ޚަބަރު

ރިލްވާން މައްސަލައިގެ ތަހުގީގީ މަސައްކަތް އޮތީ ނިމުމަކާ ގާތުގައި: އޭޖީ

އަލީ އަފާފު ރަމީޒު

ދެހާސް ސާދަވަނަ އަހަރުގެ އޮގަސްޓް އަށްވަނަ ދުވަހުގެ ރޭ ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ތަހުގީގު އޮތީ ނިމުމަކާ ގާތުގައި ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

އޭޖީ މިގޮތަށް ވިދާޅުވީ ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށްދޭ މިންވަރު ދެނެގަތުމަށް ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައި މިރޭ ބޭއްވި ޔުނިވާސަލް ޕީރިއަޑިކް ރިވިއު ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ކޮމިޝަނެއް އުފައްދާފައިވާކަން ފާހަގަކުރައްވައި އޭޖީ ވިދާޅުވީ އެ ކޮމިޝަނުން 26 މަރުގެ މައްސަލަ ބަލަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ރިލްވާން ގެއްލުވާލި މައްސަލަ އާއި ބޮލްގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަވެސް ބަލަމުންދާ ކަމަށެވެ.

އޭޖީ ވިދާޅުވީ ބޭރުގެ އިންވެސްޓިގޭޓަރެއްގެ އެހީތެރިކަމާއެކު ރިލްވާނެ މައްސަލަ ބަލަމުން އަންނަ ކަމަށާއި އެ މައްސަލައިގެ ތަހުގީގު ނިމުމަކާ ގާތުގައި އޮތް ކަމަށެވެ.

"ގެއްލުނު ރިލްވާންގެ މައްސަލަ މިހާރު އޮތީ ނިމުމަކާ ގާތުގައި. މި މައްސަލައަށް ބޭރުގެ އިންވެސްޓިގޭޓަރެއްގެ އެހީތެރިކަން ދަނީ ލިބެމުން،" އޭޖީ ވިދާޅުވިއެވެ.

ރިލްވާން މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ އިންވެސްޓިގޭޓަރެއް ރާއްޖެ އައިސްފައިވަނީ ވަރަށް ފަހުންނެވެ. އަދި ރިޔާސީ ކޮމިޝަންގެ މެމްބަރުންނާއެކު އޭނާގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ރިލްވާން ގެއްލުނުތާ މިއަހަރު، ހަ އަހަރު ފުރުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ އަމިއްލަ އަތްޕުޅުން ލިޔުއްވައި ކުރެއްވި ޓުވީޓެއްގައި ވަނީ ރިލްވާންގެ މައްސަލަ ތަހުގީގުކުރާ ޓީމަށް ބޭރުގެ އިންވެސްޓިގޭޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

މަރުގެ މައްސަލަތައް ތަހުގީގުކުރުމުގައި ރިޔާސީ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރުގެ މާހިރަކު އައްޔަން ކޮށްދިނުމަށް އެދި ރައީސް ސޯލިހުގެ އަރިހުން ރިލްވާނާއި މަރާލާފައިވާ ބްލޮގަރު ޔާމިން ރަޝީދުގެ އާއިލާއިން އެދުނީ މިދިޔަ ޖުލައި މަހު ކުރީކޮޅު، އެމަނިކުފާނާއެކު ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

ރިލްވާންގެ މަރުގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާތީވެ، އޭނާގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރިލްވާންގެ އާއިލާއިން ބުނީ މި ސަރުކާރު ވެރިކަމަށް އައީ ރިލްވާނާއި ޔާމީންގެ ނަން ބޭނުން ކޮށްގެން ކަމަށާއި އެ މައްސަލަތަކަށް އިންސާފު ނުލިބި ލަސްވަނީ މުއައްސަސާތައް ފެއިލް ވެފައިވާތީ ކަމަށެވެ.