ޚަބަރު

އަންހެނުން ހިތާނުކުރުން ގާނޫނީ ކުށަކަށް ހަދަނީ

އަލީ އަފާފު ރަމީޒު

ރާއްޖޭގައި އަންހެނުން ހިތާނުކުރުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތް ފަށާފައިވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށްދޭ މިންވަރު ދެނެގަތުމަށް ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައި މިރޭ ބޭއްވި ޔުނިވާސަލް ޕީރިއަޑިކް ރިވިއު ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން އޭޖީ ވިދާޅުވީ މި ސަރުކާރުން އެއްވެސް ހާލަތެއްގައި އަންހެނުން ހިތާނު ކުރުމަށް ތާއީދު ނުކުރާނެ ކަމަށާއި އެކަމަށް ހިތްވަރު ނުދޭނެ ކަމަށެވެ.

އޭޖީ ވިދާޅުވީ އަންހެނުން ހިތާނު ކުރުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން މަސައްކަތް ފަށައިފައިވާ ކަމަށެވެ.

"އަންހެނުން ހިތާނު ކުރުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި ހެދުމަށް ޕޮލިސީ ލެވެލްގައި ސަރުކާރުން މަސައްކަތްތައް ކުރެވެމުންދަނީ،" އޭޖީ ވިދާޅުވިއެވެ.

އޭޖީ ވަނީ އަންހެނުން ބާރުވެރިކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް ވާހަކަދައްކަވައިފައެވެ. އެގޮތުން ސުޕްރީމް ކޯޓަށާއި ހައި ކޯޓަށް އަންހެން ފަނޑިޔާރުން ފުރަތަމަ ފަހަރަށް އައްޔަން ކޮށްފައިވާކަން ފާހަގަކުރައްވައި ވިދާޅުވީ މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ކަމަށެވެ.

އޭޖީ ވިދާޅުވީ ޝަރުއީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރެވިފައިވާ ކަމަށާއި ސަރުކާރުގެ ނިންމުންތަކުގައިވެސް އަންހެނުންގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމަށެވެ. އެގޮތުން ކައުންސިލް އިންތިހާބުގައި އަންހެނުންނަށް ވަކި އަދަދެއްގެ ގޮނޑި ކަނޑައަޅާފައިވާ ކަންވެސް އޭޖީ ވިދާޅުވިއެވެ.

އަންހެންކުދިން ހިތާނުކުރުން ރާއްޖޭގައި ހުއްޓާލާފައިވަނީ 1970ގެ އަހަރުތަކުގެ ތެރޭގައެވެ. އޭގެ ކުރިން ރާއްޖޭގައި އެކަން ފުޅާ ދާއިރާއެއްގައި ކުރިއެވެ.

ނަމަވެސް މިއަހަރު ކުރީކޮޅު އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިސްލާމިކް މިނިސްޓްރީގެ ލަފައަކަށް އެދިފައެވެ. އެޗްޕީއޭ އިން ލަފައަކަށް އެދުމުން އިސްލާމީ އެންމެ މަތީ މަޖިލީހުގެ ރައުޔެއް ހޯދަން އިސްލާމިކް މިނިސްޓްރީން ވަނީ ހުށަހަޅައިފައެވެ.

އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން އެޗްޕީއޭ އިން އިސްލާމިކް މިނިސްޓްރީގެ ލަފައަކަށް އެދުމަށް ފޮނުވި ސިޓީ ހެލްތު މިނިސްޓްރީން ފަހުން ވަނީ ބާތިލުކޮށްފައެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ އަންހެން ކުދީން ހިތާނުކުރުމޭ ކިޔައިގެން އެ ކުރަނީ ޖިންސީ އަނިޔާ ކަމަށާއި އެކަމަށް ހިތްވަރުދޭ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ހިތާނުކޮށްފައިވާ ކަމަށް ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް) އިން ކުރި ދިރާސާއެއްގައިވެއެވެ.

އެގޮތުން އުމުރުން 15-49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން 13 ޕަސެންޓް މީހުން ވަނީ ހިތާނުކޮށްފައެވެ. އަދި އުމުރުން 45-49 އަހަރާ ދެމެދުގެ 38 ޕަސެންޓް އަންހެނުން ހިތާނުކޮށްފައިވާ އިރު، 15-19 އަހަރާ ދެމެދުގެ އަންހެން ކުދިން ހިތާނުކޮށްފައިވަނީ އެންމެ ޕަސެންޓެކެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި ހިތާނުކުރުމަކީ ކުރިން ރާއްޖޭގައި އާއްމު ކަމެކެވެ. އަދި ހިތާނުކޮށްފައިވާ ގިނަ މީހުން އެކަން ކޮށްފައިވަނީ އުމުރުން ފަސް އަހަރު ނުފުރެނީސް ކަމަށާއި ބައެއް އަންހެން ކުދިން އުމުރުން 5-9 އަހަރާ ދެމެދު ހިތާނުކޮށްފައިވާ ކަމަށެވެ.

އަންހެނުން ހިތާނުކުރުމަކީ ހުއްޓަންޖެހޭ ކަމެއް ކަމަށް 15-49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން 66 ޕަސެންޓް މީހުން ގަބޫލުކުރެއެވެ. އަދި އަށް ޕަސެންޓް މީހުން އެއީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ދެކޭއިރު އެއީ ދީނީ ގޮތުން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި 10 ޕަސެންޓް މީހުން ގަބޫލު ކުރާ ކަމަށް އެ ދިރާސާގައިވެއެވެ.