ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އާއިލީ ވެއްޓެއްގައި ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އާ ޕްރޮގްރާމެއް އެކުލަވާލައި، އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދުދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށްދޭ މިންވަރު ދެނެގަތުމަށް ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައި މިރޭ ބޭއްވި ޔުނިވާސަލް ޕީރިއަޑިކް ރިވިއު ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން މިނިސްޓަރު ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރި ކުރުމާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، އަންހެނުން ބާރުވެރި ކުރުވުމާއި މުޖުތަމައުގެ ރައްކާތެރިކަމަށް ރާއްޖޭން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ގޮންޖެހުންތަކެއް ހުރި ކަމުގައި ވިޔަސް ރާއްޖޭން ދަނީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމާއި ހަމަހަމަ އުސޫލެއްގެ މަތިން ހުރިހާ ފަރާތްތަކެއްގެ ހައްގުތައް ކަށަވަރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ އާ ގާނޫނެއް މިދިޔަ އަހަރު ތަސްދީގުކުރުން ވެގެން ދިޔައީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅުނު މުހިއްމު ފިޔަވަޅަކަށް ކަމަށެވެ.

"މި ގާނޫނުން ކުޑަކުދިންގެ ހައްގުތަށް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ އަސާސްތައް ދަމަހައްޓައި ކުޑަކުދިންނާ މެދު ކުރެވޭ ތަފާތުކުރުން ނައްތާލައި އެކި ބާވަތްތަކުގެ އަނިޔާތަކުން އެކުދިން ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ބާރުއަޅާ. ސަގާފީ އާދަކާދައިގެ ތެރެއިން ކުޑަކުދިންގެ ހެދިބޮޑުވުމާއި ކަރާމާތަށް އަސަރުކުރުވާނެ ކަންކަން ނުކުރުމަށާއި ޅަފަތުގައި ފޯރުކޮށްދޭންޖެހޭ އެންމެހައި ވެކްސިން ދިނުމަށާއި އުފަންވުން ރެޖިސްޓާކޮށް އެކަށޭނަ ސިއްހީ ފަރުވާ ލިބުމުގެ ހައްގު މި ގާނޫނުން ކަށަވަރުކޮށްދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ގާނޫނުގެ ދަށުން ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގައި ލިބިދޭ އެންމެ މުހިއްމު އެއްކަމަކީ 18 އަހަރު ނުފުރެނީސް މަރުގެ އަދަބު ތަންފީޒުކުރުމަށް އެ ގާނޫނު މަނާކުރުން ކަމަށާއި އަދި 18 އަހަރުން ދަށުގެ ކުދިން ކައިވެނިކޮށްދިނުން މަނާކޮށް، ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރަކީ 15 އަހަރު ކަމުގައި ކަނޑައަޅާފައި އޮތުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ ބެލުމުގެ ދަށުން ގާއިމުކޮށްފައިވާ މަރުކަޒުތަކުގެ ހިންގުން ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އެގޮތުން އާއިލީ ވެއްޓެއް ކުދިންނަށް ހޯދައިދިނުމުގެ މަގުސަދުގައި މުޅިން އާ ޕްރޮގްރާމެއް އެކުލަވާލައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އާއިލީ ވެއްޓެއްގައި ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ވަނީ ފެށިފައި. މި ނިޒާމުގެ ތެރެއިން އެކަނިވެރި މައިންނާއި ބަފައިންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ހޯދާ ފަރާތްތަކަށް ދައުލަތުން ދެވިދާނެ އެހީތަކާ ގުޅޭގޮތުން ދަނީ މަޝްވަރާކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށެވެ.

"މިކަމަށް ހައްލެއް ހޯދުމުގެ މަގުސަދުގައި ކޮންމެ ރަށެއްގައި ކޮމިއުނިޓީ ސޯޝަލް ގްރޫޕް (ސީއެސްޖީ)ތައް ގާއިމުކޮށް ކުޑަކުދިންގެ ރައްކާތެރި ކުރުމަށް ކުރެވޭ ބައެއް މަސައްކަތްތައް ލާމަރުކަޒުކޮށް ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ތަރުތީބު ކުރެވެމުން،" މިނިސްޓަރު ވިދާޅުވިއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ސިޔާސަތު ކަނޑައަޅައި ސިޔާސަތާއި ގާނޫނަށް ކުދިން އަހުލުވެރި ކުރުމަށް ކުޑަކުދިންނާއި ރައްޓެހި އިބާރާތުން އެ ސިޔާތަތުތައް އެކުލަވާލައި، ބެލެނިވެރިން އަހުލުވެރިކޮށް ބާރުވެރިކުރުމަށް ތަފާތު ޕްރޮގްރާމުތައް ހިންގުމަށް ރޭވިފައިވާ ކަމަށާއި މި ދާއިރާގައި މަސައްކަތް ކުރާ މީހުންނަކީ ތަމްރީން ލިބިފައިވާ ގާބިލު ބަޔަކަށް ހެދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ހިއުމަން ރިސޯސް ޕްލޭނެއްގެ ތެރެއިން ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.