ރައްޔިތުންގެ ހިތްތަކުގައި ދިވެހި ސިފައިންނާ މެދު އޮންނަ އިތުބާރު މިއަދު އިތުރުވެފައިވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބާގައި،ނެރުއްވި ހިތޯބުގައި ވިދާޅުވީ، 3 ނޮވެންބަރު 1998 އަކީ ދިވެހިރާއްޖޭގެ ތާރީހުގެ ކަޅު ސަފުހާއެއް ކަމަށާއި އެއީ ބޭރުގެ ބަޔަކު އައިސް ދިން އުދުވާނީ ހަމަލާއެއްގައި ކުށެއް ނެތް އެތައް ބަޔަކު ޒަހަމް ވެ، 19 ދިވެހީން ޝަހީދުވެގެންދިޔަ ދުވަސް ކަމުގައެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ، 3 ނޮވެންބަރުގެ ހާދިސާ ކުރިމަތިވިއިރު، ދިވެހިންގެ ކިބައިގައި ހުރި އަސްކަރީ ވަސީލަތްތަކާއި ތަމްރީނުގެ ފެންވަރާއި މިންވަރު، މިއަދާ އަޅައިބަލާއިރު ވަރަށް ތަފާތު ކަމަށެވެ. ނަމަވެސް އެ ދުވަހު ދިވެހި ސިފައިންނާއި ދިވެހި ރައްޔިތުން ދެއްކި ހިތްވަރަށް ތައުރީފު ހައްގު ކަމަށެވެ.
"އެދުވަހު ޝަހީދު ކޯޕްރަލް ހުސައިން އާދަމް ފަދަ އަބްތާލުން ދެއްކެވި ހިތްވަރާއި ކެރުމުގެ މަތިވެރި ނަމޫނާއަށް މިިނެއް ނެތް ތައުރީފު ހައްގެވެ. އަދި އާންމު ރައްޔިތުންގެ ކިބައިން ފެނުނު ހިތްވަރާއި ކެރުމަށްވެސް އައްސަރިބަހާއި ހާބަސް ހައްގެވެ. ހަމަ އެހެންމެ، 3 ނޮވެންބަރުގައި، އޭރުގެ ސަރުކާރުން އަވަށްޓެރި އިންޑިއާގެ އެހީތެރިކަމަށް އެދުމުން، އެގައުމުން ދިން އެހީތެރިކަން ފާހަގަކޮށް، އެކަމަށްޓަކައި އިންޑިއާއަށް ޝުކުރު އަދާކުރަމެވެ." މިނިސްޓަރުގެ ހިތޯބުގައި ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެ ސަރުކާރުން، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. މިއަދު ދިވެހި ގައުމީ ދިފާއީ ބާރުގެ ގާބިލުކަމާއި ވަސީލަތްތައް މިވަނީ އެތައް ގުނައެއް ފުޅާވެފައި ކަމަށާއި ރައްޔިތުންގެ ހިތްތަކުގައި ސިފައިންނާ މެދު އޮންނަ އިތުބާރާއި ލޯތްބާއި މަގުބޫލުކަންވެސް އިތުރުވެފައިވާކަމަށް އެކަމަނާ ވިދާޅުވިއެވެ.
މިނިސްޓަރުގެ ހިތޯބު ނިންމާލަމުން ވަނީ 3 ނޮވެންބަރުގައި ޝަހީދުވި އެންމެހާ ޝަހީދުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ﷲ ހަޟްރަތުގައި ދުއާ ދަންނަވައިފައެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