ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި "އާޓް ފޯ އެކްޝަން" ގެ ނަމުގައި ކުރެހުމުގެ ކެމްޕޭނެއް ބާއްވަން ނިންމައިފިއެވެ.

އުރީދޫން ބުނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ "ޑޭސް އޮފް އެކްޓިވިޒަމް އެގެއިންސްޓް ޖެންޑާ ބޭސްޑް 16" ކެމްޕޭންގެ ހަރަކާތެއްގެ ގޮތުން، ފެމިލީ ލީގަލް ކްލިނިކް އާއި އދ.ގެ ތަރައްގީއާ ބެހޭ ޖަމިއްޔާ (ޔޫއެންޑީޕީ) އަދި އުރީދޫ ގުޅިގެން "އާޓް ފޯ އެކްޝަން" ގެ ނަމުގައި ކުރެހުމުގެ ކެމްޕޭނެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އުރީދޫން ބުނީ މި ކެމްޕޭންގެ މަގުސަދަކީ ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި މިފަދަ އަނިޔާ ލިބޭ ފަރާތްތަކަށް އަދުލު އިންސާފު ހޯދައި ދެވޭނެ ގޮތްތަކާއި އެފަރާތްތައް ބާރުވެރިކޮށް، އެފަރާތްތަކަށް ދޭން ޖެހޭ އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި އަންހެނުންނަށާއި ކުދިންނަށް މުޖުތަމައުގައި އޮންނަން ޖެހޭ ރައްކާތެރިކަމާމެދު ކުރާ އުއްމީދުތަކާމެދު އާންމުންގެ ޝުއޫރު ފާޅުކުރުން ކަމަށެވެ.

މި ކެމްޕޭނަށް ކުރެހުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ 14 ނޮވެމްބަރުގެ ނިޔަލަށެވެ. މި ކުރެހުމުގެ ކެމްޕޭން ހުޅުވާލެވިފައިވަނީ އުމުރުން 16 އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކަމަށާއި މި ކެމްޕޭނަށް ކުރެހުންތައް ހުށަހެޅުމުގައި ކޮންމެ ވަސީލަތެއްވެސް ބޭނުންކުރެވިދާނެ ކަމަށް އުރީދޫން ބުންޏެވެ.

  • ޢަދުލު އިންޞާފު: މުޖުތަމައުގެ ހުރިހާ ފަރާތެއް ބައިވެރިވެގެން، އަނިޔާ ލިބޭ އަންހެނުންނަށް އިންސާފު ހޯދައި ދެވޭނެ ގޮތްތައް
  • ބާރުވެރިކުރުން: އާއިލާ އާއި ރަޙްމަތްތެރިންގެ ހައިސިއްޔަތުން އަނިޔާ ލިބޭ އަންހެނުން ބާރުވެރިކޮށް، އެފަރާތްތަކަށް އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް
  • އުއްމީދު: އަންހެނުންނަށާއި ކުދިންނަށް މުޖުތަމައުގައި އޮންނަންޖެހޭ ރައްކާތެރިކަމާމެދު ކުރާ އުއްމީދުތައް

އުރީދޫން ބުނީ މި ކެމްޕޭނަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ފެމިލީ ލީގަލް ކްލިނިކާއި ޔޫއެންޑީޕީ، އަދި އުރީދޫގެ ބޭފުޅުންގެ މައްޗަށް އެކުލެވޭ ޕެނަލަކުން 16 ކުރެހުމެއް ހޮވާނެ ކަމަށެވެ. މި 16 ފަރާތުގެ ކުރެހުންތައް ފެމިލީ ލީގަލް ކްލިނިކާއި ޔޫއެންޑީޕީ އަދި އުރީދޫގެ ސޯޝަލް މީޑިއާގައި 25 ނޮވެމްބަރުން ފެށިގެން 10 ޑިސެމްބަރުގެ ނިޔަލަށް ޝާއިރު ކުރެވޭނެ ކަމަށެވެ. އަދި އުރީދޫގެ ލެޑް ބޯޑުގައިވެސް މި 16 ކުރެހުން އިޝްތިހާރު ކުރެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.