ސީރިއާގެ ރެފިއުޖީ ކޭމްޕެއްގެ ފޭލިގެ އެއްގައި ދިރިއުޅެމުން އަންނަ މަންމައެއްގެ އުންމީދެއް މި ފިނި މޫސުމާއި ދިމާކޮށް އެބައޮތެވެ. ދެކުނު ހަލަބުގެ ހާލަތާ ގުޅިގެން އެތަނުން ނުކުންނަން ޖެހުނު މީހުންގެ ތެރޭގައި 10 ދަރިންގެ މަންމައެއް ކަމަށްވާ އުއްމު މުހައްމަދު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އޭއައިސީ)އަށް އޭނާގެ ހިތުގެ އިހުސާސްތައް ހިއްސާކުރި އެވެ. އުއްމު މުހައްމަދުގެ ހަތް އަންހެން ކުދިންނާއި ތިން ފިރިހެން ކުދިން ތިބެ އެވެ. ވައިގެ ހަމަލާތަކާ ގުޅިގެން އަމިއްލަ ގެއިން ނުކުންނަން ޖެހުނު މި އާއިލާ މިހާރު ދިރިއުޅެމުން އަންނަނީ ފޭލި ގެ އެއްގައެވެ. އަދި އެތަނުގައި ދިރިއުޅެމުން ދާތާ މިހާރު ދޮޅު އަހަރުވެފައިވާ ކަމަަށް އުއްމު މުހައްމަދު ބުންޏެވެ.

ފިނި މޫސުމަކީ މިފަދަ ދަތި ހާލަތުގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް އިތުރު ނިކަމެތިކަމެއް ކުރިމަތިވާ ދުވަސްވަރެއް ކަމަށް ވުމުން، މި މޫސުމަށް ތައްޔާރުވުމަށް ކުރަނީ ކޮންކަމެއްތޯ އައިއޭސީން ސުވާލުކުރުމުން އުއްމު މުހައްމަދު ބުނީ، ފުރަތަމަ ހަލާކުވެފައި ހުރި ތަންތަން ވައި ނުވަންނަ ގޮތަށް ބަންދުކުރަނީ ކަމަށެވެ. އޭގެ އިތުރުން ވިއްސާރައިގެ ފެނުން ރައްކާތެރިކަން ހޯދުމަށް ޕްލާސްޓިކް ކަވަރު ހޯދައިގެން ފޭލިގޭގެ ބޭރުގައި އަޅާ ކަމަށް އޭނާ ބުންޏެވެ. އަދި އޭނާގެ ދަރިންނަށް ފިނިން ރައްކާތެރިވުމަށާއި ހޫނުކަން ހޯދައިދިނުމަށް ބޭނުންކޮށްފައި ހުންނަ އަންނައުނު ލިބޭތޯ މަސައްކަތްކުރާ ވާހަކަ އެ މަންމަ ބުންޏެވެ.

މި އާއިލާއިން ފޭލިގޭގެ ތެރޭގައި ހޫނު ކުރުމަށް ބޭނުންކުރާ އާލަތް ދައްކަމުން އުއްމު މުހައްމަދު ބުނީ ފިނި މޫސުމުގައި ހޫނުކުރުމަށް އޭގެ ތެރެއަށް ތެޔޮ އަޅަނީ ކަމަށާއި އަދި އޭތި އަނދަން ފެށުމުން އާއިލާ މެންބަރުން އޭގެ ވަށައިގެން ތިބެނީ ކަމަށެވެ. މިފަދަ ނުރައްކާތެރި ވަސީލަތެއް ބޭނުން ކުރުމާއި ގުޅޭގޮތުން އައިއޭސީން ސުވާލު ކުރުމުން އެ މަންމަ ބުނީ، އެއީ ނުރައްކާތެރިކަމެއް ކަމުގައި ގަބޫލުކުރާ ކަމަށާއި ނަމަވެސް އެއީ އެފަދަ ނައިލޯން ފޭލިގެއެއް ތެރޭގައި ރޯކޮށްފަ ހުންނަ އަލިފާން ކަމަށެވެ. އެގޮތަށް އެ ވަސީލަތް ބޭނުންކުރުމުގެ ތެރޭގައި ވަރަށް ގިނަ ފަހަރު ފޭލިގެ ތަކުގައި އަނދާ ހުލިވެފައި އެބަހުރިކަން އުއްމު މުހައްމަދު ބުންޏެވެ.

އެ ފޭލިގޭގައި ހޫނުކުރަން ބޭނުންކުރާ ވަސީލަތައް އަޅާ ތެލާއި ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ބުނީ ތެޔޮ ލީޓަރެއް އެއް ޑޮލަރަށް ލިބޭތީ އެ މީހުން ބަހައްޓަނީ ވަރަށް ލަސްލަހުން ތިކިޖެހޭ ގޮތަށް ހަދާފައި ކަމަށާއި ލީޓަރަކުން އެއް ގަޑިއިރު ހިފަހައްޓާލެވޭ ކަމަށެވެ. އަދި ދުވާލަކު އެއް ލީޓަރަށްވުރެ ގިނައިން ބޭނުން ކުރުމުގެ ފުދުންތެރިކަމެއް އެ އާއިލާގެ ކިބައިގައި ނެތް ކަމަށް ބުންޏެވެ.

އެހެންކަމުން ފިނި މޫސުމުގައި، ދުވާލަކު އެންމެ ގަޑިއިރަކަށް ހޫނުކޮށްފައި ބާކީ ހުންނަ ވަގުތުތަކުގައި އެ އާއިލާއިން ބަހައްޓަނީ އޭތި ނިއްވާލައިފަ އެވެ. އޭގެ ބަދަލުގައި ދެން ހުރި ވަގުތު ތަކުގައި އެންމެން ތިބެނީ ކައިރިކަރީގައި ރަޖާ އަޅައިގެންކަން އުއްމު މުހައްމަދު ބުންޏެވެ. އަދި ބައެއްފަހަރު ފްލާސްޓިކް ހޮވައިގެން ފޭލިގެ ކުރިމަތީގައި ހޫނުކުރުމަށް އެ ވެސް އަންދާކަން އޭނާ ބުންޏެވެ.

ފިނި މޫސުމަކީ ގިނަ ތުއްތުކުދިން ބަލިވާ މޫސުމެއް ކަމުން ބަލިވުމުން ކިހިނެއްތޯ ހަދަނީ އެހުމުން ވަރަށް އަސަރާއެކު އުއްމު މުހައްމަދު ބުނީ ބޭސް ގަނެފިއްޔާ ތެލެއް ނުގަނެވޭނެތީ، ބަލިވުމުން އެ ކުދިންގެ ގައިގައި ރަޖާ އަޅާފައި ބައިތިއްބަނީ ކަމަށެވެ.

އެހެންކަމުން މިއަހަރުގެ ފިނި މޫސުމާއި ދިމާކޮށް 10 ދަރިންގެ މަންމަ އުއްމު މުހައްމަދުގެ އެދުމެއް އެބައޮތެވެ. އޭނާގެ އެދުމަކީ އޭނާގެ ދަރިން ފިނިން ރައްކާތެރިކޮށްދިނުމޭ، އަދި ހޫނު ކަމެއް ލިބުމެވެ. މިއީ އެންމެ މަންމައެއްގެ އާދޭހުގެ އަޑު ކަމުގައި ވިޔަސް މިއީ ސީރިއާ، ފަލަސްތީން، ޔަމަން އަދި ރޮހިންޔާ ދަރިފަސްކޮޅުގެ ރެފިއުޖީންގެ ތެރޭގައި ދިރިއުޅެމުން އަންނަ ހުރިހާ މައިންގެ އާދޭހެވެ. އެ ހުރިހާ މައިންގެ އުންމީދަކީ މި އަހަރުގެ ފިނި މޫސުމުގައި އެ ފަރާތްތަކުގެ އާއިލާއަށް ރައްކާތެރިކަމެއް ލިބުމެވެ. އަދި މި ރައްކާތެރިކަން ފޯރުކޮށްދޭނެ އެހީތެރިކަމުގެ އަތެއް ލިބުމެވެ.

އައިއޭސީން ވަނީ މިއަހަރު ފިނި މޫސުމާ ދިމާކޮށް ސަވައިވިން ވިންޓާ 2020 ލޯންޗު ކޮށްފަ އެވެ. މިއަހަރުގެ ސަވައިވިން ވިންޓާގެ ތެރެއިން ކޮންމެ ފަސް މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހަށް ބޭނުންވާ ޕެކޭޖު ހަމަޖެހިގެންދާނެއެވެ. އެގޮތުން ކޮންމެ ޕެކޭޖެއްގެ އަގަކީ 1000 ރުފިޔާ އެވެ. އެ ޕެކޭޖުގެ ތެރޭގައި ބޯހިޔާވެހިކަން، ހޫނުކުރުމަށް ބޭނުން ކުރެވޭނެ އެކި ކަހަލަ އާލާތްތައް، ކާބޯތަކެތި އަދި ސާފުތާހިރުވުމަށް ބޭނުން ކުރެވޭނެ ހައިޖީން ޕެކް ހިމެނެ އެވެ.

މި ނިކަމެތި އާއިލާތަކަށް ދިވެހި ރައްޔިތުންގެ ތެރެއިން ކޮންމެ ފަރާތަކަށް ވެސް އެ ފަރާތަކަށް ދެވުނު މިންވަރެއް ހަދިޔާ ކޮށްދިނުމުގެ ފުރުސަތު އައިއޭސީން ވަނީ ހުޅުވާލައފަ އެވެ. އެގޮތުން މި ހަތަރު ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ބީއެމްއެލް އިސްލާމިކުގެ ހަތަރު އެކައުންޓެއް ވަނީ ހާއްސަކޮށްފަ އެވެ.

ފަލަސްތީން: 7770000026261

ރޮހިންޔާ: 7770000026265

ޔަމަން: 7770000026264

ސީރިއާ: 7770000026263

މި ކޭމްޕޭނާގުޅޭ އިތުރު މައުލޫމާތު ބޭނުން ފަރާތްތަކުން، އައިއޭސީގެ ހޮޓްލައިން ނަންބަރު، 9122121 އަށް ގުޅޭނެ އެވެ. އަދި އައިއޭސީގެ ފޭސްބުކް ޕޭޖް https://web.facebook.com/IACMaldives/ މެދުވެރިކޮށް ސަވައިވިން ވިންޓާ އާގުޅޭ އިތުރު މައުލޫމާތު ލިބިގެންދާނެ އެވެ.