭގެ ތެރެއިން 305،700 މީހުން ވަނީ ބަލީގައި މަރުވެފަ އެވެ. އަދި އެމެރިކާ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 10 މިލިއަނާ ގާތްކޮށްފައިވާއިރު އެ ގައުމުން 125،000 މީހުން ވަނީ މަރުވެފަ އެވެ.

އޭޝިއާގެ ގައުމުތަކަށް ބަލާއިރު އެންމެ ގިނަ ކޭސް ފެނިފައިވަނީ އިންޑިއާ އިންނެވެ. އެގައުމުން ފެނިފައިވާ ކޭސްތަކުގެ އަދަދު ވަނީ ނުވަ މިލިއަނާ ގާތްކޮށްފަ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަށް ކޮވިޑުގެ ދެވަނަ އަދި ތިން ވަނަ ރާޅެއް އަރާފައިވާއިރު ޓެސްޓު ކުރެވޭ ނިސްބަތް އިތުރުކުރެވިއްޖެ ނަމަ ކޭސްތަކުގެ އަދަދު މިއަށްވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.