ބޮލީވުޑް

ޝާހުގެ ފިލްމު "ޕަތަން" ގައި ސަލްމާންގެ ހާއްސަ ފެނިލުމެއް

ދެއަހަރު ދުވަހު އެއްވެސް ފިލްމެއް ނުކުޅެ ހުރުމަށްފަހު ބޮލީވުޑް ބާދްޝާ ޝާހުރުކްޚާން ފިލްމެއް ކުޅުމަށް ސޮއި ކޮށްފިކަން އިއުލާނު ކުރީ މިދިޔަ މަހުގެ ތެރޭގައެވެ.

ޝާހު ސޮއި ކުރީ ސިދާންތު އާނަންދު ޕްރޮޑިއުސް ކުރާ "ޕަތަން" ނަމަކަށް ކިޔާ ފިލްމެއް ކުޅުމަށެވެ. ފިލްމުގެ ބަތަލާއަކަށް ދީޕިކާ ޕަޑުކޯން ފެނިގެންދާއިރު ވިލަންއަކަށް ފެނިގެންދާނީ ޖޯން އަބްރަހަމްއެވެ.

ފަހުގެ ހަބަރުތައް ބުނާ ގޮތުގައި މި ފިލްމުގައި ކަމިއޯއެއްގައި ސުޕާސްޓާ ސަލްމާން ޚާންވެސް ފެނިގެންދާނެއެވެ. މިއީ 2018 ގައި ނުކުތް ޝާހުގެ ފިލްމު "ޒީރޯ" ގައިވެސް ސަލްމާން ފެނިގެން ދިޔަގޮތެވެ. އެފިލްމުގައި ވެސް ސަލްމާން ފެނިގެން ދިޔައީ ޝާހުއާ އެކު ލަވައަކުން އެކަންޏެވެ.

މި ދެތަރީންނަކީ ކާމިޔާބު ފިލްމުތަކެއްގައި އެކީ މަސައްކަތް ކޮށްފައިވާ ދެ ތަރީންނެވެ. އެގޮތުން ޝާހުގެ "ކުޗް ކުޗް ހޯތާ ހޭ" އަދި "އޯމް ޝާންތީ އޯމް" ގައި ވެސް ސަލްމާންގެ ހާއްސަ ފެނިލުމެއް ފެނިފައިވާއިރު ސަލްމާންގެ ފިލްމުތައް ކަމުގައިވާ "ހަރް ދިލް ޖޯ ޕިޔާރު ކަރޭގާ" އަދި "ޓިއުބްލައިޓް" ގައި ޝާހުގެ ހާއްސަ ފެނިލުން ހިމެނިފައި ވެއެވެ.

ފިލްމު ޕަތަންގެ ޝޫޓިން މިމަހު ފަށާ ގޮތަށް ހަމަޖައްސާފައިވާއިރު އާ އަހަރު ފެށުމުގެ ކުރިން ޝޫޓިން ނިންމުމަށް ވަނީ އަމާޒު ހިފައިފައެވެ. ޕަތަންގެ އިތުރުން ޑައިރެކްޓަރު އަތުލޫގެ އެކްޝަން ފިލްމަކާއި ރާޖްކުމާރު ހިރާނީގެ ފިލްމެއް ކުޅުމަށްވެސް ޝާހު މިހާރު ވަނީ ސޮއިކޮށްފައެވެ.

2018 ވަނަ އަހަރު ޝާހް ލީޑްރޯލުން ފެނިގެންދިޔަ ފިލްމު "ޒީރޯ" ގެ ނާކާމިޔާބީއަށް ފަހު ޝާހް ވަނީ ފިލްމު ކުޅުމުން ދެ އަހަރު ދުވަހުގެ ބްރޭކެއް ނަގައިފައެވެ. މި ދެ އަހަރު ތެރޭގައި ޝާހަށް ގިނަ ފިލްމުތަކެއްގެ ހުށަހެޅުން ލިބިފައިވީ ނަމަވެސް އޭނާ ވަނީ އެ ފިލްމުތަކުގައި މަސައްކަތް ކުރަން އިންކާރު ކޮށްފައެވެ.