ބިއުޓީ

އާ ޓްރެންޑެއް: "ގްލާސީ ހެއާ" ލުކް އެއް ހޯދުމަށް ކުރެވިދާނެ ކަންކަން

މިވަގުތު އެންމެ ގަދައަށް ތަރިންގެ މެދުގައި ޓްރެންޑް ވަމުން އަންނަ ލުކް އަކީ ގްލޮސީ، މިރޯ ފިނިޝްޑް ހެއާ ޓްރެންޑެވެ.

މި ލުކް ޓެރެންޑް ކުރަމުން އަންނަ މަގުބޫލު ބައެއް ތަރީންގެ ތެރޭގައި އައިޝްވަރިޔާ ރާއީ، ސެލެނާ ގޮމޭޒް، ޓެއިލާ ސްވިފްޓް އަދި ކިމް ކާޑިޝިއަން ހިމެނެއެވެ.

މި ޓްރެންޑްގައި އިސްތަށިގަނޑު އޮންނަނީ ވިދާ ބަބުޅައިފައެވެ. މިއީ މިޓްރެންޑް ހާއްސަވާ އެއް ސަބަބެވެ. ގިނަ ތަރިން ތަކެއްގެ ފަރާތުން ފަހަކަށް އައިސް ގްލާސީ ހެއާ ލުކް ޓްރެންޑް ވަމުން އަންނައިރު މިއީ ގޭގައި އަމިއްލައަށް ވެސް ވަރަށް ފަސޭހައިން ގެނެވިދާނެ ލުކެކެވެ.

ސްޕްލިޓް އެންޑްސްތައް ކޮށާލައި އިސްތަށިގަނޑު އެއްވަރުކޮށްލާ!

މިލުކްގައި އިސްތަށިގަނޑު ފެންނާނީ އެއްވަރަށް ކޮށާލައި ތޫނުކޮށް ކޮޅުތައް ހުންނަހެންނެވެ. އެހެންކަމުން މިލުކް ހޯދަން ބޭނުން ނަމަ އެއްވަރަކަށް އިސްތަށިގަނޑު ކޮށައިލަން ޖެހެއެވެ. އަދި އިސްތަށިގަނޑު ދެކަފި ވެފައި ހުރިނަމަ އެބައިވެސް ދުއްވާލަން ޖެހެއެވެ. މިލުކް ބޭނުން ނަމަ ގަވައިދުން އިސްތަށިގަނޑުގެ ކޮޅު ކޮށުމަށް އާދަކުރަން ވެސް ޖެހެއެވެ.

ޝޭމްޕޫ ކުރުމާއި ކޮންޑިޝަން ކުރުން

މި ލުކް ހޯދުމަށް އިސްތަށިގަނޑު ސާފުކޮށް މޮއިސްޗަރައިޒްކޮށް ބޭއްވުން މުހިންމެވެ. އިސްތަށިގަނޑު ހިކިފައި ނުވަތަ ހަލާކުވެފައި ހުރި ނަމަ މިލުކް ގެންނަން އުނދަގޫ ވާނެއެވެ، އެހެންކަމުން ޝޭމްޕޫ ބޭނުންކޮށްގެން ރަނގަޅަށް އިސްތަށިގަނޑު ދޮވެ ގަވައިދުން ކޮންޑިޝަން ކުރަން އާދަ ކުރުން މުހިންމެވެ.

ބްލޯ ޑްރައި ކުރުން

އިސްތަށިގަނޑު އޮމާންކޮށް ފަންކުރުމަށް އެންމެ ފުރަތަމަ ސްޓެޕަކަށް ރަނގަޅަށް ބްލޯ ޑްރައި ކުރަން ވާނެއެވެ. ނަމަވެސް ބްލޯޑްރައި ކުރުމުގެ ކުރިން ރަނގަޅު ސީރަމެއް ނުވަތަ އިސްތަށިގަނޑު ޕްރޮޓެކްޓް ކުރުމަށް ސްޕްރޭއެއް ބޭނުން ކުރަން ހަނދާން ބަހައްޓަންވާނެއެވެ.

އިސްތަށިގަނޑު އަޔަން ކުރުން

ރަނގަޅަށް އިސްތަށިގަނޑު ދޮވެ ސާފުކޮށް ބްލޯ ޑްރައި އިން ހިއްކައިލުމަށްފަހު އިސްތަށިގަނޑު ބައިބައިކޮށް ފްލެޓް އަޔަން އަކުން އަޔަން ކޮށްލާށެވެ. މި ގޮތަށް އަޔަން ކުރާއިރު އަވަސް އަރުވާލައިގެން އުޅުމުގެ ބަދަލުގައި ވަކި ވަކިން މަދު އިސްތަށިތައް އަޔަން ކުރަމުން ގެންދާށެވެ. އޭރުން ބޭނުންވާ ސްމޫތު ސްލީކް ލުކް ގެންނަން ފަސޭހަ ވާނެއެވެ. އަޔަން ކުރާއިރު އިސްތަށިގަނޑު ގޮށް ޖެހުމުން ދުރުކުރުމަށް ކޮޅު ތޫނު ފުނަލެއް ބޭނުން ކުރާށެވެ.

ފަހު ކަމަކަށް އިސްތަށިގަނޑަށް ޝައިން އެޑްކޮށްލާ!

ގްލޮސީ ލުކް އަކަށް ހަމައެކަނި އާދައިގެ ސީރަމަކުން ނުނިމެއެވެ. މިލުކް ހޯދުމަށް ބޭނުން ވާނީ އޮއިލް ބޭސްޑް ސީރަމެކެވެ. އަދި އިސްތަށިގަނޑުގެ ބުޑުގައި ނުހާކައި އެހެން ބައިތަކުގައި މަޑުމަޑުން ހާކައިލާށެވެ. މީގެ ސަބަބުން އިސްތަށިގަނޑު ޑްރައިވުމުން ދުރުކޮށްދީ، ވިދުން ގެނެސްދީ ހައިޑްރޭޓްކޮށްލައެވެ.

ނިންމާލަމުން އިސްތަށިގަނޑަށް ހެއާ ސްޕްރޭއެއް ކޮށްލާށެވެ. މިހާރު ހުންނާނީ ޓެރެންޑް ވަމުން އަންނަ ގްލާސީ ހެއާ ލުކެއް ލިބިފައެވެ.