ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ނުބޭއްވޭނެ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ރޭ ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ކޮވިޑް 19ގައި ދުނިޔެއަށް އައި އިގްތިސޯދީ ހީނަރުކަމުން އެންމެ ބޮޑަށް އަސަރުކުރި އެއް ގައުމަކީ ރާއްޖެ ކަމަށާއި، އެތައް ބައެއްގެ އާމްދަނީ މަދުވެ، އެތައް ބައެއްގެ ވިޔަފާރި ހަލާކުވެފައިވާ މި ދަނޑިވަޅުގައި ބޮޑު ހަރަދެއް ކޮށްގެން އައިއޯއައިޖީ ފަދަ ގޭމެއް ބޭއްވުމަށް ފޯކަސް ކުރުމަކީ އެންމެ ރަނގަޅު ކަމެއްވެސް ނޫން ކަމަށެވެ.

"މުޅި ދުނިޔެއަށް ކޮވިޑު ޖެހުނުއިރު ރާއްޖެއަކީ އޭގެ އިމްޕެކްޓް، އިކޮނޮމިކަލީ އެންމެ ބޮޑަށް ކުރި ގައުމު. އަޅުގަނޑުމެން މި ފެސިލިޓީތައް ޑިވެލޮޕްކޮށް، މުޅި ގޭމްސް ރާވައި ހިންގަން ވަގުތެއްވެސް ނެތް. މި ދަނޑިވަޅުގައި އަޅުގަނޑުމެންގެ އެތަކެއް ޒުވާނުންގެ ވަޒީފާތައް ގެއްލި، އެތައް ބައެއްގެ އާމްދަނީ މަދުވެ ވިޔަފާރިތަކަށް އޭގެ އަސަރުކޮށްފައިވަނިކޮށް، ވަކިން ފޯކަސްކޮށްގެން މިވަރުގެ ބޮޑު ގޭމެއް 2023 ގައި ބާއްވަން އުޅުމަކީ ރަނގަޅު ކަމެއް ނޫން، މި ދެންނެވީ ވަގުތު ނެތުމާ އެކީ އަދި އިގްތިސޯދު އޮތްގޮތުން ނުވާނެކަމެއް،" މަހުލޫފު ވިދާޅުވިއެވެ.

އެންމެފަހުން މޮރިޝަސްގައި ބޭއްވި އައިއޯއައިޖީގައި ރާއްޖެއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާއިރު، އެފަހަރު ރާއްޖެއިން ބިޑްކޮށް، 2023 ވަނަ އަހަރުގެ އައިއޯއައިޖީ ރާއްޖޭގައި ބާއްވަން ބިޑްވެސް ކާމިޔާބުކުރިއެވެ. މިނިސްޓަރު މަހުލޫފް ކުރިން ފާހަގަކުރައްވާފައިވަނީ އައިއޯއައިޖީ ރާއްޖޭގައި ބާއްވާނީ އަތޮޅު ތެރޭގެ ރަށްތަކުގައިވެސް ކުޅިވަރު ވަސީލަތްތައް ގާއިމްކޮށް، މުޅި ރާއްޖެ އެކަމުގައި ޝާމިލްވާނެ ގޮތަކަށް ކަމަށެވެ. ބައެއް ރަށްރަށުގައި ވަސީލަތްތައް ގާއިމް ކުރުމަށް ސަރުކާރުން ވަނީ ޕްލޭންތައްވެސް ކޮށްފައެވެ.

ކޮވިޑް 19ގެ ހާލަތަކާއެކު ރާއްޖެއަށް މާލީ ދަތިތައް އިންތިހާއަށް ކުރިމަތިވެފައި އޮތުމާ އެކު، ރާއްޖެއިން ވަނީ 2025 ވަނަ އަހަރަށް އައިއޯއައިޖީގެ ދެން އޮންނަ ގޭމްސް ފަސްކޮށްދިނުމަށް އެދިފައެވެ.

""އަޅުގަނޑުމެން މިހާރު ވާނީ ކީޗް (ގޭމްސްގެ ކަންކަން ނިންމާ ކޮމެޓީ) އާއި މީގެ ފަސް ވަރަކަށް ދުވަސް ކުރިން ބައްދަލުކޮޮށް 2025 ވަނަ އަހަރަށް އައިއޯއައިޖީ ލަސްކޮށްދިނުމަށް ހުށަހަޅާފައި، ގައިމުވެސް 2023 ވަނަ އަހަރު ރާއްޖޭގައި ނުބާއްވާނެ، 2025 ގައި ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ދީފިކަމުގައި ވާނަމަ އިރާދަކުރެއްވިއްޔާ ރާއްޖޭގައި ބާއްވަން މަސައްކަތްކުރަމުން ދާނީ، ނިންމުން ނިމިގެން އަންނާނީ ކީޗްގެ ބައްދަލުވުމުގެ ތެރެއިން" މަހުލޫފު ވިދާޅުވިއެވެ.