ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، ފިޗް ރޭޓިން އިން ރާއްޖޭގެ ސޮވެރިން ރޭޓިން ދަށްކޮށްފި އެވެ.
ކުރިން އަންދާޒާކުރެވުނު ވަރަށްވުރެ ބޭރު ފައިސާ ހޯދުން ދަތިވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ހީނަރުވުމާއި ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ދަރަނި އިތުރުވުމުގެ ސަބަބުން ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރީ "ބީ" އިން "ސީސީސީ" އަށެވެ. މި ރޭޓިންއަކީ އިގްތިސާދަށް ލޮޅުން ބޮޑު އަދި އިގްތިސާދު ރަނގަޅު ނުވެއްޖެނަމަ ދަރަނި އަދާ ނުކުރެވިދާނެ ކަމަށް ބެލެވޭ ގައުމުތަކަށް ދޭ ރޭޓިން އެކެވެ. މި ރޭޓީން އާއި މި ރޭޓިން އަށްވުރެ ދަށް ރޭޓިންތަކަށް ފިޗުން އައުޓްލުކެއް ނުދެ އެވެ.
ފިޗުން ބުނީ، ވޭތުވެދިޔަ މަސް ތަކުގައި ރާއްޖޭން ބޭރުގެ މާލީ އެހީ ހޯދަން ކުރި މަސައްކަތް ކާމިޔާބުވި ނަމަވެސް ބޭރު ފައިސާ ލިބުން އަދިވެސް މަދު ކަމަށެވެ. އަދި ޓޫރިޒަމް ހަރަކާތްތައް އާންމު ހާލަތަށް ރުޖޫއަނުކޮށް ރާއްޖެއަށް ޑޮލަރު ވަންނަ ވަރު ރަނގަޅު ނުކުރެވޭނެ ކަމަށް ވެސް ބުންޏެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭން ބޭރުގެ ގައުމުތަކުގެ މާލީ އެހީތެރިކަމަށް ބަރޯސާވާންޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް ބުންޏެވެ.
ފިޗުން އިތުރަށް ބުނީ، ކުރިން އަންދާޒާ ކުރެވުނު ގޮތާ ހިލާފަށް ރާއްޖޭގެ ޓޫރިޒަމް ސިނާއަތް އަލުން ރަނގަޅުވުމަށް އިތުރު ވަގުތު ނަގަމުން އަންނާތީ، ރާއްޖޭގެ އިގްތިސާދުގެ އައުޓްލުކް މިދިޔަ މަސްތަކުގައި ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ފެށި ނަމަވެސް އިގްތިސާދު ރަނގަޅުވާނީ 2022 ގައި ކަމަށް އެ އެޖެންސީން ލަފާކުރެ އެވެ.
ފިޗުން އަންދާޒާކުރާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގްތިސާދު 30 ޕަސެންޓު ދަށްވެ، ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުން 2004 ވަނަ އަހަރުގެ ސުނާމީ އާއި 2009 ވަނަ އަހަރުގެ ފައިނޭންޝަލް ކްރައިސިސްގައި ލިބުނު ގެއްލުމަށް ވުރެ ބޮޑުވާނެ އެވެ.
ނަމަވެސް ފިޗުން ދިން ރޭޓިން ގަބޫލުނުކުރާ ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ދަރަނި ދުވަހަކު ވެސް ޑީފޯލްޓްވެފައި ނުވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެކަން އެގޮތުގައި ދަމަހައްޓާނެ ކަމަށެވެ. އަދި ސަރުކާރުގެ ދަރަންޏާއި ސަރުކާރުން ގެރެންޓީ ދީފައިވާ ލޯނުތައް ދައްކަންޖެހޭ ވަގުތަށް އެއްކޮށް ދެއްކޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ކޮވިޑުގެ ވަބާ ކުރިމަތިވިތާ ހަތް މަސް ފަހުން ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކޮށް، ޖުލައި 15 އިން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އަލުން ފަށާފައިވާ ކަމަށެވެ. އަދި ބަލިމަޑުކަމާއެކު ވެސް ޓޫރިޒަމް ވެސް މަޑުމަޑުން ރަނގަޅުވަމުން އަންނައިރު ފަތުރުވެރިކަމުގެ ޕީކް ސީޒަނަށާއި އެއަށްފަހު ވެސް އެގޮތުގައި ރާއްޖެއަށް ހިފަހައްޓާލެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ބުންޏެވެ.
ކޮވިޑުގެ ހާލަތު ފުރަތަމަ ކުރިމަތިވި އިރު އިގްތިސާދަށްވާނެ ގޮތަކާމެދު ސުވާލު އުފެދުނުކަން ފާހަގަކޮށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ، ފައިނޭންސިން ގެޕް ކުޑަކުރުމަށް ސަރުކާރުން ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ބޭރުގެ މާލީ އިދާރާތަކާ ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު