''އެންމެ ރަނގަޅު، އަހަރެން ރުހައިމްއަށް ފުރުސަތެއް ދީފާނަން... އެކަމަކު ރުހައިމްއަށް އަހަރެން މަޢާފެއް ނުކުރާނަން، އަހަންނަށް ވެސް އެނގޭ އެއް ތަނެއްގައި މަސައްކަތްކުރާއިރުގައި ކުރިމަތިނުލާ ނޫޅެވޭނެކަން، އެކަމަކު ރުހައިމްއާ މެދު އަހަރެން ދެކެމުން އައި ނަޒަރިއްޔާތު ވަނީ މުޅިން ބަދަލުވެފައި، ކުރީގައި އޮތް ފަދަ ގުޅުމެއް ނުބޭއްވޭނެ، އަހަންނަށް ރުހައިމްއަށް އިތުބާރުކުރަން ފަސޭހަކަމަކަށް ނުވާނެ، ދެން ހިޔެއް ނުވޭ އިތުބާރު ކުރެވޭހެނެހެނެއް ވެސް...... އަހަރެން މިހުރި ސިޗުއޭޝަންގެ ފައިދާ ރުހައިމް ނުނަގާނެ ކަމެއް ވެސް ނޭނގޭ، އެކަމަކު ވެސް އަހަރެން މިހުރީ ފުރުސަތެއް ދޭން ތައްޔާރަށް، އަހަންނަށް އިތުރު ގޮތެއް ވެސް ނެތް...... މި ވާހަކަތައް ފެތުރި ބަދުނާމުވާކަށް އަހަރެން ބޭނުމެއް ނޫން، އޭރުން ހުރިހާ ހިތްދަތިކަމެއް ލިބޭނީ އަހަންނަށް، މުޅި ދުނިޔެއަށް ފަޟީހަތް ވާނީ ވެސް ހަމައެކަނި އަހަރެން... މިހުރި ހާލަތުގައި ފުރާކަށް ވެސް ބޭނުމެއް ނޫން، އޭރުން މީހުންގެ ހިތުގައި ސުވާލު އުފެދޭނެ، އޭރުން އިތުރު ނުތަނަވަސްކަމެއް ނޫނީ ނުލިބޭނެ...'' ޔަޝްފީ ބުންޏެވެ. އިތުރަށް އެތަނުގައި މަޑުކުރުމުގެ ވިސްނުމެއް އޭނަގެ ނެތެވެ. އެއާއެކު އޭނަ އަވަސްވެގަތީ އެތަނުން ދާށެވެ. އޭނަގެ ލަނޑުދަނޑިއަށް ވާސިލުވެވުމުން އެކަމުގެ ހިތްހަމަޖެހުން އިހުސާސްވަމުން ދިޔައެވެ. ރުހައިމްގެ ވިސްނުމާ ކުޅެލެވިއްޖެކަން ވެސް ޔަޤީންކުރެވުނެވެ. ރުހައިމްއަށް އިތުރަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމެއް ނެތި ޔަޝްފީ ދިޔައެވެ.

ޔަޝްފީ ދިޔަ ދިމާއަށް ބަލަން ރުހައިމްއަށް އިރުކޮޅެއް ވަންދެން ހުރެވުނެވެ. އޭނަގެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުމަށް ވެދާނެ ކަމާމެދު ހިތުގައި ޝައްކު އުފެދިފައި ވިއެވެ. ނަމަވެސް އެނޫން އިތުރު ގޮތެއް އޭނައަކަށް ނެތެވެ. ސިކުނޑިއަށް ވެރިވެފައިވާ ހަލަބޮލިކަމުގެ ސަބަބުން އޭނައަށް ރަނގަޅަކަށް ނުވިސްނެއެވެ.

ރުހައިމްއަށް ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހިތި ހިތުގެ އުދާސްކަމަކާ ދުރުވެލަން ބޭނުންވި ހެންނެވެ. ނަމަވެސް އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނަގެ ޚިޔާލުތަކުގެ ވާފަށް ގޮސް ނާލާއާ ގުޅުމުން ހިތުގައި ރިހުމެއް އުފެދުނެވެ. ޖިންސްގެ ޖީބުގައި އޮތް ފޯނު ނަގައި އޭނަ ބަލައިލިއެވެ. މިސްކޯލުގެ އިތުރުން މެސެޖެއް ވެސް އައިސްފައި އިނެވެ.

ރުހައިމްއަށް މެސެޖް ހުޅުވާލެވުނެވެ. އޭރު އެމޫނަށް ވެރިވެފައިވަނީ ހިތާމައިގެ އަސަރުތަކެވެ. މުށު ތެރޭގައި ފޯނު ބާރުކޮށްލަމުން ރެއިލިންގްގައި ރުހައިމްއަށް ޖަހާލެވުނެވެ. ނާލާއާއި ކުރިމަތިލާން އޭނަ ދިޔައީ ފަސްޖެހެމުންނެވެ. ފޯނަށް ޖަވާބު ނުދިނީ އެހެންވެއެވެ.

ރުހައިމްއަށް ވިސްނެމުން ދިޔައީ ހަޤީޤަތް ފަޅާއަރައިފިނަމަ ކަންތައް ވެދާނެ ގޮތަކާ މެދުގައެވެ. އެޚިޔާލުން ވެސް ބިރުގަންނަން ފެށިއެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް އެކަންތައް ސިއްރުކުރަން އޭނަ ބޭނުންވިއެވެ. ނަމަވެސް އެއީ ކުރުން މުސްތަހީލުކަމެއް ކަމަކަށް ވެއްޖެއެވެ. ހިތުގައި ޖަހަމުން ދިޔަ ބިރުވެރިކަމުގެ ވިންދުތަކުން އެކަން ހާމަކޮށްދެއެވެ. އެދެމެދުގައި އުފެދިގެން ހިނގައިދާނެ ހައިޖާންގަނޑުގެ ސަބަބުން ވެސް މީހާ ހާސްކުރުވިއެވެ. ކުށްވެރިކަމުގެ ނަޒަރަކުން ނާލާ އޭނައަށް ބަލައިފިނަމަ އެހިތަށް ލިބިގެންދާނީ ބަޔާންކުރަން ދަތި ވޭނާއި ކެކުޅުމެވެ. ނާލާއާއި އޭނަގެ ދެމެދުގައި އޮތް ލޯތްބަށް އުނިކަމެއް އަންނާކަށް އޭނަ ބޭނުމެއް ނޫނެވެ. ނާލާއާ ވަކިވާކަށް ވެސް ހަމަހިލާ ބޭނުމެއް ނޫނެވެ.

*****

ހަވީރު ސަޔަށް ފަހު ސަކީނާއާއެކު ޓީވީ ބަލަން ބޮޑުކޮޓަރީގައި ނާލާ އިނެވެ. އޭރު ޓީވީން ދައްކަމުން ދިޔަ ހިންދީ ސިލްސިލާއެއްގެ އަޑު ބޮޑުކޮޓަރިއަށް ވެރިވެފައި އޮތެވެ. މަދުމަދުން ނާލާއާއި ސަކީނާއާއި ދެމެދު ވާހަކަ ބަދަލުކުރެވެމުން ދިޔައެވެ. ސިލްސިލާގެ އެންމެ ފޯރި ގަދަވި ހިސާބަށް ދިއުމުން ސަކީނާގެ ފުރިހަމަ ސަމާލުކަން ހުއްޓުނީ ޓީވީ އަށެވެ. ޓީވީން ދައްކަމުން ދިޔަ ސިލްސިލާއާއި ނާލާ ގަޔާވާ ގޮތެއް ނުވިއެވެ. އަތުގައި އޮތް ފޯނު އޭނަ ހުޅުވާލިއެވެ. ގަޑިއެއްހާއިރު ފާއިތުވެ ދިޔައިރުގައި ވެސް ރުހައިމްގެ ޚަބަރެއް ނުވުމުން ނާލާގެ ހައިރާންކަން އިތުރުވިއެވެ.

''ރުހައިމް ކީއްވެތަ ނުގުޅަނީ؟...'' ނާލާއަށް ހިތާ ސުވާލުކޮށްލެވުނެވެ. ހިތް ނުތަނަވަސްވާން ވެސް ފެށީ ދެނެވެ. އެއީ ރުހައިމްއާ ނުބައްދަލު ކަންތަކަށް ވާތީއެވެ. ހިތުގެ ހާސްކަމަށް ނިމުމެއް އަންނާނީ ރުހައިމްގެ އަޑު ކަންފަތުގައި ޖެހުމުންކަން ނާލާއަށް ޔަޤީން ކުރެވުނެވެ. އޭނަ އަނެއްކާ ވެސް ރުހައިމްއަށް ގުޅަން ފެށިއެވެ.

*****

އަތުގައި އޮތް ފޯނު ރިންގްވާން ފެށުމުން ޚިޔާލުތަކަށް ގެއްލިފައި ހުރި ރުހައިމް ދިޔައީ ސިއްސައިގެންނެވެ. އަވަސްއަވަހަށް ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލިއެވެ. އިރުކޮޅެއް ވަންދެން ބަލަހައްޓައިގެން ހުރެވުނެވެ. މަޑު ތުރުތުރުލުމެއް އެކުލެވިގެންވި ބޮޑުވައިނގިލި ފޯނުގެ ސްކްރީނުގައި ހިންގާލުމަށްފަހު ރުހައިމް ފޯނަށް ޖަވާބު ދިނެވެ. ހަށިފުރާ ފުން ނޭވާއެއް ވެސް ދޫކޮށްލިއެވެ. ނާލާގެ ކޯލް ތަނަކަށް ޖަވާބު ނުދޭނަމަ އިތުރު މައްސަލަތަކެއް އުފަންވެގެންދަނެކަން އޭނައަށް ޤަބޫލުކުރެވުނެވެ. ނާލާގެ ހިތުގައި ސުވާލު ވެސް އުފެދޭނެއެވެ. އޭރުން ކަންތައް ދާނީ ގޯހުން ގޯހަށެވެ. ނާލާގެ ގާތުގައި ދޮގު ހެދުން އޭނައަށް ފަސޭހަކަމަކަށް ނުވިޔަސް އެނޫން ގޮތެއް މިއަދު އޭނައަކަށް ނެތެވެ.

*****

''ރުހައިމް...'' ފޯނު ނެގުމާއެކު ނާލާއަށް ގޮވާލެވުނެވެ. ހަމަޖެހުމުގެ ނޭވާއެއް ވެސް ދޫކޮށްލެވުނީ ދެނެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެސް ވެރިވިއެވެ. ސޯފާއިން ތެދުވަމުން އޭނަ މިސްރާބު ޖެހީ ކޮޓަރިއަށް ދިއުމަށެވެ.

''އަހަރެން ހާދަ ވަރަކަށް ގުޅަން މަސައްކަތްކޮށްފީމޭ، ބީޒީވީތަ އަނެއްކާ؟... ފުރުމުގެ ކަންތަކުގަ ދޯ ތިއުޅެނީ؟... އެކަމަކު މެސެޖެއް ވެސް ފޮނުވާލެވޭނެ އެއްނު، އަހަރެން މިހުންނަނީ ރުހައިމްގެ ޚަބަރެއް ނުވެގެން އެކަމާ ފިކުރުބޮޑުވެފަ...'' އެއް ނޭވާއިން ހިތުގެ ސުވާލުތައް ނާލާއަށް ބަންޑުންކޮށްލެވުނެވެ. ހުއްޓާލުމެއް ނެތި ދޫ ތަޅުވާލެވުނެވެ.

ރުހައިމްގެ ފަރާތުން ޖަވާބެއް ނުލިބި އިރުކޮޅެއް ފާއިތުވުމުން ނާލާއަށް ހައިރާންކަން ލިބުނެވެ. ކަންފަތާ ފޯނު ދުރުކޮށްލަމުން ގުޅިފައި އިންތޯ ވެސް ބަލައިލެވުނެވެ. ނިތަށް ރޫތައް ގިނަވެގެން ދިޔައީ ކޯލް ކުރިއަށް ދާތީއެވެ.

ރުހައިމް ވާހަކަ ނުދައްކާތީ ނާލާ ހުރީ ސުވާލު މާކެއްގެ ތެރޭގައެވެ.

''ހަލޯ... ރުހައިމް؟...'' ނާލާއަށް ބުނެވުނެވެ. ''އާރ ޔޫ ދެއާރ؟...''

*****

ނާލާގެ ސުވާލުތަކަށް ޖަވާބުދާރީވާން ނޭނގިފައި ރުހައިމްއަށް ހުރެވުނެވެ. ހަނުހުންނަން ވެއްޖެނަމަ ނާލާގެ އިތުރު ސުވާލުތައް ކުރިމަތިވެދާނެތީ ރުހައިމް ވާހަކަދައްކަން ފެށިއެވެ. ދޮގު ހަދަން ޖެހުމުން ހިތަށް ލިބެމުން ދިޔަ ތަކުލީފުތައް ރުހައިމްގެ މޫނުމަތިން ރަމްޒުކޮށްދެއެވެ. ދުވަހަކު ވެސް ނާލާއަށް ދޮގުހަދަން ޖެހޭ ހާލަތެއް މެދުވެރިވެދާނެކަމަށް އޭނަ ހިޔެއް ވެސް ނުކުރެއެވެ. މިއަދު އޭނަގެ ދިރިއުޅުން މިސްރާބުޖަހާފައިވަނީ އަނދިރި އަދި ބަނަ ދުވަސްތަކެއްގެ ތެރެއަށެވެ.

''ކުޑަ ކަމެއް ދިމާވެގެން މިއުޅެނީ... ރޭގައި ކެވުނު އެއްޗަކުން ޔަޝްފީ ފުޑްޕޮއިސަން ވެގެން އުޅޭތީ ހޮސްޕިޓަލުގަ އެޑްމިޓްކޮށްފަ އޮތީ... އެކަމާ ހުރެ ފުރުން ވެސް ފަސްކޮށްލަން ޖެހުނީ... ނާލާ ގުޅާފައި އޮތް ތަން ވެސް ފެނުނީ ދެންމެ، ގުޅަން އުޅެނިކޮށް ތިގުޅީ ވެސް...'' ރުހައިމް ދޮގު ހެދިއެވެ. ނާލާއަށް ޤަބޫލުކުރެވޭނެ ފަދައަކުން ވާހަކަ ކުރިއަށް ގެންދެވޭތޯ އޭނަ މަސައްކަތްކުރިއެވެ. އޭރު ވެސް ވާހަކަދައްކަން އޭނައަށް އުނދަގޫވަމުން ދިޔަ އެވެ. އަރުބެދިގެންދާކަމުގެ އިހުސާސްކުރެވޭތީއެވެ. ނާލާގެ އަޑު ކަންފަތަށް ފޯރުމުން އިތުރު އުދާސްކަމެއް ހިތަށް ލިބުނެވެ.

''އޯހ ނޯ... ހާދަ ދެރައޭ... ޔަޝްފީ މިހާރު ކިހިނެއްތަ؟...'' ނާލާއަށް ސުވާލުކޮށްލެވުނެވެ. ޔަޝްފީގެ ހާލަތާ މެދު ކަންބޮޑުވެއްޖެކަން ނާލާގެ އަޑަށް އަދި ބަދަލުތަކުން ހާމަކޮށްދިނެވެ.

''މިހާރު ކުޑަކޮށް ރަނގަޅު، ޓެސްޓްތައް ވެސް ރަނގަޅު، އެކަމަކު ދެ ދުވަސްވަރު ބަލާފަ ފޮނުވާލާނެ ވާހަކަ އަންގާފަ އޮތީ، އެހެންވެ ދެ ދުވަސް ވަރު ފަހުން ދެން މާލެ ދެވޭނީ......'' ރުހައިމް ބުނެލިއެވެ.

''އަޅޭ، ދެރަ ގޮތެއް ދޯ މި ދިމާވީ، ރުހައިމް ނޫން އިތުރު މީހަކު ވެސް ނެތް ދޯ ޔަޝްފީގެ ހާލު ބަލައިލަން......'' ނާލާ ބުންޏެވެ.

''ހޫމްމްމް...'' ރުހައިމްގެ ޖަވާބުތައް ކުރުވާން ފެށިއެވެ. ޔަޝްފީއާ މެދު ނާލާ ކަންބޮޑުވެއްޖެކަން ނަގައިގަނެވުމުން ރުހައިމްއަށް ލިބުނީ ނުތަނަވަސްކަމެވެ. އޭނަ ބޭނުންވީ ބަހަނާއެއް ދައްކާފައި ފޯނު ބާއްވާށެވެ. އިތުރަށް ނާލާގެ ގާތުގައި ދޮގު ހަދަން ފަސޭހަކަމަކަށް ނުވާތީއެވެ. އެދޮގުތައް ހާމަވާ ދުވަހަކުން އިތުރު ހިތްދަތިކަމެއް ނާލާއަށް ލިބޭނެތީއެވެ. އޭނައަށް އިތުބާރުކުރުން ވެސް ފަސޭހަކަމަކަށް ނުވާނެއެވެ.

ހަޤީޤަތް ސިއްރުކުރަން އޭނައަށް ޖެހުނީ އެންމެ ލޯބިވާ އަނބިމީހާއަށް ވެސް އޮޅުވާލާށެވެ. އަމިއްލައެދުން އިސްކުރެވިއްޖެ ކަން ރުހައިމްއަށް އިހުސާސްކުރެވުނެވެ. ނާލާ އަނދިރީގައި ބަހައްޓަން އޭނަ ބޭނުންވަމުން ދިޔައީ ނާލާ އޭނަ ދެކެ ވާ ލޯތްބަށް އުނިކަމެއް އަންނަން ބޭނުން ނުވާތީއެވެ. އަބަދު އޭނަގެ ގާތުގައި ހުންނަން އެދެވޭތީއެވެ. ނަމަވެސް އޭނަގެ ނިންމުންތަކުން އެމަޤުސަދު ހާސިލުވެދަނެކަމާމެދު ޝައްކު އުފެދެން ފެށިއެވެ. ޔަޝްފީއާ މެދު ގޮތެއް ނިންމަން މަޖުބޫރުވެފައިވާތީއެވެ.

ރުހައިމްގެ ވާހަކަދެއްކުމުގެ ރާގަށް ބަދަލެއް އައިސްފިކަން ނާލާއަށް އިހުސާސްކުރެވުނެވެ. އޭނައަށް އެބަދަލުތަކާ ގުޅުވާލެވުނީ ދިމާވެފައި އޮތް ހާލަތާއެވެ. ރުހައިމްގެ ދަށުން މަސައްކަތްކުރާ މުވައްޒަފަކު ބަލިވުމުން އެކަމާ މެދު ވިސްނޭނެ މިންވަރު އޭނައަށް އަންދާޒާކޮށްލެވުނެވެ. ހަމައެއާއެކު ބޭރު ގައުމެއްގައި ހުއްޓާ އެފަދަ ކަމަކާއި ކުރިމަތިލާން ޖެހުމުން ޔަޝްފީއަށް މަދަދުވެރިވާނެ މީހަކަށް ހުންނާނީ ހަމައެކަނި ރުހައިމްކަން ޤަބޫލުކުރެވުނެވެ. ހޮސްޕިޓަލުގައި މަޑުކުރަން ޖެހެނީ ވެސް ރުހައިމް އެވެ.

އެހެނިހެން ފަހަރުތަކާއި ޚިލާފަށް ވާހަކަ ދިގުކުރަން ތަންތަންކޮޅުން ގުޅުވަން ޖެހުނީ ނާލާ އަށެވެ. އެކަން ވެސް ނާލާއަށް ފާހަގަ ކުރެވުނެވެ. އެކަމާ ހިތުގައި ސުވާލު އުފެދުނަސް ދުލާ ހަމައަކަށް ނުގެނެވުނެވެ. ހޮސްޕިޓަލުގައި ހުންނަން ޖެހުމުން ރުހައިމް ވަރުބަލިވެފައި ހުރީ ކަމަށް ނާލާއަށް ލަފާކޮށްލެވުނީތީއެވެ. އެހެންވުމުން ރުހައިމްއަށް އަރާމުކޮށްލުމުގެ ފުރުސަތު ދެމުން ނާލާ ފޯނުކޯލް ކުރުކޮށްލިއެވެ. ޔަޝްފީގެ ހާލަތު އޭނައަށް ވެސް އެންގުމަށް ބުނެލަމުންނެވެ.

*****

ދެ ދުވަސް ފާއިތުވެގެން ދިޔައިރުގައި ވެސް ރުހައިމްއާއި ޔަޝްފީއާ ދެމެދު ވާހަކައެއް ނުދެކެވެއެވެ. މަދު ފަހަރެއްގައި ނޫނީ ބައްދަލެއް ވެސް ނުވެއެވެ. ރުހައިމްގެ ހިތުގައި ޔަޝްފީގެ ހާލަތާ މެދު ކަންބޮޑުވުން އުފެދިފައި ވިޔަސް، ޔަޝްފީގެ ނިންމުންތަކަށް އޭނަ އިހްތިރާމް ކުރިއެވެ. އޭނައާއި ކުރިމަތިލުން ޔަޝްފީއަށް އުނދަގޫ ކަމަކަށް ނުވާނެތީ އޭނަ ވަގުތު ވެސް ދިނެވެ. ނަމަވެސް ހިތް ނުތަނަވަސްވާން ފެށީ ޔަޝްފީގެ އެއަމަލުތަކަށް ބަދަލެއް ނައިސް ދިގުލައިގެން ހިނގައިދާނެތީއެވެ. މާލެ ދެވުމުން ވެސް އެފަދައިން ކަންތައް ތަކުރާރުވެދާނެތީއެވެ. ކިތަންމެ ވަރަކަށް ހާސްކަން ލިބުނަސް ޔަޝްފީ އޭނަ ގާތު ދެއްކި ވާހަކަތަކަށް އިތުބާރުކުރުން ނޫން ގޮތެއް ނެތުމުން ރުހައިމްއަށް ޖެހުނީ ހިމޭންކަން އިހުތިޔާރުކުރާށެވެ.

