އިނގިރޭސިވިލާތުން ރާއްޖެ އައުމަށް ހަދާ ބުކިންގެ އަދަދު 500 ޕަސަންޓް އިތުރުވެއްޖެއެވެ.

އިނގިރޭސިވިލާތުން ރާއްޖެއަކީ ދަތުރުކުރަން ރައްކާތެރި ގައުމެއްގެ ގޮތުގައި ނިންމުމާއެކު އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކުރުމަށް ހަދާ ބުކިން 500 ޕަސަންޓް އިތުރުވެފައިވާ ކަމަށް ބައެއް ޓްރެވެލް އެޖެންޓުންނާ ހަވާލީ އެގައުމުގެ ނޫސްތަކުން ބުނެއެވެ.

ބައެއް ޓްރެވަލް އެޖެންޓުން ބުނާގޮތުން ބުކިންތައް ހެއްދި އަދަދު އިތުރުވެފައިވާ އިރު، ރާއްޖެއާ ބެހޭ މައުލޫމާތު ހޯދާ މީހުންގެ އަދަދުވެސް އެތައް ގުނައެއް ވަނީ އިތުރުވެފައެވެ.

ރާއްޖެ އަންނަން ބުކިންތައް ހައްދާ އަދަދު އިތުރުވެފައިވާތީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ، މިއީ ވަރަށް އުފާވެރި ހަބަރެއް ކަމަށާއި މިއީ ސަރުކާރާއި ކަމާބެހޭ ފަރާތްތަކުގެ މަސައްކަތުން ފެންނަމުން އަންނަ ނަތީޖާ ކަމަށެވެ.

އިނގިރޭސިވިލާތުން ދަތުރުކުރުން ރައްކާތެރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. މިއާއެކު އިނގިރޭސިވިލާތުން ރާއްޖެ އަންނަ ފަތުރުވެރިން އަނބުރާ ގައުމަށް ދިއުމަށްފަހު ކަރަންޓީނުވާކަށް ނުޖެހޭނެއެވެ.