ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ފަހުން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ ފަތުރުވެރިކަމުގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން ރާއްޖެ އަންނަ ފަތުރުވެރިން ހޭދަކުރާ ރޭގެ އަދަދު ވަނީ އެވްރެޖްކޮށް 9.4 ދުވަހަށް އިތުރުވެފަ އެވެ. މިއަހަރުގެ ޖަނަވަރީން މާރިޗަށް ފަތުރުވެރިން އެވްރެޖްކޮށް ރާއްޖޭގައި ހޭދަކޮށްފައިވަނީ 7.6 ދުވަހެވެ.

ވަކިވަކި މަސްތަކަށް ބަލާއިރު މިދިޔަ ޖުލައި މަހުގެ ފަހު 15 ދުވަހު ފަތުރުވެރިން އެވްރެޖްކޮށް 14.1 ދުވަސް ރާއްޖޭގައި ހޭދަކުރި އެވެ. ޖެހިގެން އައި އޮގަސްޓް މަހު އެ އަދަދު 9.3 ދުވަހަށް ދަށްވުމަށްފަހު ސެޕްޓެމްބަރު މަހު ފަތުރުވެރިން އެވްރެޖްކޮށް 9.5 ދުވަސް ރާއްޖޭގައި ހޭދަކުރި އެވެ. އަދި މިދިޔަ އޮކްޓޯބަރު މަހު ފަތުރުވެރިން އެވްރެޖްކޮށް 9.6 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް 44،365 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި މި އަދަދާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 427،212 އަށް އަރައިފަ އެވެ.

ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ އިންނެވެ. އެގައުމުން މިހާތަނަށް 9,519 ފަތުރުވެރިން އައިސްފައިވެ އެވެ. ދެވަަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެގައުމުން 3,817 ފަތުރުވެރިން އައިސްފައިވާއިރު ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޔޫއޭއީން މިހާތަނަށް ރާއްޖެ އައިސްފައިވަނީ 3,683 ފަތުރުވެރިންނެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން މިހާތަނަށް 15 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ކުރާއިރު މިމަހާއި އަންނަ މަހުގެ ތެރޭގައި އިތުރު 11 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.