ރުހައިމްއަށް ނޭނގި ނަމަވެސް އޭނައާއި ނާލާގެ ގުޅުމަށް ހީނަރުކަން އަންނަ ފެށިއެވެ. ކުރީގެ ހުންނަ ލާނެއް މިޒާޖަށް ސީރިޔަސްކަން ވެރިވާން ފެށިއެވެ. ނާލާއާއި ކުރާ ސަމާސާތައް ވެސް މަދުވާން ފެށިއެވެ. އެތައް އިރަކަށް ދިގު ދެމިގެންދާ ފޯނުކޯލްތަކުގެ ވަގުތުތައް ވެސް ކުރުވާން ފެށިއެވެ. އެއީ ނޭނގި ރުހައިމްއަށް ކުރެވެމުން ދިޔަ ކަންތަކެވެ. ނާލާއަށްޓަކައި އެހިތުގައިވާ ލޯބީގެ ސަބަބުން ނާލާއަށް އޮޅުވާލުން އޭނައަށް ފަސޭހަކަމަކަށް ނުވާތީއެވެ. ހަމައެއާއެކު އޭނަ ނިންމަން ޖެހިފައިވާ ނިންމުންތަކުން އޭނަގެ ޒަވާޖީ ހަޔާތަށް އަސަރުކޮށްފާނެ ގޮތަކާ މެދުގައި ވެސް ފުންކޮށް ވިސްނަން ޖެހުނެވެ.

*****

ރުހައިމްއަށް އަންނަމުން ދިޔަ ބަދަލުތައް ނާލާއަށް ފާހަގަވާން ފެށިއެވެ. ހައިރާންކަން ހިތަށް ލިބުނީ އެބަދަލުތަކުގެ ފަހަތުގައިވާ ސަބަބެއް ހޯދައި ނުގަނެވޭތީއެވެ. އެކަމާ ވިސްނަން ފެށުމުން ހިތުގައި ސުވާލުތައް ގިނަވާން ފެށިއެވެ. އެންމެފަހުން ނާލާ ނިންމީ އެއީ އޭނައަށް ހީވާ ގޮތެއް ކަމަށެވެ. ރުހައިމްއާއި ދުރުގައި ދުވަސްތައް ގުނަން ފެށުމުން ހިތަށް ލިބޭ ބޭޤަރާރުކަމާއި ހުރިހާކަމެއް ގުޅުވާލެވުނެވެ. ރުހައިމްއާއި ބައްދަލުވުމުން އޭނަގެ ހިތަށް ފިނިކަމެއް ލިބޭނެކަން ވެސް ޔަޤީންކުރަމުން ނާލާ އިންތިޒާރުކުރަން ފެށީ އޭނަގެ ގާތަށް ރުހައިމް އަންނާނެ ދުވަހަކަށެވެ.

*****

ވިއްސާރަ ދުވަހެކެވެ. ހެނދުނު ވެހެން ފެށި ވާރެއަށް ބަދަލެއް ނައިސް އިރުއޮއްސިއްޖެއެވެ. އޭގެ ކުރިން ވެސް ދުނިޔެ މަތި ފެންނަމުން ދިޔައީ އަނދިރިކޮށެވެ. ވިދާލާ ވިދުވަރުގެ އައްޔާއެކު އިވިގެން ދަނީ ހޮނު ގުގުރީގެ އަޑެވެ. ރޯޅިތައް ވެސް އެހާމެ ބާރެވެ.

ފްލައިޓް ޖައްސާނެ އިރެއްގެ އިންތިޒާރުގައި އެއާޕޯޓްގައި ނާލާ ހުއްޓެވެ. ބޭރުތެރޭގައި އުފެދިފައި އޮތް ތޫފާނުގެ ސަބަބުން ވެސް ހިތަށް ނުތަނަވަސްކަން ލިބެމުން ދިޔައެވެ. ޓީވީ ސްކްރީނަށް އަރުވާފައި ހުރި ފްލައިޓްތަކުގެ މަޢުލޫމާތަށް ބަލަން ހުރި ނާލާ ސިއްސައިގެން ދިޔައީ ޖެހި ބާރު ގުގުރީގެ ސަބަބުންނެވެ. އެއްބަޔަކު ހަޅޭއްލަވައިގަތް އަޑު ވެސް އިވުނެވެ.

ހިތްނުތަނަވަސްވެފައިވާ ހާލު ވާރޭގެ ސަބަބުން ހަލަބޮލިކަން ވެރިވެފައި އޮތް މާހައުލަށް ނާލާ ބަލައިލިއެވެ. ކުރިމަތިވެފައި އޮތް ތޫފާނުން އޭނަގެ ހިތުގެ ވިންދުތައް އަވަސް ކުރުވިއެވެ. ސައްހަސަލާމަތުން ފްލައިޓް ޖައްސައިގެން މެނުވީ އެހިތަށް ދެނެއް ފިނިކަމެއް ނުލިބޭނެއެވެ. އޭރު ނާލާއަށް ނޭނގުނީ ބޭރުތެރޭގައި އުފެދިފައި އޮތް ތޫފާނަށް ވުރެން ބޮޑު ތޫފާނަކާއި ކުރިމަތިލާން ޖެހިފައިވާ ކަމެވެ. އެތޫފަނުގެ ގަދަ ރޯޅިތަކުގެ ތެރޭގައި ހައްޔަރުވެ ދިރިއުޅުން ބަރުބާދުވެގެން ހިނގައިދާނެކަމުގެ ކުޑަމީސް ހިލަމެއް ނުވެއެވެ. ހަޔާތުގެ ސަމުގާ ވެސް ފުނޑުފުނޑުވެ މުސްތަޤުބަލާ މެދު ކުރި ހުރިހާ އުއްމީދެއް ތޫފާނުގެ ގަދަ ބާނީތަކުގެ ތެރޭގައި އޮޔާލާ ހިނގައިދާނެކަމެއް ވެސް ރޭކާ ނުލިއެވެ. އިތުބާރު ބިންގަލަށް އަރައިގެންދާނެ ޒަލްޒަލާއާއި އޭނަގެ ހަޔާތަށް ވެރިވާނެ އަނދިރިކަން ވެސް އިހުސާސެއް ނުވިއެވެ. ރުހައިމްގެ އިންތިޒާރުގައި ވަގުތު ގުނަމުން ދިޔައިރު ނާލާގެ ހަޔާތަށް މަރުޚަބާ ކިޔަން ތައްޔާރުވަމުން ދިޔައީ ހަމައެކަނި އަނދިރިކަމެވެ. ހިތާމަތަކުގެ ދިގު ސިލްސިލާއެކެވެ. ދިރިހުރުމުގެ ބައްތި ނިވާލާނެ ފަދަ ގިލަންވެރިކަމެކެވެ.

*****

ފްލައިޓް ޖައްސައިފިކަން ޓީވީއަށް އަރުވާފައި ހުރި ލިސްޓުން އެންގުމާއެކު ނާލާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެތުންފަތަށް ލުއި ހިނިތުންވުމެއް ވެސް ދުވެލިއެވެ. މީހުންތައް ނިކުންނަން ދެން އިންތިޒާރުގައި އެތާ ހުރި ގޮނޑި ބަރިއެއްގައި ނާލާ އިށީނެވެ. ރުހައިމްއަށްޓަކައި ނާލާ ހުރީ ނަލަހެދިލައިގެންނެވެ. މަޑު ފިޔާތޮށިކުލައިގެ ޓޮޕަކާއި ހުދުކުލައިގެ ލެގިންސްގައި ނާލާ ފެންނަމުން ދިޔައީ ހިތްގައިމުކަމާއެކުގައެވެ. ލުއި މޭކަޕަކުން މޫނުގެ ފުރިހަމަކަން އިތުރުކޮށްދެއެވެ. ދިގު ބުޅި އިސްތަށިގަނޑު ވެސް އޮތީ މިނިވަންކަމާއެކު ދޫކޮށްލެވިފައެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލަމުން ދިޔައެވެ.

މީހުންތައް ނިކުންނަން ފެށުމުން ނާލާ، އަންނަ މީހުންގެ ގޭޓާއި ދިމާއަށް ހިނގައިގަތެވެ. ރިސޯޓުތަކުން ފަތުރުވެރިން ބަލާ އައިސްފައި ތިބި މުވައްޒަފުންނާ ތަންކޮޅެއް ދުރުގައި އޭނަ ހުއްޓިލިއެވެ. ގޭޓުން ނިކުންނަ މީހުން ފަސޭހައި ފެންނާނެ ހެންނެވެ.

