އިންޑިއާ މީހަކަށް 150،000 ޑޮލަރު ދައްކަން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން ބާތިލުކޮށްފިއެވެ.
ޑރ. އަލަކާ ސިންގަށް 150،000 ޑޮލަރު ދައްކަން ނަޝީދުގެ މައްޗަށް 2018 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރީ އަލަކާ އިންވެސްޓްކުރި "ބަރުތީލަ" ކަނޑު އުޅަނދު ބޭނުންވި އަގަށް ވުރެ ކުޑަ އަގެއްގައި އެހެން މީހަކަށް ވިއްކާލުމުގެ މުއާމަލާތަކާ ގުޅިގެންނެވެ.
އެ މައްސަލަ ނަޝީދުގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރި އީމެއިލްތަކުގައި، އެ ފައިސާއާ ގުޅޭގޮތުން ނަޝީދު ދެކޭ ގޮތް އޮޅުން ނާރާގޮތަށް އަލަކާއަށް ސާފުކޮށްދީފައިވާ ކަމަށާއި އެ ފައިސާއަކީ ލާޒިމުވުމެއް ނެތި ދިނުމަށް ހުށަހަޅާފައިވާ ފައިސާއެއް ކަމަށް ނަޝީދު ބުނުމުން، އަލަކާ ސިންގް އެއްބަސްވެފައިވާ ކަމަށެވެ. އަދި މި އީމެއިލްތައް ބަދަލުކުރެވުނު އިރު އަލަކާ އާއި ކްރިސްޓޮފް ޕީޓަ ގްރޯއާ ދެމެދު އެއްބަސްވުމެއް ވުޖޫދުވެފައި ނުވާ ކަމަށާއި އެ އުޅަނދުގެ މިލްކުވެރިކަން ބަދަލުކޮށްފައި ނެތުމުގެ ސަބަބުން، މި މުއާމަލާތް ނިމުމަކަށް ގެނައުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު އަލަކާއަށް އެ ވަގުތު ލިބިފައި އޮތް ކަމަށްވެސް ހުކުމުގައިވެއެވެ.
ހުކުމުގައި ވަނީ މި މައްސަލައިގައި މި އުޅަނދު ގަތުމާ ގުޅޭގޮތުން އަލަކާ އާއި ކްރިސްޓޮފްއާ ދެމެދު އެއްބަސްވުމެއް ވުޖޫދަށް ގެނައުމުގެ ކުރިން ނަޝީދުގެ ހުށަހެޅުމުގެ ނިޔަތް ސާފުކޮށްދީފައިވާ ކަމަށާއި އެ ހުށަހެޅުމުގެ ނިޔަތަކީ ގާނޫނީ ގޮތުން ބަނދެވޭ ބަނދެވުމެއް އުފެއްދުމަށް ހުށަހަޅާފައިވާ ހުށަހެޅުމެއް ނޫން ކަމަށެވެ. އެހެންކަމުން މި އުޅަނދު ވިއްކާލުމާ ގުޅިގެން އަލަކާއަށް ނަޝީދު އެއްލައްކަ ފަންސާސްހާސް ޑޮލަރު ދިނުމަށް ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް ވުޖޫދުވެފައި ނުވާ ކަމަށްވެސް ހުކުމުގައިވެއެވެ.
މި ހާލަތުގައި މި ހުށަހެޅުމުގައި މުގާބިލެއް އޮތްތޯ ޝަރީއަތުން އިތުރަށް ބަލަންޖެހޭ ސަބަބެއް ނެތް ކަމަށާއި މި އުޅަނދު ވިއްކާލުމުގެ މުއާމަލާތް އަލަކާ ފުރިހަމަކޮށްފައިވަނީ ނަޝީދުގެ ނިޔަތް އެނގިހުރެ، ނަޝީދާއެކު ގާނޫނީ ގޮތުން ބަނދެވޭ ފަދަ އެއްބަސްވުމެއް ނެތި ކަމަށްވެސް ހުކުމުގައިވެއެވެ.
އިންޑިއާ މީހާއަށް 150،000 ޑޮލަރު ދައްކަން ނަޝީދުގެ މައްޗަށް ކުރި ހުކުމް ބާތިލުކުރާ ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމް ކުރައްވައިފައެވެ. އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހާތިފް ހިިލްމީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
މީގެ އިތުރުން ނަޝީދުގެ ފަރާތުން އެ މައްސަލައިގައި ދަށު ކޯޓަށް ހުށަހެޅި ރައްދު ދައުވާ އެ ކޯޓުން ބަލައިނުގަތީ ރަނގަޅަށް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެއެވެ. އެއީ ނަޝީދު ހުށަހެޅުއްވި ރައްދު ދައުވާ އަކީ އެ މައްސަލައިގެ ތެރެއިން ވަޒަން ކުރެވިގެންދާނެ ވާގިއާތަކާ ގުޅުންހުރި ދައުވާއަކަށް ނުވުމެވެ. އަދި އެ ފައިސާ ދައްކަން ނަޝީދަށް ދަށު ކޯޓުން ދިން މުއްދަތުގެ ސަބަބުން އޭނާގެ އިސްތިއުނާފީ ހައްގަށް އުނިކަމެއް އައިސްފައި ނުވާ ކަމަށް ވެސް ހުކުމުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު