އިސްލާމީ ތާރީޚު

ޔޫސުފު ބިން ތާޝްފީން 06

އަބްދުﷲ ފާރޫގް ހަސަން

1

(26 އޮކްޓޫބަރުގެ އަދަދާ ގުޅޭ)

ފިރިކަލުންނާއެކު ޤުރުޠުބާއަށް ވަޑައިގަންނަވައެވެ. ބައެއްފަހަރު سكينة އާއި عبــدالمنـعـــم ދެކަނބަލުން ބޭފުޅުން ގޮވައިގެން ދުވަސްކޮޅަކަށް ޣަރުނާޠާއަށް ވަޑައިގަންނަވައެވެ.

ކާވެނިފުޅުގެ ފަސްވަނަ އަހަރު حسن ރައްކައުވުމުން عبــدالمنـعـــم ޙައްޖަށް ވަޑައިގެންނެވިއެވެ. އެނބުރި ވަޑައިގެންނެވިއިރު އޭނާގެ ބޭފުޅުންނަށް ވަރަށް އާދަޔާ ޚިލާފު ކުޅޭއެއްޗެއް ގެންނެވިއެވެ. އެއީ ޅަސިންގާއެކެވެ. އެފްރިކާގެ އަމީރަކު عبــدالمنـعـــم އަށް އެރުވި ވެދުމެކެވެ.

المــــاس އަކީ عبــدالمنـعـــم ގެ ބަރުބަރީ ނޯކަރެކެވެ. عبــدالمنـعـــم ގެ ކާވެނިފުޅުގެ ތިންއަހަރު ކުރީން މޮރޮކޯއިން ގެންނެވި މީހެކެވެ. المــــاس އޭނާގެ ރަނގަޅު ސިފަތަކުގެ ސަބަބުން ދާދިކުޑަ ދުވަސްކޮޅެއްގެ ތެރޭގައި عبــدالمنـعـــم ގެ ހިތްޕުޅު މިލްކުކޮށްފިއެވެ. ޤުރުޠުބާގެ އަހުލުވެރީން ދެކޭގޮތުގައި المــــاس އަކީ عبــدالمنـعـــم ގެ ނޯކަރެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އޭނާގެ އަޚެކެވެ. عبــدالمنـعـــم ރަށުގައި ވަޑައިގެން ނުއުޅުއްވާ ދުވަސްވަރު އޭނާގެ ތަނަވަސް ބިންތަކާއި ދަނޑުފަގާއި ބަގީޗާތަކާއި ހުރިހައި މުދަލެއްގެ ހުރިހައިކަމެއް ހިންގައި ބަލަހައްޓަނީ المــــاس އެވެ. المــــاس ގެ އުމުރު ސާޅީހަށްވުރެ މައްޗެވެ. ޖިސްމާނީ ދުޅަހެޔޮކަމާއި ޞިއްޙަތަށް ބަލާއިރު

المــــاس އަކީ އެތަކެއްހާސް ޒުވާނުން ހަސަދަވެރިވާފަދަ ނިޢުމަތެއްގެ ވެރިއެކެވެ. އޭނާއަކީ ދުނިއުކުމާއި އަސްދުއްވުމުގެ މާހިރެކެވެ.

ކާވެނިފުޅަށްފަހު عبــدالمنـعـــم ގެ ދިރިއުޅުއްވުމަކީ ހުރިހައި ގޮތަކުންވެސް ވަރަށް އުފާވެރި ދިރިއުޅުއްވުމެކެވެ. އޭނާއަށް ލިބިވަޑައިގެންފައިނުވާ އެއްވެސް ނިޢުމަތެއް ދުނިޔެމައްޗަކު ނުވެއެވެ. ފިރިކަލެއްގެ ހައިސިއްޔަތުން އޭނާގެ އަނބިކަނބަލުންނާމެދު ބައްޕައެއްގެ ހައިސިއްޔަތުން އޭނާގެ ބޭފުޅުންނާމެދު އޭނާއަށް ފަޚުރުވެރިވެވަޑައިގެންނެވިދާނެއެވެ. އޭނާގެ ރަޙުމަތްތެރީން އޭނާ ދެކެ ލޯބިވެއެވެ. އޭނާގެ ދުޝްމިނުން އޭނާދެކެ ބިރުގަނެއެވެ. ނަމަވެސް އޭނާ ހުންނެވީ ހިތްޕުޅު ހަމަޖެހިވަޑައިގެންފައެއް ނޫނެވެ. އަންދަލުސުގެ މުސްތަޤުބަލުގެ ބަނަކަމާމެދު އޭނާ ހުންނެވީ ކަންބޮޑުވެވަޑައިގެންފައެވެ. ކާވެނިފުޅުގެ ކުރީން އޭނާއަކީ ދިރިއުޅުއްވުމުގެ އެއްވެސް ފިކުރެއްނެތް "މިނިވަން" ބޭފުޅެކެވެ. އޭރު އޭނާގެ ދިރިއުޅުއްވުމަކީ އާ ގޮންޖެހުންތައް ހޯއްދެވުމާއި އެކަންކަމާ ވަރުގަދައަށް ކުރިމަތިލެއްވުމެވެ. އޭނާ ގިނަވަގުތު ހޭދަކުރައްވަނީ ޤުރުޠުބާއިން ބޭރުގައެވެ. އޭނާ ވިޔަފާރި ފެއްޓެވީ އުފާކޮށްލެއްވުމަށްޓަކައި ދަތުރުފަތުރު ކުރައްވަން ހޯއްދެވި ބަހަނާއެއްގެ ގޮތުންނެވެ. ނަމަވެސް سكينة އާ ކާވެނިބެއްލެވުމަށްފަހު އޭނާގެ ޙަޔާތްޕުޅު މުޅިން ބަދަލުވެއްޖެއެވެ. سعـد އާއި، أحمـد އާއި، حسن ގެ މުސްތަޤުބަލާމެދު ކުރައްވާ ޚިޔާލުފުޅު އޭނާއަށް ޤުރުޠުބާއި އަންދަލުސުގެ ކުރިމަގާމެދު ވިސްނައިވަޑައިގަތުން މަޖުބޫރު ކޮށްފިއެވެ.

އެއްޤައުމެއްގައި އެތައް ރަސްކަލެއް

ހިޖުރައިން ފަސްވަނަ ސައްތައަކީ އަންދަލުސުގެ މުސްލިމުން އެބައިމީހުންގެ ތާރީޚުގެ އެންމެ ނާޒުކު އެއް ދައުރު ވޭތުކުރަމުން ގެންދިޔަ ދުވަސްވަރެވެ. އުމަވީ ދައުލަތުން އަންދަލުސުގައި ބިނާކުރި ވަރުގަދަ އިސްލާމީ ދައުލަތް ވަނީ މާޒީގެ ފަޚުރުވެރި ހަނދާނަކަށްވެފައެވެ. އެދައުލަތެއްގެ ކީރިތި މޫރިތިކަމާއި، ޝާނާއި ޝައުކަތާހުރެ ހުޅަނގުގެ ރަސްރަސްކަލުންގެ މޭފުޅުތައް ކަރަމުންދިޔަ ހައިބަވަންތަ ދައުލަތްވަނީ ޠަވާއިފުލްމުލޫކިއްޔަތުގެ ސަބަބުން ފުނޑުފުނޑުވެފައެވެ. عبـدالـرّحمـن الأوّل ގެ ބޭފުޅުން ތިން ޤަރުނުވަންދެން ފެންދެއްވަމުން ގެންދެވި ޗާލު ހިތްގައިމު ބަގީޗާއަށް ކުރިމަތިވީ ހޫނު މޫސުމުގެ ގަދަ ވައިރޯޅިތަކާއެވެ. އެކަށޭނަކަމެއްނެތް ވެރީންނާއި، އަމިއްލަ އެދުމުން ފުރިފައި ތިއްބެވި ބޮޑުންނާއި، ނަސީބު ވަޒަންކުރާ ދަހިވެތި މީހުން އަންދަލުސު ވަނީ ކުދިކުދި ވިއްސަކަށް ދައުލަތަށް ބަހައިފައެވެ. އެއިން ކޮންމެ ދައުލަތެއްގައިވެސް ވެރިކަމާހުރެ ތޮޅެ އަރައިރުންވާ އެތައްބަޔަކު ތިއްބެވެ. އަމީރުން އެއްބޭފުޅަކު ތަޚުތުގައި ވަޑުވާއިރަށް އަޅުން އެބޭފުޅަކު ޤަތުލުކޮށްލައެވެ. ޢިލްމުވެރީން ދެވަނަ ބޭފުޅެއްގެ އިސްތަށިފުޅުގައި ތާޖުކޮޅު ތުރުކުރުވާއިރަށް ދޮރުފާރަވެރީންނާއި، ގަނޑުވަރުތެރޭގެ އަންހެން ބޭފުޅުންގެ އަރިހުގައި އުޅޭ ޚާދިމުން އެބޭފުޅަކު ދަންޖައްސައިލައެވެ. ބަރުބަރީ މުސްލިމުންގެ އަތްމަތީގައި އޮންނަ ކުޅޭއެއްޗެއްގެ ގޮތުގައި ތިންވަނަ ބޭފުޅަކު ތަޚުތުގައި އިށީނދެވަޑައިގަންނަވާއިރަށް ޢަރަބި މުސްލިމުން ނުވަތަ އަންދަލުސީ މުސްލިމުން އެބޭފުޅަކު ތަޚުތުން ބާލައި ޖަލެއްގެ އަނދިރި ކޮޓަރިއަކަށް އެއްލައިލައެވެ. އަނެއްބޭފުޅަކު އާއްމުންގެ އަތްއަތްމަތީގައި ވެރިކަމުގެ ގަނޑުވަރުތަކުގައި އުފާވެރިކަމުގެ ބުރެއް ޖައްސައިލައްވާއިރަށް އާއްމުންގެ ޖޯޝާއި ފޯރި އޮންނަނީ ކުޑަވެފައެވެ. ދެން އިވެނީ އެބައިމީހުންގެ ލޯބިވާ ރަސްގެފާނުގެ ހަށިކޮޅު ހައްމާމެއްގެ ފެންހޫނުކުރާ ތާނގެ ދުންހޮޅީގެ ތެރެއިން ފެނުނު ވާހަކައެވެ.

އުމަވީންގެ ކީރިތި މޫރިތިކަމުގެ ދައުރުގައި ޤުރުޠުބާއަކީ ހުޅަނގަށްޓަކައި އަލިކަމުގެ މުންނާރެކެވެ. އެދައުލަތުގެ ސިފައިން އެއްދުވަސްވަރެއްގައި ފަރަންސޭސި ކިއްލާތަކުގެ ދޮރުތަކުގައި ޓަކިދެމުން ގެންދިޔައެވެ. އެއްޒަމާނެއްގައި ބަޣުދާދުގެ މޭސްތިރީންވެސް އެތަންތާނގެ ރީތިކަމާހުރެ އަޖާއިބުފުޅުވި ޤުރުޠުބާގެ ރީތި ބަގީޗާތަކާއި ގަނޑުވަރުތައް ވެފައިވަނީ ވެރިކަމަށް ދަހިވެތިވާ ފަރާތްތަކުން ނޮޅައިގެން ކައިލެވޭތޯ މަސައްކަތްކުރާ ތަންތަން ކަމުގައެވެ. މިނިކާދޫނިތައް މުޅަ ގަބުރެއްގެ ހަށިގަނޑު ވީދައިގެންކާ ބީދައިންނެވެ.

މުއައްރިޚުންނާއި ފަތުރުވެރީންނާއި ޝާޢިރުން ޤުރުޠުބާއާ ބެހޭގޮތުން ލިޔުއްވައިފައިވާ ލިޔުންތަކުގެ ގިނަކަމުން އެ ލިޔުންތަކުގެ ޚުލާޞާއެއް ހުށަހަޅައިލުމަކީވެސް ވަރަށްބޯ ފޮތްތަކެއް ބޭނުންވާނެ ކަމެކެވެ. ޤުރުޠުބާގެ ބަގީޗާތަކާއި ގަނޑުވަރުތަކަކީ ދުނިޔޭގައި އެފަދަ ދެވަނަޔެއް ނެތްފަދަ ނަމޫނާތަކެކެވެ.

عبــدالّــرحـمـن الــدّاخــل ޤުރުޠުބާއަށް ވެރިވެވަޑައިގެންނެވުމާއެކު ޤުރުޠުބާގެ ބަގީޗާތަކަށް ނާދިރު ގަސްގަހާގެއްސާއި ރީތި މާގަސްތަކާއި ގަސްގަހާގެހީގެ އޮށް ބައްލަވައިގަންނަވާން ދުނިޔޭގެ އެކިކަންކޮޅުތަކަށް އެތައްބަޔަކު ފޮނުއްވިއެވެ. ބަގީޗާ ހައްދަވަން އޭނާގެ ހުރި ޝައުޤުވެރިކަމުގެ އަޑުއިވުމުން ޑަރޯގާއިންނާއި ބަގީޗާ ހައްދާ މީހުންގެ އެތައްބަޔަކު ދަތުރުހަދައިގެން އެބައިމީހުންގެ ފަންނީ ކުޅަދާނަކަން ދައްކާން ޤުރުޠުބާއަށް އެއްވިއެވެ. ޤުރުޠުބާގެ ބަގީޗާތަކަށް ފެންދިނުމަށްޓަކައި އަންދަލުސުގެ މަޝްހޫރު ކޯރެއްކަމުގައިވާ ވާދިލްކަބީރުން އެތައް އާރުތަކެއް ކޮނެގެން ވަނީ ފެނުގެ ވިއުގައެއް އުފައްދައިފައެވެ. އެ އާރުތަކުގެ ފެން ޖަމާކުރެވެނީ ސަންގުމަރުމަރުގެ ބޮޑެތި ވެޔޮވެވާއި ޙައުޟުތަކަށެވެ. އެތަންތަނަށް ފެން ޖަމާކުރުމަށްފަހު އެކިދިމަދިމާޔަށް ފެން ފޮނުވުމަށްޓަކައި ވަނީ ތިމަރައާއި، ރަންވަންލޮޔާއި، ރިއްސާއި ރަނުގެ ހޮޅިތައް ވަޅުލައިފައެވެ. ޤުރުޠުބާ އޮންނަނީ ވާދިލްކަބީރުގެ އައްސޭރީގައެވެ. އެރަށުގައި ސަރުކާރުގެ ފަންސާސްހާހަށްވުރެ ގިނަ ދަރަޖަވެރީންނާއި އާއްމު ރައްޔިތުންގެ ދިހަލައްކަޔަށްވުރެ ގިނަމީހުންގެ ގެދޮރު ހުރެއެވެ. ހަތްސަތޭކަ މިސްކިތާއި ނުވަސަތޭކަ އާއްމު ފާޚާނާބަރި ހުރެއެވެ. އެތައްސަތޭކަ ކުތުބުޚާނާތަކަކާއި އެތައްގިނަ ސްކޫލްތަކަކާއި ޔުނިވަރސިޓީ ހުރެއެވެ. (އަޅުގަނޑުމެންގެ މިވާހަކަ އެދުވަސްވަރަކާ ގުޅޭ ދުވަސްވަރު އައިއިރު އެރަށުގައި ދިރިއުޅެނީ ތިންލައްކަ ފަންސާސްހާހެއްހައި މީހުންނެވެ.) ޤުރުޠުބާގެ އިމާރާތްތަކުގެ ތެރެއިން އެންމެ ޚާއްޞަ އިމާރަތަކީ މަސްޖިދު ޤުރުޠުބާއެވެ. މިއަދުވެސް އެއީ ދުނިޔޭގައި ދެވަނައެއް ނެތްފަދަ ރީތި މިސްކިތެކެވެ. (އަންދަލުސުގެ ސަރުކާރުގެ ފަރާތުން މިހާރުވަނީ އެމިސްކިތް ފައްޅިޔަކަށް ބަދަލުކޮށްފައެވެ.) އެ މިސްކިތް އިމާރާތްކުރައްވާން ފެއްޓެވީ عبــدالّــرحـمـن الــدّاخــل ގެ ދުވަސްވަރުއެވެ. އޭނާއަށްފަހު އެ ޚާންދާނުން ވަޑައިގެންނެވި ހުރިހައި ރަސްރަސްކަލުންވެސް ގެންދެވީ އެ މިސްކިތް އިތުރަށް ފުރިހަމަކުރައްވަމުންނެވެ. އިތުރަށް ބޮޑުކުރައްވަމުންނެވެ.

ޤުރުޠުބާގެ ދެން އެންމެ ރީތި އެންމެ ފުރިހަމަ އިމާރާތްތަކަކީ މަދީނަތުއްޒަހުރާއެވެ. އެގަނޑުވަރު އިމާރާތްކުރެއްވީ އަންދަލުސުގެ خـليفـة أعظـم سـلطــان عبــدالّــرحـمـن النّـاصـر (ތިނެއް) އެވެ. އެރަސްގެފާނުގެ ލޯބިފުޅުވާ އަނބިކަނބަލުން زهــرة ގެ އެދިވަޑައިގެންނެވުމަކަށެވެ. އެގަނޑުވަރަށް ގަނޑުވަރެކޭ ލިޔުމަށްވުރެ ޙަޤީޤަތާ އެއްގޮތްވާނީ ރަށެކޭ ލިޔުމެވެ. އެރަށް އޮންނަނީ ޤުރުޠުބާއާ ދާދިކައިރީގައި ޖަބަލުލްޢުރޫސްގެ ކައިރީގައެވެ. عبــدالّــرحـمـن الثّــالث ކޮންމެ އަހަރަކުވެސް އެރަސްގެފާނަށް ލިބިވަޑައިގަންނަވާ އާމްދަނީގެ ތިންބައިކުޅައެއްބައި އެރަށް އިމާރާތް ކުރައްވާން ހޭދަކުރައްވަމުން ގެންދެވިއެވެ. އެ އާ ރަށުގައި ފަނަރަހާސް ދޮރޯށި ހުރެއެވެ. އާއްމު ދަރުބާރު ބާއްވަވާ އީވާނުގެ ފާރުތަކާއި ފަންގިފިލާ ހުންނަނީ ސަންގުމަރުމަރު ހިލައިންނެވެ. އާއްމު ދީވާނުގެ މެދުތެރޭގައި ދިރޭރަހައިގެ ބޮޑު ޙައުޟެއް އޮވެއެވެ. ދިރޭ ރަހައަށް އިރުގެ އަލި އެޅުމުން މުޅި ދީވާން ވިދައި ބަބުޅައެވެ. ތަންތަންކޮޅުގައި ރީތި ބަގީޗާތަކާއި ސާފު ފެނުގެ ފައްވާރާތައް ހުރެއެވެ.

މިއަދު މަދީނަތުއްޒަހުރާގެ ތަރާގަނޑު ދެކޭ މީހުންނަކަށް އެތަންތަނަކީ އެއްޒަމާނެއްގައި ޔޫރަޕާއި އޭޝިޔާގެ ބޮޑެތި ދައުލަތްތަކުގެ ސަފީރުން ހައިރާންފުޅުވެ ތަލިފުޅުން ކުޅުފޮދު ހިކިފައި ތިއްބަވައިގެން سـلطــان عبــدالّــرحـمـن النّـاصـر އާއި އޭނާގެ ގާއިމުމަގާމުންގެ ޖާހާއި، މަތިވެރިކަމާއި ކީރިތި މޫރިތިކަން ބައްލަވަމުން

ގެންދެވި ތަންތަންކަމެއް ނޭނގޭނެއެވެ. ޤުރުޠުބާގައި މަދީނަތުއްޒަހުރާ ނޫނަސް ވަރަށްގިނަ ގަނޑުވަރުތައް ހުއްޓެވެ. އޭގެތެރޭގައި ޤަޞްރުލްމައުޝޫޤު، ޤަޞްރުއްސުރޫރުއާއި، ޤަޞްރުއްތާޖު ޚާއްޞަގޮތެއްގައި ފާހަގަކުރެވެއެވެ. މުލޫކުއްޠަވާއިފުންގެ ދައުރުގައި އެހުރިހައި ތަންތަންވަނީ ވީރާނާވެ ހަލާކުވެ ސުންނާފަތިވެފައެވެ.

ވެރިކަމަށް ދަޢުވާކުރާ އެތައްބައެއް މަދު އަހަރުތަކެއްގެ ތެރޭގައި ކާކުކަން ނޭނގުމުގެ ފަރުދާގެ ތެރެއިން ނުކުމެގެން ވެރިކަމުގެ ތަޚުތާ ހަމަޔަށް އާދެއެވެ. ތަޚުތު ބީވެގެން ޖެހިގެންހުންނަ ޖަލުތަކަށް ވަދެއެވެ. ޤުރުޠުބާގެ މިހަމަނުޖެހުމާއި ބައިބައިވުމުގެ ސަބަބުން އަންދަލުސުގެ ކޮންމެ ޕްރޮވިންސެއް ވެފައިވަނީ ވަކި ރަސްކަމަކަށެވެ. ބޮޑެތި ރަށްރަށުގެ ތެރެއިން ކޮންމެ ރަށަކީ ތަފާތު އާއިލާއެއްގެ ވެރިކަންކުރާ ރަށެކެވެ.

ސިންގާތައް ދިރިއުޅުނު ހޮހޮޅަތަކަށް ވެރިވެގެންތިބީ ހިޔަޅުތަކެވެ. ބާޒުގެތަކުގެ ހާލިތައް އަތުލައިގެން އުޅެނީ ކާޅުތަކެވެ. ޢަދުލުއިންޞާފުގެ ގޮނޑިތައް ފުރަމުން ގެންދިޔައީ ޖީބުކަނޑާ މީހުންނާއި ވަގުންނެވެ. ރަސްރަސްކަލުންގެ ބައިގަނޑުގައި ގިނައިން ތިއްބެވި ބޭފުޅުންގެ މާޒީއާއި، އަޚުލާޤާއި، ޝަޚުޞިއްޔަތަށް ބަލާއިރު އެބޭފުޅުން ހިމެނިވަޑައިގަންނަވަނީ މުޖުރިމުންގެ އެންމެ ކުރީ ސަފުގައެވެ. ބައެއް ރަސްރަސްކަލުންގެ ރަސްކަމުގެ ސަރަޙައްދަކީ ހަމައެކަނި އެބޭފުޅުން ވެރިކަންކުރައްވާ ރަށެވެ. އެހެންކަމާއެކުވެސް އެ ރަސްރަސްކަލުންވެސް އެބޭފުޅުންނާ މުޚާޠަބުކުރެވެން ބޭނުންފުޅުވަނީ، أميـر سلطـان خليفـة المسلمين ފަދަ ލަޤަބުތަކުންނެވެ. އެބޭފުޅުން ތުރުކުރައްވަނީ އެންމެ މޮޅު ފަށުވީގެ އަބާކޮޅުތަކެވެ. ޖަވާހިރުން ޒީނަތްތެރިކޮށްފައިވާ ތާޖުކޮޅުތަކެވެ. ލަޤަބުފުޅުތައް ޚިޔާރުކުރެއްވުމުގައި އެބޭފުޅުން ތިއްބެވީ ޢައްބާސީ ދައުލަތް ވެއްޓެމުންދިޔަ ދުވަސްވަރުގެ ޢައްބާސީ ޚަލީފާ އިންނަށްވުރެ ފަހަތުގައެއް ނޫނެވެ. އެއްބޭފުޅަކީ المهـدى އެކެވެ. އަނެއްބޭފުޅަކީ النّـاصر އެކެވެ. المـقـتدر بـاللـّه އެކެވެ. المـويّـد بـاللـّه އެކެވެ. المـعتـصم بـاللـّه އެކެވެ. المـوفّـق بـاللـّه އެކެވެ. المـعتـضد بـاللـّه އެކެވެ. المـعتـمد بـاللـّه އެކެވެ.

އެދުވަސްވަރުގެ ޝާޢިރަކު ވިދާޅުވެފައިވެއެވެ.

"އަހަންނަށް އަންދަލުސުގެ ކޮންމެ ދިމާއަކުން المـقـتدر އާއި، المـعتـمد ގެ ލަޤަބު އަޑުއިވޭހިނދު އަހަރެންގެ ހިތުގައި ފޫހިކަމާއި ނަފުރަތު އުފެދެއެވެ. އެބައިމީހުންނަށް ނިސްބަތްކުރާއިރު އެމާނައެންނެތް ޝާހީ ލަޤަބުތަކުގެ އަޑުއިވުމުން ހީވަނީ ޅަބުޅާގަނޑެއް ފުއްޕައިލައިފައި ސިންގާއެއްގެ ވައްތަރު ދައްކާން އުޅޭހެންނެވެ."

އެ އަމިއްލަ އެދުމުން ފުރިފައި ތިއްބެވި ރަސްރަސްކަލުންގެ ދަރުބާރުގައި މުފައްކިރުންނާއި، ސިޔާސީ ވިސްނުންތެރީންނާއި، މޮޅު އިދާރީ ހިންގުންތެރީންގެ މަގާމު ފުރަމުންގެންދިޔައީ ލަވަކިޔާ މީހުންނާއި، ހެއްވާ ވާހަކަ ކިޔައިދޭ މީހުންނާއި ވައިއަޅުވާ ޝާޢިރުންނެވެ.

ޤައުމެއްގެ ދިރިއޮތުމުގެ ބާރު ނެތިގެންދާއިރު އެބައެއް ޅެންވެރިކަމާއި އަދަބިއްޔާތުވެސް އެބަޔަކަށްޓަކައި ވަނީ އަފިހުނެއް ކަމުގައެވެ. ދިރޭ ޤައުމުތަކުގެ ޅެންވެރީންނަކީ ތަރައްޤީގެ ރަސްމަގުގައި ޤައުމަށް މަގުދައްކާ މީހުންނެވެ. މަރުވެފައިވާ ހިތްތަކުގައިވެސް އެބައިމީހުންގެ ޅެންތަކުން ވަރަށްގިނަފަހަރަށް ދިރުން އުފައްދައިލައެވެ. ނަމަވެސް އަންދަލުސުގެ މުސްލިމުންގެ ވެއްޓެމުންދިޔަ ދައުރުގައި ޝާޢިރުންގެ ހުރިހައި ކުޅަދާނަކަމެއް ވަޤުފުވެފައިއޮތީ ޤާބިލިއްޔަތެއްނެތް ވެރީންނަށް ސަނާކިޔުމުގެ މައްޗަށެވެ. ކޮންމެ އަމީރެއްގެ ޚިދުމަތުގައިވެސް ޅެންވެރީންގެ ޖަމާޢަތެއް އޮވެއެވެ. އެބައިމީހުން އެ އަމީރަކަށް ތާރީފުގެ ޅެން ހަދައެވެ.
އެ ޅެންތަކުގައި އެކުދިބޮޑު އަމީރުންނަކީ، ހަފުތު އަގްލީމުގެ ރަސްރަސްކަލުން ކަމުގައި ސާބިތުކޮށްދެއެވެ. ބައެއް ރަސްރަސްކަލުންގެ ޚަޒާނާގައި އެބޭފުޅުންގެ ކާބަފައިކަލުން ހަނދާނުގެ ގޮތުގައި ދޫކުރައްވައިފައިވާ ބޮޑެތި ރީތި ގަނޑުވަރުތައް މަރާމާތުކޮށްލެވޭނެ ފަދައެއްވެސް ނުހުރެއެވެ. ނަމަވެސް ވައިއަޅުވާ ޝާޢިރުން އެބޭފުޅުންގެ މުއްސަނދިފުޅުކަމާއި ފޯރުންތެރިކަމުގެ ތާރީފުގައި އުޑާއި ބިން އެއްކޮށްލައެވެ. އަމީރުންނާއި ރަސްރަސްކަލުންގެ އަތްޕުޅުން އިނާމު ހޯދުމަށްޓަކައި އެބޭފުޅުންނަށް ސަނާ ކިޔާފަދައިން އެހެނިހެން އަމީރުންނާއި ރަސްރަސްކަލުންނަށް މަލާމާތްކުރުމާއި އަގުވައްޓައިލުމަކީވެސް ކޮންމެހެން ބޭނުން ކަމެކެވެ. އެހެންކަމުން ސަނާކިޔުމުގެ ޅެން ހެދުމުގެ ފަންނާއެކު ޅެމުން ހަޖޫކިޔުމުގެ ފަންނުވެސް އޮތީ ތަރައްޤީގެ އެންމެމަތީ ދަރަޖައަށް ވާސިލުވެފައެވެ. ތިމާގެ ސާހިބާގެ ތާރީފުގައި އެންމެ މޮޅު ޅެންހަދައި އެބޭފުޅެއްގެ ދެކޮޅުވެރީންގެ އަގުވައްޓައިލުމަށް އެންމެ ނުބައި ހަޖުލުގެ ޅެމެއް ހެދޭ ކޮންމެ ޝާޢިރަކު ހީކުރަނީ ދުނިޔޭގެ ލޯތަކުގެ ކުރިމަތީގައި ތިމާގެ މަގާމު ވަރަށް މަތިވީކަމުގައެވެ.

ޤުރުޠުބާއާއި އިޝްބީލިއްޔާއާއި ޣަރުނާޠާގެ ހަތިޔާރު އުފައްދާ ފެކްޓަރީތަކުގައި ތައްޔާރުވަމުންދިޔައީ މިޔުޒިކުގެ ސާމާނުތަކެވެ. އެއްދުވަސްވަރެއްގައި ސިފައިން ލޮންސި ހެވިކަމަށާއި ދުނިދަނޑިއަށް ކުޅަދާނަކަން ހާމަކުރާން ގެންދިޔަ ރަށްބޭރުގެ ހާމަ މައިދާންތަކުން ފެންނަމުންދިޔައީ ވާދަ ޅެންހަދާ މީހުންނާއި ޅެމަށް ތާރީފުކުރާ މީހުންގެ ޖަމާޢަތް ޖަމާޢަތެވެ. ހިސާބު ޢިލްމާއި، ބޭސްވެރިކަމާއި، ތާރީޚާއި، ފަލްސަފާއާއި، ޠަބީޢިއްޔާތާއި، ދީނީ ޢިލްމުގެ ޢާޝިޤުން ދުރުދުރުން އެތަންތަނާ ދިމާއަށް ދަތުރުކޮށްފައި އަންނަ ޔުނިވަރސިޓީތައްވެސް ޝާޢިރިއްޔާތުގެ "އެވަބާއިން" ސަލާމަތްވެފައެއް ނުވެއެވެ.

އާއްމުން ޙަޔާތުގެ އަދަބުތަކާއި ދިރިއުޅުމުގެ ފާޑުވެރިކަން ދަސްކުރަނީ އެބައިމީހުންގެ އަމީރުންގެ އަރިހުންނެވެ. އެހެންކަމުން ޤުރުޠުބާގެ އަމީރުން ޝާޢިރިއްޔަތަކީ އިންސާނިއްޔަތުގެ މިޢުރާޖު ކަމުގައި ބައްލަވާއިރު ޤުރުޠުބާގެ ބަގީޗާތަކުގެ ޑަރޯގާއިންނާއި، ފޭރާންވިޔާ ފޭރުންނާއި، މަށީގެ ހިފައިގެންގުޅޭ ތަކެތި ހަދާމީހުންވެސް ތިބީ ޅެން ހެދުމަށާއި ޅެން އަޑުއެހުމަށް އާދަވެފައެވެ. އިޝްބީލިއްޔާގެ އަމީރުންގެ ގަނޑުވަރުތަކުގައި ޅެމާއެކު ހަވީރު ކުރެވެމުންދިޔައިރު މަސްވެރީންގެ ޖިފުޑިތަކުގައިވެސް ދިޔައީ މުޝާޢިރާތައް ބާއްވަމުންނެވެ.

އާއްމުގޮތެއްގައި ޤައުމުތައް ފަށުވި ފަންނުތަކަށް ދަހިވެތިވަނީ ތަނަވަސްކަމާއި ތިޔާގިކަމުގެ ދުވަސްވަރުގައެވެ. ނަމަވެސް އެދުވަސްވަރަކީ އަންދަލުސުގެ މުސްލިމުންނަށް ތަނަވަސްކަމާއި ތިޔާގިކަމުގެ ދައުރެއްވެސް ނޫނެވެ. އެކަމަކު އޭރުވެސް އެބައިމީހުން ގެންދިޔައީ ޅެން ކިޔަމުންނެވެ. އެބައިމީހުން ތިބީ ކަކޫތާ ފެނަށް ލޭގެތެރެއަށް ގެނބިފައެވެ. ނަމަވެސް އޭރުވެސް އެބައިމީހުން ލޯބިވަނީ ޠާއޫސާއި ރުބާބު (މިޔުޒިކުގެ ދެއާލަތެއް) ދެކެއެވެ. ހަލާކުވުމާއި ފަނާވުމުގެ އަލިފާން އެބައިމީހުންގެ ގެތަކާ ހަމަޔަށް ފޯރައިފައި އޮތްއިރުވެސްމެއެވެ.

* * * * * * * * * * *

އަންދަލުސުގެ އުތުރުގައި އޮތް ކްރިސްޓިއަން ސަރަޙައްދެއް ކަމުގައިވާ ޤަޞްޠިލާގެ ރަސްގެފާނު ފާޑިނަންޑު (އެކެއް) ވަނީ މުސްލިމު އަމީރުން ދާޚިލީ ހަނގުރާމަތަކުގެ ފައިދާ ހޯއްދަވައި މުސްލިމުންގެ އެތައް ސަރަޙައްދުތަކެއް އޭނާގެ ރަސްކަމާ އެއްކޮށްލައްވައިފައެވެ. އެއްބޭފުޅަކު އަނެއްބޭފުޅަކާ ހަނގުރާމަ ކުރައްވަމުން ގެންދެވި މުސްލިމު ރަސްރަސްކަލުންގެ ތެރެއިން ކޮންމެވެސް އެއްފަރާތަކަށް އޭނާ އެހީވެދެއްވައެވެ. އެ އެހީފުޅުގެ ބަދަލުގައި އޭނާގެ ރަސްކަމާ ގުޅިފައި އޮންނަ ކޮންމެވެސް ސަރަޙައްދެއް އަތުލައްވައެވެ. އޭގެއިތުރަށް އޭނާގެ ލަޝްކަރުގެ ޚަރަދުބަރަދު ހަމަޖައްސަވަނީވެސް މުސްލިމު ރަސްރަސްކަލުންގެ އަތްޕުޅުން ޖިޒީ އަތުލައްވައިގެންނެވެ.

(ނުނިމޭ)