Close
ޚަބަރު

އަމްރު، ނިހާނަށް: ކާގޯ ފެރީ މިވަގުތު އޮތީ މާލޭގައި، މުދާ ގެންނަން ބޭނުންވަނީތޯ؟

އަލީ ޔާމިން

އިންޑިއާއާއި ރާއްޖެއާ ދެމެދު ފަށާފައިވާ ކާގޯ ފެރީ، "ޗޮކުން" ގޮސްފައިވާ ކަމަށް ވިދާޅުވެ ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ސުވާލު އުފެއްދުމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެކަމަށް ރައްދު ދެއްވައިފިއެވެ.

ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ ކުޅުދުއްފުއްޓަށް ގޮސްފައެވެ. ކުޅުދުއްފުއްޓަށް ފަހު މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ބޯޓު ވަނީ މާލެއަށް ބަނދަރުކޮށްފައެވެ.

އެ ބޯޓުގެ ހަބަރެއް މިމަހު ނުވާ ކަމަށް ވިދާޅުވެ، އެ ބޯޓު "ޗޮކުން" ދިޔައީތޯ ޓުވިޓާގައި ނިހާން ކުރެއްވި ސުވާލަށް ރައްދުދެއްވަމުން އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ބޯޓު މިވަގުތު މާލެ ސަރަހައްދުގައި މުދާ ބާލަމުން އަންނަ ކަމަށާއި ދެން އެނބުރި އިންޑިއާއަށް ދިއުމަށްފަހު އެނބުރި އަންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. އަމްރު ވަނީ ކާގޯ ފެރީން މުދާ ގެންނަން ބޭނުންވަނީތޯ ނިހާންއާ ސުވާލު ކުރައްވައިފައެވެ.

"ކާގޯ ފެރީން މުދާ ގެންނަން ބޭނުން ވަނީތޯ؟" އަމްރުގެ ޓުވީޓުގައި ވިދާޅުވިއެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު ފަށާފައިވާ ކާގޯ ފެރީއަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ. މި ބޯޓުން ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެއެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުގައެވެ.