ކުޅިވަރު

1500 މީޓަރު ދުވުމުގެ އަންހެން ގައުމީ ރެކޯޑު ޖައިޝާ އާކޮށްފި

1500 މީޓަރު ދުވުމުގެ އަންހެން ގައުމީ ރެކޯޑު ޒުވާން ދުވުންތެރިޔާ އައިމިނަތު ޖައިޝާ ޖުނީޒް އާކޮށްފިއެވެ.

މީގެ ދެ އަހަރު ކުރިން ޖައިޝާ ހަދާފައިވާ ރެކޯޑު އޭނާ އާކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުޅުމާލޭ ޓްރެކްގައި ބޭއްވި ގައުމީ ޓައިމް ޓްރައިލްސްގައެވެ. ޖައިޝާ ރެކޯޑު އާކުރީ ކުރިން ދުވެފައިވާ ޓައިމިންއަށް ވުރެ 8.28 ސިކުންތު އަވަހަށް 1500 މީޓަރު ދުވެގެންނެވެ.

2018 ވަނަ އަހަރު އިންޑޮނޭޝީއާގެ ޖަކާޓާގައި ޖައިޝާ ހަދާފައިވާ ރެކޯޑަކީ ފަސް މިނެޓް، 14.38 ސިކުންތުން ރޭސް ނިންމައިގެން ހަދާފައިވާ ރެކޯޑެކެވެ. ޖައިޝާ ރެކޯޑު އާކުރީ ފަސް މިނެޓް، 6.1 ސިކުންތުން އިން ރޭސް ނިންމައިގެންނެވެ.

ޖައިޗާ މީގެ ދެއަހަރު ކުރިން 1500 މީޓަރު ރެކޯޑު މުގުރާލީ އެ ރެކޯޑަށް އަށް އަހަރު ވެފައި ވަނިކޮށެވެ. އޭޝިއަން ގޭމްސްގެ 1500 މީޓަރު އަންހެން ފައިނަލް ހީޓުގައި ދުވެ ޖައިޝާ މުގުރާލީ އިނާޔާ ފާރޫގު އަތުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ރެކޯޑެވެ. އިނާޔާ ރެކޯޑު ހަދާފައި ވަނީ 2010 ވަނަ އަހަރު ޖުލައި މަހު ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕްގައި ދުވެގެންނެވެ. އިނާޔާ ރޭސް ނިންމާފައި ވަނީ ފަސް މިނެޓާއި 16.29 ސިކުތުންނެވެ.

ޖައިޝާއަކީ އަންހެން އެތުލީޓުންގެ ތެރެއިން ފާހަގަ ކޮށްލެވޭ އުންމީދީ އެތުލީޓެކެވެ. އޭނާ ވަނީ 2016 ވަނަ އަހަރު އިންޑިއަން ގްރޭންޑް ޕްރިކްސްގައި ވާދަކޮށް ލޯ މެޑަލް ހޯދައިފައެވެ. ގައުމީ ލެވެލްގައިވެސް އޭނާއަކީ އެންމެ ކާމިޔާބު އެއް އެތުލީޓެވެ.