ރާއްޖޭގެ ގާނޫނުން މަރުގެ އަަދަބު މުޅިން އުވައިލެވޭނީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކާއެކު އާންމުންގެ ހިޔާލު ވެސް ހޯދައިގެން ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށްދޭ މިންވަރު ދެނެގަތުމަށް ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައި މިރޭ ބޭއްވި ޔުނިވާސަލް ޕީރިއަޑިކް ރިވިއު ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވީ ރާއްޖެއިން މަރުގެ އަދަބު އުވައިލަން ގޮވައިލާ ގޮވައިލުންތައް ފާހަގަކުރައްވާ ކަމަށާއި ނަމަވެސް މަޖިލީހުން ގާނޫނުތަކަށް ބަދަލު ނުގެނެސް އެކަން ނުކުރެވޭނެ ކަމަށެވެ.
ބަންޑާރަ ނައިބު ވިދާޅުވީ މަރުގެ އަދަބު ނައްތައިލުމުގެ މަސައްކަތްތައް ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނުއަސާސީ ހުއްދަކުރާ ގޮތަށް ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ކުރާ ކަމަކަށް ވާންޖެހޭނެ ކަމަށެވެ.
"ރާއްޖޭގައި މަރުގެ އަދަބު ނައްތައިލަން ގޮވައިލާ ގޮވައިލުންތައް އަޅުގަނޑުމެން ފާހަގަކުރަން. އެހެން ނަމަވެސް ޕާލަމެންޓުން ހަދަން ޖެހޭ ގާނުނުތައް ނުހަދައި މަރުގެ އަދަބު އުވައެއް ނުލެވޭނެ. އަދި ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލު ނުހޯދައި މަރުގެ އަދަބު ނައްތައެއް ނުލެވޭނެ،" އޭޖީ ވިދާޅުވިއެވެ.
އޭޖީ ވިދާޅުވީ ރާއްޖޭގައި މަރުގެ އަދަބުދިނުން ނުރަސްމީކޮށް ހުއްޓާލާފައި އޮތް އޮތުން ދަމަހައްޓަން ސަރުކާރުން ވެފައިވާ ވައުދު ދަމަހައްޓާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި މަރުގެ އަދަބު ތަންފީޒު ކުރުމަށްވުރެ ޝަރުއީ ދާއިރާ އިސްލާހު ކުރުމާއި ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ ގާނޫނީ އޮނިގަނޑު ވަރުގަދަ ކުރުމަކީ މާ މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ.
މަރުގެ އަދަބު ދިނުން ތަންފީޒު ނުކުރުމަށް އދ.ގެ އާއްމު މަޖިލީހުން އެކުލަވާލާފައިވާ "މޮރެޓޯރިއަމް އޮން ދަ ޔޫޒް އޮފް ޑެތު ޕެނަލްޓީ" ގަރާރުގެ ޑްރާފްޓަށް ރާއްޖެ އިން ވަނީ އާނ ބަސް ބުނެފައެވެ.
މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ގައުމުތަކުން ވެސް ވަނީ މަރުގެ އަދަބު ނައްތައިލުމަށް ރާއްޖެއަށް ގޮވާލައިފައެވެ.
ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބައެއް ކުށްތަކަށް މަރުގެ އަދަބު ކަނޑައަޅާފައި އޮތް ނަމަވެސް އެ އަދަބު ތަންފީޒު ނުކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ. އެގޮތުން ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބުދީފައި ވަނީ މީގެ 67 އަހަރު ކުރިންނެވެ.
މަރުގެ އަދަބު ދޭން އަލުން ފަށާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ބުންޏެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ދައުރު ހަމަވެގެންދިޔަ އިރުވެސް މަރުގެ އަދަބު ތަންފީޒުކޮށްފައެއް ނުވެއެވެ.