ކޮވިޑް19 އާ ގުޅިގެން ބީއެމްއެލް މެދުވެރިކޮށް 391 ވިޔަފާރިއަކަށް ޖުމުލަ 551 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ބުދަ ދުވަހާ ހަމައަށް ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް 8.0 މިލިއަން ޑޮލަރު ވެސް ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފަ އެވެ.

ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ލޯނަށް އެދި 582 ވިޔަފާރިއަކުން ވަނީ ހުށަހަޅައިފަ އެވެ. މިހާތަނަށް 417 ވިޔަފާރިއަކަށް ލޯނު ދޫކުރަން އެޕްރޫވް ކޮށްފައިވާއިރު ރިޖެކްޓް ކޮށްފައިވަނީ 17 ހުށަހެޅުމެކެވެ.

ބީއެމްއެލުން ފައިސާ ދޫކުރުމަށް ހަމަޖައްސާފައިވަނީ ރިސޯޓްތަކާއި އަހަރެއްގެ މައްޗަށް ޓާންއޯވާގެ ގޮތުގައި ދިހަ މިލިއަނަށްވުރެ މަތީ އަދަދެއް ލިބިފައިވާ ވިޔަފާރިތަކަށެވެ.

މި ލޯނު ދޫކުރާއިރު ދިވެހި އޯނާޝިޕްގެ ނިސްބަތަށާއި މުވައްޒަފުންގެ ތެރޭގައި ދިވެހި މުވައްޒަފުންގެ ނިސްބަތަށް ބަލާނެއެވެ. އެގޮތުން 45 ޕަސެންޓް ނުވަތަ އެއަށްވުރެ މަތިން ދިވެހި މުވައްޒަފުން ގެންގުޅޭ ނަމަ ލޯނު ދޫކުރުމުގައި އިސްކަން ދޭނެ ކަމަށް ފިނޭންސުން ބުނެފައި ވެއެވެ.

ކޮވިޑް ރިކަވަރީ ސްކީމުގެ ދަށުން ބީއެމްއެލުން ރިސޯޓުތަކަށް 7.7 މިލިއަން ރުފިޔާ އާ ހަމައަށް ލޯނު ދޫކުރާ އިރު ރިސޯޓު ނޫން ވިޔަފާރިތަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެ އެވެ. މި ލޯނަކީ ހަ ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ހަ މަސް ދުވަހުގެ ގްރޭސް ޕީރަޑަކާއެކު ތިން އަހަރުން ދައްކާ ގޮތަށް ދޫކުރާ ލޯނެކެވެ.