ރައްޔިތުންގެ މަޖިލިސް

މާރާމާރީތަކާއި ފޭރުުމުގެ މައްސަލަތައް ގިނަވަމުންދާތީ ކަމާބެހޭ މުއައްސަސާތައް ހާޒިރުކުރި ކޮމިޓީ ސިއްރު ކޮށްފި

އިބްރާހިމް ޒަކީ

ފަހަކަށް އައިސް ރާއްޖޭގައި އިތުރުވަމުންދާ މާރާމާރީތަކާއި، ފޭރުމުގެ މައްސަލަތަކާއި މަގުމަތިން ފައިސާ ފޭރުން ގިނަވަމުންދާ މައްސަލައިގައި ކަމާބެހޭ މުއައްސަސާތައް ހާޒިރުކޮށްގެން ކުރިއަށްގެންދާ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުން ވަކި ހިސާބަކުން ސިއްރު ކޮށްފިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް، ޑިފެންސް މިނިސްޓްރީ އާއި، ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި، ހޯމްމިނިސްޓްރީ އާއި ޕޮފުލުހުންގެ އިސް ބޭފުޅުން ވަޑައިގެންފައިވެއެވެ.

މިއީ ފޭރުމާއި މާރާމާރީގެ މައްސަލަތައް ގިނަވުމުގެ ސަބަބުން އުފެދިފައިވާ ކަންބޮޑުވުމުގެ ސަބަބުން އެ ކޮމިޓީގެ މެންބަރު ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ހުށަހަޅުއްވައިގެން އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރުމަށް ކޮމިޓީން ފާކޮށްގެން ބޭއްވި ބއްދަލުވުމެކެވެ.

މި ބައްދަލުވުމުގައި، މާލޭ ސީޓީ އާއި ރާއްޖޭގެ އެކި ރަށްރަށުގައި އިތުރު ވަމުންދާ ފޭރުމާއި، މާރާމާރީގެ މައްސަލަތަކާބެހޭގޮތުން ކޮންމެ މުއައްސަސާއަކުންވެސް އެ މުއަައްސަސާގެ ހިޔާލު ފާޅު ކުރުމަށްފަހު، ވަކި ހިސާބަކުން ކޮމިޓީ ސިއްރު ކުރިއެވެ.

ކޮމިޓީ ސިއްރު ކުރީ، އެ ފަރާތްތަކުން ކޮމިޓީއާ ހިއްސާ ކުރަންޖެހޭ މައުލޫމާތު ތަކުގެ ތެރޭގައި، އާއްމު ފޯރަމްތަކުގަިއ ނުދެއްކޭ ވަރުގެ ސެންސިޓިވް ވާހަތައް ހުރުމާއި، މުހާރުވެސް ހިނގަމުންދާ ތަހުގީގުތަކާ ގުޅުންހުރި މައުލޫމާތުތައް ހިމެނޭތީ އެ ފަރާތްތަކުން، ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމަށް އެދުމުންނެވެ.