ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން ކޮވިޑް ޖެހިގެން މުވައްޒަފަކު މަރުވި މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ވެއްދެވީ ކުޑަކުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ.

މެންބަރު އާމިރު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅުއްވުމަށް، އެދިވަޑައިގެންނެވި ނަމަވެސް މިއަދުގެ ޖަލްސާއަކީ، އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖަލްސާކަމުން އެ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށް އާމިރަށް ފުރުސަތެއް ނުދެއްވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ކުއްލި މައްސަލައެއް ހުށަހަޅާފައިވީ ނަމަވެސް މަޖިލީހުގެ ގަވާއިދު ބުނާގޮތުން ބަޖެޓް ހުށަހަޅާ ޖަލްސާގައި ކުއްލި މައްސަލަ ނުނެގޭނެ ކަމަށެވެ. އެހެންކަމުން މާދަމާ އެ މައްސަލައަށް ފުރުސަތު ދެއްވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ކުއްލި މައްސަލަ ހުށަހަޅާފައި ވަނީ ކޮން ކަމަކާ ބެހޭގޮތުންކަން އާއްމު ކުރައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، އެ ކުއްލި މައްސަލައަކީ، ދ.ކަނޑިންމަ ރިސޯޓުގައި ކާޕެންޓަރެއްގެ ގޮތުގައި އުޅުއްވަނިކޮށް ނިޔާވި ދ. މާއެނބުދޫ ދިލްބަހާރުގޭ އާދަމް ނަސީރު ނިޔާވުމާ ބެހޭ ކުއްލި މައްސަލައެއް ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ، "އާދަމް ނަސީރު ބަލި ވީ މާއެނބޫދޫއާ ޖެހިގެން އޮންނަ ފަޅުރަށެއްގައި އޮންނަނީ ރިސޯޓެއް ހަދައިފަ، ދެން ދިލްބަހާރުގޭ އާދަމް ނަސީރު އުޅެނީ އެތަނުގައި، އާދަމް ނަސީރު އެތާ އުޅޭތާ ކިތަންމެ ދުވަހެއް، އުޅެނިކޮށް އާދަމް ނަސީރު ބަލިވީ، އާދަމް ނަސީރަށް ރަށަށް ދެވޭގޮތް ނުވެ އާދަމް ނަސީރު ނިޔާވީ،" ކަމަށެވެ.

އާދަމް ނަސީރު މަރުވުމުން ހެދި ޓެސްޓުން އޭނާ ކޮވިޑް 19 އަށް ޕޮސިޓިވް ވެފައިވާކަމަށް ވަނީ ދައްކައިފައެވެ.

އުމުރުން 60 އަހަރުގެ އާދަމް ނަސީރު މިދިޔަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު މަރުވީ، ކަނޑިންމަ ރިސޯޓުގައި ދެ ހަފްތާއެއްހާ ދުވަހު ބަލިވެ އުޅުމަށްފަހު ހާލު ބޮޑުވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

އެ މައްސލައިގައި އޭނާގެ އާއިލާއިން ތުހުމަތު ކުރަނީ ފަރުވާ ދިނުމުގައި ރިސޯޓުން އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން އޭނާ މާލެއަށް ނުވަތަ ސިއްހީ ރަނގަޅު ފަރުވާ ލިބޭނެ ތަނަކަށް ފޮނުވައިދިނުމަށް އެދި އާދޭސް ކުރި އިރު، ރިސޯޓުން އަޅައިނުލި ކަމަށް އާއިލާއިން ބުނެފއި ވެއެވެ.

އެޗްޕީއޭއިން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ވަނީ ފުލުހުންނަށް ހުށަހަޅައިފައަވެ. އެ ހުށަހެޅުމާ ގުޅިގެން ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.