މިދިޔަ އާދީއްތަ ދުވަހުގެ ރޭ ލ. ވަޑިނޮޅި ކައިރީ އެންދެމުމުގެ މަސައްކަތަކުގައި ތިއްބައިި ތޫނު އެއްޗެއްސާއެކު ބަޔަކު "ފަސްކުރި" ދޯންޏަށް އެރި މައްސަލައިގެ ތަހުގީގު ލަސްވުމަކީ ދިވެހި މަސްވެރިންނަށް ލިބޭ ބިރުވެރި އިންޒާރެއް ކަމަށް އެ ދޯނީގެ ފަޅުވެރިން ބުނެފިއެވެ.
އެ މައްސަލައާ ގުޅިގެން ޖުމްލަ 16 މީހަކު ހައްޔަރުކުރި އިރު، ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން ނުވަ މީހަކު ވަނީ ދޫކޮށްލައިފައެވެ.
ފަސްކުރި ދޯންޏާ ގުޅޭގޮތުން އެ ދޯނީގެ ވެރިމީހާ އިދުރީސް ހުސެއިން ނެރުނު ބަޔާނުގައި ހަގީގަތާ ހިލާފު އެތައް ކަމެއް ފާހަގަކޮށްފައިވާ ކަމަށް ބުނެ ފަސްކުރި ދޯނީގައި ތިބި 22 ފަޅުވެރިންގެ ފަރާތުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފަސްކުރި ދޯންޏަށް ތޫނު ހަތިޔާރާއެކު ބަޔަކު އަރައި ދޯނީގެ ފަޅުވެރިން ރަހީނުކުރި އެ ހާދިސާއަކީ ރާއްޖޭގެ ތާރީހުގައި މަސްވެރި އުޅަނދަކަށް ތޫނު އެއްޗެއްސާއެކު އަރައި ހިންގި އެންމެ ލާއިންސާނީ އަމަލު ކަމަށެވެ.
ފަޅުވެރިން ބުނީ، ދޯނި ރަހީނު ކުރި ޓެރަރިސްޓު ހަމަލާއަށް ފަހު ދޯނީގެ ފަޅުވެރިންނަށް ބިރު ނުދައްކާ ކަމަށާއި ސުލްހަވެރިކަމާއެކު ދޯނި ހޯދީ ކަމަށް ބުނެ އިދުރީސު ހުސެއިން ދައްކަނީ ކަނޑައެޅިގެން ދޮގު ކަމަށެވެ. އަދި ދޯނީގައި ތިބި ފަޅުވެރިންނަށް އެހީތެރިވެ، ރަށަށް ފުރުވައިދިނުމުގައި އެހީތެރިކަން ދިން ކަމަށް ބުނެ ހަދާފައިވަނީ ދޮގު ކަމަށާއި ދޯންޏަށް ތޫނު އެއްޗެއްސާއެކު ނާރާ ކަމަށް ބުނި އިރު މި މައްސަލައިގެ ތަހުގީގަށް ފުލުހުން ދޯނިން ގެންދިޔަ ތޫނު އެއްޗެއްސަކީވެސް އިދުރީސް ހުސެއިންއާއެކު ގޮސް ދޯންޏަށް އެރި މީހުންގެ ތަކެތި ކަމަށެވެ.
"މި މައްސަލަ ކަމާބެހޭ އިދާރާތުން ތަހުގީގު ކުރުމުގައި ލަސްވުމަކީ ދިވެހި އެންމެހައި މަސްވެރިންނަށް ލިބިގެންދާ ބިރުވެރި އިންޒާރެއް ކަމަށް ދެކެމެވެ. އަދި މި މައްސަލަ އަވަހަށް ތަހުގީގުކޮށް ދޯންޏަށް ހަތިޔާރާއެކު އަރައި ފަޅުވެރިން ރަހީނުކުރި އެންމެންނަށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަމެވެ..،" ބަޔާނުގައި ބުންޏެވެ.
ފަޅުވެރިން ބުނީ، އިދުރީސް ހުސެއިންއާއެކު ދޯންޏަށް ތޫނު އެއްޗިއްސާއެކު 27 މީހުން އެރި އިރު އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށާއި ދޯނީގެ ފަޅުވެރިންނާއި ކައްޕިއަށް ވަޅިން އެކި ފަހަރުމަތިން ބިރު ދައްކައި "ކޮށާލާނެ" ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު