ބަތަލު ޓައިގާ ޝްރޮފް ބޮލީވުޑަށް ނުކުތް ފިލްމު ހީރޯޕަންތީގެ ދެވަނަ ސީކުއިލްގެ ޝޫޓިން ޑިސެމްބަރުގައި ފަށަން ހަމަޖައްސާފައިވާ ކަމަށް އިއުލާނުކޮށްފިއެވެ.

ހަ އަހަރު ފަހުން ފިލްމުގެ ދެވަނަ ބައެއް އުފައްދާއިރު މި ފިލްމުގައި ބަތަލާއަކަށް ފެނިގެންދާނީ ތާރާ ސުތާރިއާ އެވެ. މި އެކްޝަން ތުރިލާގެ ޝޫޓިން ދުނިޔޭގެ 10 ގައުމެއްގައި ކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކުރީގެ ފިލްމު އެކީހެން އިންޑިއާގައި ކުޅެފައިވާއިރު މިފަހަރުގެ ފިލްމު ޝޫޓް ކުރުމަށް ލަންޑަން، ނިއު ޔޯކް، މޮސްކޯ، ޓޯކިއޯ އަދި މެނީލާއަށްވެސް ދިއުމަށްވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ޝޫޓިންތައް ކުރިއަށްދާ ގޮތަކުން ގައުމުތައް އިތުރުކުރާނެކަމަށް ފިލްމާ ގުޅުން ހުރި ފަރާތަކުން މީޑިއާއަށް ވަނީ މައުލޫމާތު ދީފައެވެ.

ހީރޯޕަންތީގެ ފުރަތަމަ ފިލްމުގައި ދެލޯބިވެރިޔަކު، އަންހެން ކުއްޖާގެ ބައްޕަ އޭނާގެ ރައްޓެހިން ހައްޔަރުކޮށްގެން ހިނގާ ކަންތައްގަނޑެއް މައްޗަށް އުފައްދާފައިވާއިރު ދެވަނަ ފިލްމުގައި ޓައިގާ މެރުމަށް މަސައްކަތް ކުރަނީ އެކި ގައުމުތަކުގެ އެޖެންސީ ތަކަކުން ކަމަށް ވެއެވެ.

މިއީ ޓައިގާ އަދި ތާރާ އެކުގައި ފެނިގެންދާނެ ދެވަނަ ފިލްމެވެ. މީގެ ކުރިން ސްޓޫޑަންޓް އޮފް ދަ އިޔާ 2 ގައިވެސް ދެތަރިން އެކީވަނީ ފެނިގެންގޮސްފައެވެ.