ދިހަ ހާސް މެންބަރުން ހަމަނުވާ ޕާޓީތަކަށްވެސް ދައުލަތުން ފައިސާ ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށަހަޅާފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން އީސީގެ މެންބަރު ފުއާދު ތައުފީގް ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަން ކަމަށެވެ. އެ މައްސަލައަށް ހައްލެއް ހޯދުމަށް ގިނަ ޕާޓީތަކަށް ފައިސާ ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާނެ ކަމަށް ވިދާޅުވިއެވެ.

މިހާރު ގާނޫނުގައިވާ ގޮތުން، ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޭ ފައިސާ ލިބެނީ ހަމައެކަނި 10،000 މެންބަރުން ތިބޭ ޕާޓީތަކަށް އެކަންޏެވެ. އެހެންކަމުން މިހާރު ދައުލަތުން ފައިސާ ލިބެނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށެވެ.

ގާނޫނު އޮތް ގޮތުން ދައުލަތުން ފައިސާ ލިބެނީ ތިން ޕާޓީއަށްކަން ފާހަގަކުރައްވައި ފުއާދު ވިދާޅުވީ، އިންތިހާބުތަކުގައި އެޕާޓީއަކަށް ލިބޭ ވޯޓުގެ ނިސްބަތުން ޕާޓީތަކަށް ފައިސާ ބެހުމުގެ ވިސްނުން އީސީން ގެންގުޅޭ ކަމަށެވެ.

"އޭގެ ބޭނުމަކީ ކޮންމެ ޕާޓީއެއްވެސް ހިންގުމަށްޓަކައި އިދާރީ ކަންތައްތަަކަށްޓަކައި އަދި ހަރަކާތްތައް ހިންގުމަށްޓަކައިވެސް ދައުލަތުން ދޭ ފައިސާގެ ކޮންމެވެސް މިންވަރެއް ލިބިއްޖިއްޔާ އެ ޕާޓީގެ ހަރަކާތްތައް ރަނގަޅުކުރެވޭނެ ކަމަށް ފެންނާތީވެ. އެއާ އެކީގައި އަޅުގަނޑުމެން އެބަ ބަލަން ބޮޑެތި ޕާޓިތަކަށް ބޮޑަށް ހަރަދުދާނެ ކަމަށް، ބޮޑު މެމްބަރޝިޕެއް އޮތީމަ. އެހެންވީމަ އެބައި ބޮޑެތި ޕާޓިތަކަށް ގިނައިން ލިބޭ ގޮތަކަށް އެބައިވެސް ކަނޑައެޅިފައި އޮންނާނީ،" ފުއާދު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިލެކްޝަންސް ކޮމިޝަނުން ވަނީ 54 އިސްލާހެއް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ލީޑަޝިޕްގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަކުރުމާއި ސިޔާސީ ޕާޓީތައް ސަސްޕެންޑް ކުރުމުގެ ބާރާއި ނޭނގި ޕާޓީއަށް ވެއްދުން ހުއްޓުވުން ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައި ދިހަ ޕާޓީ އެބައޮތެވެ.