އިންތިޒާރުގައި ވަގުތު ނުގަމުން ދަނިކޮށް ނާލާގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވެގެން ދިޔައީ ރުހައިމް ފެނުމުންނެވެ. ވަގުތުން އޭނައަށް އަތް ހޫރާލެވުނެވެ. އަދި ކުރިއަށް ހިނގައިގަނެވިއްޖެއެވެ. އިންތިޒާރުގެ ނިމުން ފޮނިކަމާއެކު ނާލާއަށް ހާސިލުކުރެވުނެވެ. ލިބުނު އުފާވެރިކަމުން ރުހައިމްގެ މޫނު މިލައިގެން ގޮސްފައިވި މިންވަރު ވެސް ނާލާގެ ލޮލުގައި އަޅައިނުގަތެވެ. އޭނަ ބޭނުންވީ ވީހާ ވެސް އަވަހަކަށް ރުހައިމްގެ ގާތަށް ދާށެވެ.

ނާލާ ފެނުމާއެކު ރުހައިމްގެ ފިޔަވަޅުތައް މަޑު ޖެހިލައިފިއެވެ. އުފާވެރިކަން އިހުސާސްކުރެވުމުގެ ބަދަލުގައި އެހިތަށް ވެރިވީ ބިރުވެރިކަމެވެ. އޭނައަށް ބަލައިލެވުނީ ފަހަތުން އައި ޔަޝްފީ އަށެވެ. ޔަޝްފީ ކަންތައްކޮށްފާނެ ގޮތަކާ މެދު ހިތްނުތަނަވަސްވެފައި ހުރިކަން ރުހައިމްގެ މޫނަށް ވެރިވެގެން އައި ޝުޢޫރުތަކުން ހާމަކޮށްދިނެވެ.

ޔަޝްފީއަށް ބަލައިލަމުން ރުހައިމްގެ ނަޒަރު ގޮސް ހުއްޓުނީ އޭނައާއި އަރާހަމަކުރި ނާލާއަށެވެ. ނާލާގެ އުފާވެރިކަން ފެނި އެހިތުގައި ރިއްސާލިއެވެ.

ނާލާއަށް ޔަޝްފީ ބަލައިލީ ފޫހިކަމުގެ އަސަރާއެކުގައެވެ. ނާލާ ފެނުމުން އޭނަގެ ބޮލުގައި ވެސް ރިއްސާލިއެވެ. އިތުރަށް އޭނަގެ ހިތުގައި ނުރުހުންތެރިކަން އުފެދުނީ ނާލާގެ ރީތިކަން ލޮލުގައި އަޅައިގަތުމުންނެވެ. ހަސަދަވެރިކަމުގެ ހުޅުގަނޑު ހިތުގައި އަނދަން ފެށިއެވެ. ނާލާގެ މޫނުގައިވި އުފާވެރިކަމާއި ތުންފަތުގައި ކުޅެލަމުން ދިޔަ ހިނިތުންވުން ދެކެ އޭނަ ރުޅިއައެވެ. އެހިނިތުންވުން ޖަހައިގަންނަން ބޭނުންވިއެވެ. ރޮއްވާލަން ވެސް ބޭނުން ވިއެވެ.

''ޗީޑީ ހުރި ވައްތަރު ބަލާބަލަ، އެއިސްތަށިގަނޑަކާ ހެދި ވެސް ހީވަނީ ރަންނަމާރިއެއްހެން... ކަލޭ ހިނިތުންވާނެ ވަރަކަށް ހިނިތުންވޭ، ވަގުތު އައިސް ޖެހެނީ... އަހަރެން ކަލޭގެ ދިރިއުޅުން ނަރަކައަށް ހަދާލާނަން... އަހަންނަށް ބޭނުންވަނީ ދުވަސްކޮޅެއް، އޭރުން އަހަރެން ބޭނުން ގޮތަށް ކުރިއަށް ދެވޭނެ، ދުވަސްތަކެއް ނުވޭ ކަލޭ ބުރާންތިވާވަރުގެ ހަމަލާއެއް ދޭނަން، ހާދަ ފޫހިވާ މީހާގަނޑެކޭ...'' ހިތުގައި އޮތް ނަފުރަތުގެ ސަބަބުން ޔަޝްފީއަށް ތުންފިއްތާލެވުނެވެ.

(ނުނިމޭ)