ގައުމުގެ އިގުތިސޯދީ އަދި އިޖުތިމާއީ ހާލަތު ރަނގަޅުކުރެވޭނީ އިސްލާމީ ދައުލަތް ފެށުނު އިރު، ދެއްކި ނަމޫނާއާ އެއްގޮތަށް އަމަލުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު، މިހެން ވިދާޅުވީ ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތޯބުގައެވެ.
ރައީސްގެ ހިތޯބުގައި ވިދާޅުވީ، ރަސޫލާގެ ސިޔަރަތުން ފެންނަ އެންމެ މަތިވެރި ނަމޫނާއަކީ، މީސްތަކުންގެ މެދުގައި އޮންނަންވީ އެއްބަނޑުއެއްބަފާކަމުގެ ގުޅުމާއި އަދުލު އިންސާފަށް ލޯބިކުރުމާއި އަނެކުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ މާތް ސިފަ ކަމަށެވެ. އަދި އަނެކަކަށް އެހީތެރިވެ އުޅުމާއި ދަތި އުނދަގޫ ހާލަތްތަކުގައި ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމުގެ ރިވެތި ސިފަތަކާއި ވަކިން ހާއްސަ ގޮތެއްގައި، އާއިލީ ގުޅުންތައް ބަދަހިކުރުމާއި އަނެކުންނަށް މައާފްކުރުމާއި ހިތްހެޔޮކަމާއެކު މުއާމަލާތުކުރުމުގެ އަހުލާގީ ނަމޫނާތައް ވެސް ރަސޫލާގެ ސީރަތުން ފެނިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދީނީ ވާޖިބުތަކަށް ފަރުވާތެރިވާ ފަދައިން، ދުނިޔަވީ ދިރިއުޅުން ބާއްޖަވެރިކުރުމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމަކީ ނަބަވީ ސީރަތުން ލިބިދޭ އެންމެ މުހިންމު ފިލާވަޅު ކަމަށެވެ. އަދި ރާއްޖެވެސް މިއަދު މިއޮތީ، މިއަށްވުރެ ރަނގަޅު ހާލަތަކަށް ގެންދިޔުމަށްޓަކައި، ކޮންމެ ރައްޔިތެއްގެ ފަރުދީ ބައިވެރިވުމަށް ނުހަނު ބޮޑަށް ބޭނުންވެފައި ކަމަށްވެސް ވިދާޅުވިއެވެ.
"އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން، ގައުމުގެ ހާލަތު ރަނގަޅުކުރެވޭނީ، އިސްލާމީ ދައުލަތް ފެށިގެން އައިއިރު، އެ ދައުލަތް ބިނާކުރުމަށްޓަކައި މުސްލިމުން ދެއްކި ފަދަ، ހިތްވަރުގަދަކަމާއި މަސައްކަތްތެރިކަމުގެ ނަމޫނާއެއް އަޅުގަނޑުމެންގެ ފަރާތުންވެސް ފެނިގެންނެވެ." ރައީސްގެ ހިތޯބުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެއްކެވި މަތިވެރި ނަމޫނާތަކުން، ދެ ދުނިޔޭގެ ބާއްޖަވެރިކަން ހާސިލުކުރުމަށްޓަކައި ގަދައަޅައި މަސައްކަތްކުރާ ބަޔަކަށް ދިވެހިން ވާން ޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު