ޕީއެސްޖީ އަދި ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާއަށް އަނެއްކާވެސް އަނިޔާވެއްޖެއެވެ.
އުމުރުން 28 އަހަރުގެ ނޭމާއަށް ކެރިއަރުގައި މީގެ ކުރީންވެސް ގިނަ އަނިޔާތަކަކާ ކުރިމަތިލާން ޖެހިފައި ވެއެވެ. ޕީއެސްޖީއަށް ކުޅުނު ފުރަތަމަ ސީޒަންގައި ވެސް ބޮޑު އަނިޔާއެއް ވެ، ސީޒަންގެ އެއްބައި ކަހަލަ ގޮތަކަށް ނޭމާއަށް ގެއްލުނުއިރު، ބްރެޒިލުން އެންމެފަހުން ކޮޕާ އެމެރިކާ ކާމިޔާބު ކުރި ޓީމުން ނޭމާއަށް ޖާގަ ގެއްލުނީވެސް އަނިޔާގެ ސަބަބުންނެވެ. އޭގެ ކުރިން އަމިއްލަ ގައުމުގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައިވެސް މުބާރާތު ތެރެއިން ނޭމާއަށް ވަނީ ބޮޑު އަނިޔާއެއް ވެފައެވެ.
އަނިޔާގެ މައްސަލަތަކުގެ ސަބަބުން ނޭމާއަށް ކެރިއަރުގައި އުނދަގޫތަކެއް ދިމާވެފައިވާއިރު، މިދިޔަ އަހަރު ނޭމާ ވަނީ އޭނާގެ އެންމެ ރަނގަޅު ފޯމުގައި ވިދާލައިފައެވެ. ހާއްސަކޮށް ސީޒަންގެ ފަހުކޮޅުގައި ނޭމާ ފެނުނީ ތަފާތު މޮޅުކޮށެވެ. އެ ފޯމާއެކު މިހާތަނަށް މި ސީޒަންގައި ކުޅުނު މެޗުތަކުގައިވެސް ނޭމާ ތަފާތު ދައްކާފައި ވެއެވެ. ރޭ ނޭމާއަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޕީއެސްޖީން އިސްތާންބޫލް ބަސެކްޝަހީރާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
މެޗުން 2-0ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވިއިރު ދެ ގޯލްވެސް ޖަހައިދިނީ އެވަޓަންއިން އެޓީމަށް ދިޔަ ފޯވަޑް މޮއިސް ކީންއެވެ. މެޗުގެ ފުރަތަމަ ހާފްގެ ކުރީކޮޅުގައި ނޭމާއަށް ލިބުނު އަނިޔާގެ ސަބަބުން ބާލަން ޖެހުނުއިރު، ރިޕޯޓުތައް ބުނާ ގޮތުގައި އަނިޔާވީ ފަލަމަސް ގަނޑަށެވެ. ނޭމާގެ އަނިޔާއާ ގުޅިގެން ޕީއެސްޖީން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.
ރޭގެ މެޗަށް ނުކުތްއިރު ޕީއެސްޖީ އޮތީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެފައެވެ. މިދިޔަ ސީޒަންގެ ރަނަރަޕް ޕީއެސްޖީން މިހާތަނަށް ޗެމްޕިއަންސް ލީގެއް ކާމިޔާބު ކޮށްފައެއް ނުވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު