ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު)ގެ ތިންވަނަ ސައިކަލްގައި، ރާއްޖޭގެ ރިވިއު ސެޝަންގައި ގާނޫނުއަސާސީއާއި ދީނުގެ އަސްލަކާ ހިލާފުވާ އެއްވެސް ހުށަހެޅުމެއް ރާއްޖެއިން ބަލައެއް ނުގަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މިއަދު 18:30 އިން ފެށިގެން އެ ސެޝަން ކުރިއަށްދަނީ ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައެވެ. ކޮވިޑް 19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް ތަބާވުމުގެ ގޮތުން، މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިން-ޕާސަން އަދި ވާޗުއަލް ބައިވެރިވުން ހިމެނޭ ހައިބްރިޑް މޮޑެލްއެއްގެ ގޮތުގައެވެ.
ޔޫ.ޕީއާރު އަކީ އ.ދ. ގެ މެންބަރު ގައުމުތަކުން އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ކުރަމުން އަންނަ މަސައްކަތްތަކާއި އިންސާނީ ހައްގުތަތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުން އަންނަ މިންވަރު ދެނެގަނެ، ވަޒަންކުރުމަށްޓަކައި ކުރިއަށްގެންދެވޭ ރިވިއުއެކެވެ.
އެ ސެޝަންގައި ވާޗުއަލީ ބައިވެރިވެވަޑައިގެން ރާއްޖެ ތަމްސީލު ކުރައްވާނީ ރާއްޖޭގެ ވަފުދުގެ ހެޑް އޮފް ޑެލެގަޝޭންގެ ގޮތުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުރުން، ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާއި އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއަދުގެ ސެޝަނުގައި ރާއްޖޭން ވޭތުވެދިޔަ 4 އަހަރާއި ބައިގެ ތެރޭގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށާއި ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތައް ރިވިއުކުރެވޭނެ ކަމަށާއި ރާއްޖެއިން މިއަދުގެ ސެޝަނަށް 3 ފެބުރުވަރީ 2020 ގައި ހުށަހަޅާފައިވާ ނޭޝަނަލް ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތާއި، މަދަނީ ޖަމާއަތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހުށަހަޅާފައިވާ ސްޓޭކްހޯލްޑަރު ރިޕޯޓުތަކާއި، އ.ދ. ގެ އެކި ފަރާތްތަކުން ދިވެހިރާއްޖެއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ރާއްޖެއާ ގުޅޭގޮތުން ގައުމުތަކަށް ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން ރާއްޖެއަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް 97 ގައުމަކުން އެދިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިއަދުގެ އެ ސެޝަނުގައި ގައުމުތަކުން ރާއްޖެއަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ އަދި އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ އެއްވެސް ހުށަހެޅުމެއް ރާއްޖެއިން ބަލައެއް ނުގަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ގައުމުތަކުން ރާއްޖެއަށް ހުށަހަޅާ ރިކޮމެންޑޭޝަންތައް ރާއްޖޭން ބަލައިގަންނަކަން ނުވަތަ ނޫންކަން ޔޫޕީއާރުގެ ވޯކިން ގުރޫޕަށް އެންގުމަށް ރާއްޖެއަށް އަންނަ މަހުގެ 14 އާ ހަމައަށް ފުރުސަތު ލިބޭނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
މިއަދުގެ ސެޝަނަށްފަހު އަންނަ ހުކުރު ދުވަހު ބާއްވާ ވޯކިން ގުރޫޕުގެ ސެޝަންގައި ޔޫޕީއާރު ވޯކިން ގުރޫޕުން ރާއްޖެއާ ގުޅޭގޮތުން ތައްޔާރުކުރާ ރިޕޯޓް އެޑޮޕްޓް ކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު