ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން ކޮވިޑް ޖެހިގެން މުވައްޒަފަކު މަރުވި މައްސަލަ ތަހުގީގުކުރަން ފުލުހަށް ހުށަހަޅައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކަނޑިންމަ ރިސޯޓު މުވައްޒަފުގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

ކަނޑިންމަ ރިސޯޓުގައި ބަލި ފެތުރުނު ސަބަބު ދެނެގަތުމަށް މިދިޔަ ހޯމަ ދުވަހު ދ. އަތޮޅު ހޮސްޕިޓަލާއި ކަނޑިންމަ ރިސޯޓުގައި އެޗްއީއޯސީގެ ޓީމެއް ހަރަކާތްތެރިވެފައިވާ ކަމަށާއި ކޮވިޑް ޖެހިގެން ނިޔާވި މީހާއާ ގުޅޭ ކަންތައްތައް ބެލުމުގެ ގޮތުން ބައެއް މީހުންގެ ފަރާތުން މައުލޫމާތު ސާފުކުރެވުނު ކަމަށެވެ.

"މި ޓީމު މާލެ އައީ މިއަދު މެންދުރު. މިހާރު ޓީމުގެ ރިޕޯޓު ނޫނީ ފައިންޑިންގްސްތައް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތާ ވަނީ ހިއްސާކުރެވިފައި. އަދި މި ފައިންޑިންގްސްތައް ބެއްލެވުމަށްފަހު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ މިކަން އިތުރަށް އިންވެސްޓިގޭޓް ކުރުމަށް ޕޮލިހަށް މިރޭ ހުށަހަޅުއްވާފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިމަހުގެ ފުރަތަމަ ދުވަހާ ހިސާބަށް ކަނޑިންމަ މޯލްޑިވްސް އިން 20 ޕޮޒިޓިވް ކޭސްއެއް ފެނިފައިވާ ކަމަށާއި މިމަހުގެ ތިންވަނަ ދުވަހު އެ ރިސޯޓުން އިތުރު 30 ކޭސް ފެނިފައިވާ ކަމަށެވެ. އެ އެންމެންނަކީވެސް އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖުމްލަ 50 ކޭސް މިއާ ގުޅިގެން މިވަނީ ފެނިފައި. އެކެއް ނޮވެންބަރާ ހަމައަށް 20 ކޭސް ފެނިފައި އަދި ތިނެއް ނޮވެންބަރުގައި އިތުރު 30 ކޭސް މިއާ ގުޅިގެން ފެނިފައި މިވަނީ. މިއީ ސްޓާފުންގެ ތެރެއިން. ދެން އޭގެ އިތުރުން ޑިޕާޗާ ސާމްޕަލްއަކުން އެއް ޓޫރިސްޓަކު ވަނީ ޕޮޒިޓިވްވެފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެ ރިސޯޓު ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެނެސް، އެރަށަށް ފަތުރުވެރިން އަރައި ފޭބުން މަނާކޮށްފައެވެ. ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ކަނޑިންމަ ރިސޯޓުން ފޭބޭނީވެސް ކޮންޓެކްޓް ޓްރޭސިން ހަދައި އެއްވެސް ކޮންޓެކްޓެއް ނެތް އަދި ނެގެޓިވްކަން ޔަގީންވާ ފަތުރުވެރިންނަށެވެ.

ކަނޑިންމަ ރިސޯޓުން ޕޮޒިޓިވް ކޭސްތަކެއް ފެނިފައި މިވަނީ، އެ ރަށުގައި މަސައްކަތް ކުރާ 60 އަހަރުގެ ދިވެއްސަކު ހާލު ބޮޑުވެގެން ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވުމާ ގުޅިގެން ސާމްޕަލް ނަގައި ޕޮޒިޓިވްވުމުން، އެ ރިސޯޓުގައި ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނެވެ.