އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި ބަޖެޓްގެ ތަފްސީލް ދެއްވާނީ މަޖިލީހުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ށަހެޅީ ކިހާވަރެއްގެ ބަޖެޓެއްކަން ފިނޭންސް މިނިސްޓްރީން ހާމަނުކުރި ނަމަވެސް ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ 2021 ވަނަ އަހަރަށް ލަފާކޮށް ހުށައަޅާނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހަޅާފައިވާއިރު، ކޮވިޑްގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވުމާ ގުޅިގެން މި އަހަރުގެ ބަޖެޓު ރިވައިޒް ކުރުމަށްފަހު އަލުން ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.

މާލިއްޔަތު ގާނޫނުގައިވާ ގޮތުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓްރީން އަހަރު ފެށުމުގެ ދެ މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ޖެހޭނެ އެވެ.

މިއަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކުރިން ލަފާކޮށްފައި އޮތް ނަމަވެސް ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިތުރުން ދުނިޔޭގެ އިގުތިސޯދަށް އައި ހީނަރުކަމާއެކު މިހާރުގެ އަންދާޒާއަކީ އެންމެ ރަނގަޅު ހާލަތުގައި ވެސް ދައުލަތުގެ އާމްދަނީގެ ގޮތުގައި މިއަހަރު ލިބޭނީ 15.2 ބިލިއަން ރުފިޔާ ކަމަށެވެ.

ނަމަވެސް މިހާތަނަށް ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 11 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 8.4 ބިލިއަން ރުފިޔާއަކީ ޓެކުހުގެ ގޮތުގައި ލިބުނު ފައިސާ އެވެ. ޓެކްސް ނޫން ގޮތް ގޮތުން 2.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު ހިލޭ އެހީގެ ގޮތުގައި 592.1 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.