މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) އިފްތިތާހްކޮށްފި އެވެ.
އެސްއޭޕީ ތައާރަފްކޮށްދެއްވީ އެމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.
އިމިގްރޭޝަނުން ބުނީ، ސަރުކާރުގެ 'ސްޓްރެޓެޖިކް އެކްޝަން ޕްލޭން' ތަންފީޒުކުރުމަށްޓަކައި ސަރުކާރުގެ ވައުދުތަކާއި އެއްގޮތްވާނޭހެން އެކުލަވާލާފައިވާ އެ އެސްއޭޕީގެ މަގުސަދަކީ ދުރު ރާސްތާ އަމާޒަށް ވާސިލުވުމަށްޓަކައި ހިކުމަތްތެރިކަމާއެކު މަސައްކަތްތައް ރާވާ، އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުމަށް ގެންނަންޖެހޭ ބަދަލުތަކާއެކު ކަމާގުޅުން ހުރި އިދާރާތަކާއި ގުޅިގެން، އެ ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ތަންފީޒު ކުރުން ކަމަށެވެ.
އެގޮތުން އެ ޕްލޭންގައި މައިގަނޑު ހަތަރު ދާއިރާއަކަށް ވަނީ އަލިއަޅުވާލައިފަ އެވެ. އެއީ އިމިގްރޭޝަންގެ ހިދުމަތްތައް ލާމަރުކަޒީކޮށް ހަމަހަމަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމާއި އިމިގްރޭޝަން އޮފިސަރުންގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތަކާއި ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމާއި ވައިގެ މަގުންނާއި ކަނޑުގެ މަގުން ރާއްޖެ އަންނަ އަދި ރާއްޖެއިން ފުރާ ފަރާތްތަކަށް އިމިގްރޭޝަން ކްލިއަރެންސް ދިނުމުގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުން އަދި ރާއްޖޭގެ މައިގްރޭޝަން ނިޒާމް އިތުރަށް ތަރައްގީކޮށް އިންސާނީ ވަގުފާރި ހުއްޓުވުމަށްޓަކައި މަސައްކަތް ކުރާނެ އަމާޒުތައް ކަނޑައެޅުމެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން ވިދާޅުވި އިމިގްރޭޝަނުން މިއަދު އިފްތިތާހްކުރި ސްޓްރެޓިކް އެކްޝަން ޕްލޭނަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި މޯލްޑިވްސް އިމިގްރޭޝަނުން ޝާއިއުކުރި ފުރަތަމަ އެފަދަ ޕްލޭން ކަމަށެވެ.
އަދި އިމިގްރޭޝަނުން ކުރާ މަސައްކަތްތަކަކީ އަބަދުވެސް ދުރާލާ ވިސްނައި ރާވައިގެން ކުރެވޭނެ ކަންކަމަށް ވުމަކީ މުވައްސަސާއަށް އަންނަ އިތުރު ހަރުދަނާކަމެއް ކަމަށާއި އިމިގްރޭޝަންގެ މަގުސަދަކީ ވެސް ދުރުރާސްތާ މަންޒިލަކަށް ވާސިލްވުމަށް ރޭވުންތެރިކަމާއެކު މަސައްކަތްކޮށް، ގާބިލު އޮފިސަރުންތަކެއް ބިނާކޮށް ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.