ކ. ހުރާ ގެސްޓް ހައުސްއެއްގައި ހުރި ފަތުރުވެރިޔަކު އިއްޔެ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށުގައި ރެންޑަމް ސާމްޕަލް ނަގަން ނިންމައިފިއެވެ.
ހުރާއިން ޕޮޒިޓިވްވީ ރަޝިޔާގެ ފަތުރުވެރިއެކެވެ. އޭނާ އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ރާއްޖެއިން ފުރުމުގެ ކުރިން ހަދަންޖެހޭ ޕީސީއާރު ޓެސްޓުގެ ނަތީޖާއިންނެވެ.
ހުރާ ކައުންސިލުގެ ރައީސް އީސާ އަހުމަދު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ޕޮޒިޓިވްވި ފަތުރުވެރިޔާ އެރަށުގެ ބައެއް ފިހާރަތަކާއި ރެސްޓޯރެންޓްތަކަށްވެސް ގޮސްފައިވާ ކަމަށެވެ. އަދި އެ ފަތުރުވެރިޔާ ވަނީ އޭނާ ހުރި ގެސްޓްހައުސްގެ ދެ މުވައްޒަފަކާއެކު މަސްބާނަން ގޮސްފައި ކަމަށްވެސް ވިދާޅުވިއެވެ.
"ގާތްގަނޑަކަށް 28 ވަރަކަށް ރެންޑަމް ސާމްޕަލް ނަގާ ގޮތަށް އޮތީ. އެއީ މާދަމާ ރޭ އަޅުގަނޑުމެން މި ފަށަނީ މި މަސައްކަތް. ރެންޑަމް ސާމްޕަލް މި ނަގަނީ ފަތުރުވެރިޔާ ދިޔަ ތަންތަން ބަލައިގެން،" އީސާ ވިދާޅުވިއެވެ.
އީސާ ވިދާޅުވީ، ފަތުރިވެރިޔާގެ ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް ފާހަގަކުރެވިފައިވަނީ ދެ މީހުން ކަމަށާއި އެ މީހުންވެސް ކަރަންޓީން ކުރެވިފައިވާ ކަމަށެވެ. އަދި ޕޮޒިޓިވްވި ފަތުރުވެރިޔާގެ އަންހެނުންނާއި ދެ ކުދިންވެސް ކަރަންޓީން ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ގެސްޓްހައުސްތައް ހުޅުވާލުމުގެ ހުއްދަ މިދިޔަ މަހުގެ 15 ވަނަ ދުވަހު ދިން ފަހުން ހުރާގެ 12 ގެސްޓްހައުސެއް ވަނީ ހުޅުވާލައިފައެވެ.
ހުރާއަށް ދިޔަ ފަތުރުވެރިއެއް ކޮވިޑަށް ޕޮޒިޓިވްވި އިރު، ދާދި ފަހުން މާފުށީ ގެސްޓްހައުސެއްގައި ތިބި ތިން ފަތުރުވެރިޔަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު