ރާއްޔޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ބޭރުކޮށްލީ، ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާިއރާގެ މަޖިލިސް މެންބަރު އަބުދުﷲ ޖާބިރު އެ ބިލު ހުށަހެޅުއްވި ގޮތަށްވުރެ ރަނގަޅަށް، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަން ކުރެއްވުމަށްޓަކައި ކަމަށް ޖާބިރު ނިސްބަތްތްވެވަޑައިގަންނަވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ބުނެފިއެވެ.

ޖާބިރު ހުށަހެޅުއްވި ބިލު މިއަދު މަޖިލީހުން ބޭރު ކޮށްލާފައިވާ އިރު، އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވީ ހަމައެކަނި ޖާބިރެވެ.

އެ ބިލަށް ވޯޓަށް އެހި އިރު، މަޖިލިސް ޖަލްސާގައި 55 މެމްބަރުން ހާޒިރުވެ ތިއްބެވި ނަމަވެސް އޭގެ ތެރެއިން 51 މެންބަރުން ވޯޓު ދެއްވީ ބިލު ބަލައިނުގަނެ ބޭރުކޮށްލުމަށެވެ. އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ބޭނުންވަނީ 27 ވޯޓެވެ.

ޑީއާރުޕީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، "ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ގާނޫނުއަަސާސީއަށް ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރު ހުށަހެޅުއްވި އިސްލާހު މިއަދު މަޖިލީހުން ބޭރުކޮށްލީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެއަށްވުރެ ރަނގަޅަށް އެކަން ކުރައްވަންކަން ޔަގީން،" ކަމަށެވެ.

އެކަމަށްޓަކައި އެމްޑީޕީގެ ރައީސް އަދި މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދަށާއި، އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ޝުކުރު ދަންނަވާ ކަމަށްވެސް ޑީއާރުޕީން ބުނެފައިވެއެވެ.

ޑީއާރުޕީގެ ލީޑަރު އަބަދުވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާނެ ކަމަށާއި، ދެން ރާއްޖޭގައި އޮންނާނީ ބަރުލަމާނީ ނިޒާމެއްކަން ޔަގީން ކަމަށްވެސް ޑީއާރުޕީން ބުނެފައިވެއެވެ.

އެ ބިލުގައި ވެރިކަމުގެ ނިޒާމާއި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ހިމެނޭ ގާނޫނު އަސާސީގެ ގިނަ މާއްދާތަކަކަށް ބިލުގައި ވަނީ އިސްލާހު ހުށަހަޅައިފައެވެ.

ޖުމްލަ 72 މާއްދާގެ މައްޗަށް އެކުލަވާލާފައިވާ ބިލުގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން އިއުލާންކޮށް، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި ނެގޭ ސިއްރު ވޯޓަކުން ހޮވޭ މީހެއް ކަމަށެވެ. ނަމަވެސް ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަން ކުރާނީ، މަޖިލިސް މެންބަރުންގެ ތެރެއިން އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޖިލިސްގައި ނެގޭ ސިއްރު ވޯޓަކުން ކަމަށް ބުނެފައިވެއެވެ.

ބޮޑުވަޒީރުގެ ނައިބުންގެ ގޮތުގައި ހަތަރު ބޭފުޅަކު ހުންނަނަންވާނެ ކަމަށާއި އެ މަގާމުތަކަށް ވެސް ބޭފުޅުން އިންތިހާބު ކުރާނީ މަޖިލިސް މެންބަރުންގެ ތެރެއިން އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ މައްޗަށް މަޖިލީހުގައި ނަގާ ސިއްރު ވޯޓަކުން ކަމަށްވެސް ބުނެފައިވެއެވެ.

އެބޭފުޅުންގެ ރިޔާސީ ދައުރަކީ ފަސް އަހަރުކަމަށް ބިލުގައި ކަނަޑައަޅާފައިވާ އިރު، ހިނގަމުންދާ ދައުރުގެ ތެރެއިން މަގާމު ހުސްވެއްޖެ ނަމަ އެ މަގާމުތަކަށް މީހުން އައްޔަންކުރާނެ ގޮތްވެސް ބިލުގައި ބަޔާންކޮށްފައި ވެއެވެ.

ބިލުގައިވާ ގޮތުން ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް ދައުލަތުގެ އެންމެ އިސް ވެރިޔާ، އަދި ސިފައިންގެ އެންމެ އިސް ވެރިޔަކީ ބޮޑުވަޒީރެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން މިހާރު ދީފައިވާ ގިނަ ބާރުތަކެއް، މި ބިލުން ބޮޑުވަޒީރަށް ވަނީ ބަދަލުކޮށްފައެވެ.

މި ބިލުގައި އެ މަގާމުތަކުން މީހުން ވަކިކުރާނެ ގޮތްތަކާއި އެބޭފުުންގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި އެ މަގާމުގެ ޝަރުތުތަކާއި ޖަވާބުދާރީވާނެ ގޮތްތައްވެސް ހިމަނާފައި ވެއެވެ.

އެ އިސްލާހުގައި ޖާބިރު ވިދާޅުވެފައިވަނީ، މި ބިލު ހުށަހެޅުއްވުމުގެ ބޭނުމަކީ 2008 ވަނަ އަހަރު ތަސްދީގު ކުރި ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދިޔައިރު، ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ، ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ، ކަނޑައެޅުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތުން ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމުގައި ކަނޑައެޅި ނަމަވެސް، ގާނޫނުއަސާސީގެ އެއްވެސް ހިސާބެއްގައި ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމުގައި ކަނޑައަޅައި (މުތުލަގު ގޮތެއްގައި) ބަޔާންކޮށްފައި ނުވާ ކަމަށެވެ.

ގާނޫނުއަސާސީ ތަސްދީގުކުރި ފަހުން ބޭއްވި ރިޔާސީ އިންތިހާބުތަކުގެ މައްޗަށާއި، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަ ގޮތަށް ބަލައި ވިސްނާއިރު، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކުގެ މައްޗަށް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ހިންގަމުން އަންނަ ވެރިކަމަކީ ރިޔާސީ ނިޒާމެއްގެ ފުރިހަމަ ސިފައިގައި ހިންގަމުން އަންނަ ވެރިކަމަކަށް ނުވާތީ، އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާ ގެއްލުމާއި ނިކަމެތިކަން ދުވަހުން ދުވަހަށް ބޮޑުވަމުން އަންނައިރު، ރައްޔިތުންނަށް ލިބޭ ގެއްލުމުން ރައްޔިތުން ސަލާމަތް ވާނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުވެގެން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

"ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކީ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމަށް އެއްވެސް އުނިކަމެއް އަންނާނެ ކަމެއް ކަމަށް ނުވާތީ އާއި ބަރުލަމާނީ ނިޒާމެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބު ވެގެންދާނެތީ އާއި ރައްޔިތުން އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހެއް ވެސް އޮންނާނެތީ ގާނޫނުއަސާސީއަށް މިދެންނެވި އިސްލާހު ގެނައުމަކީ ގާނޫނުއަސާސީއާ ތައާރަޒުވާނެ ކަމަށް ނުބެލެވޭ،" ބިލުގައި ބުނެފައި ވެއެވެ.

ބަރުލަމާނީ ނިޒާމަކީ ސަރުކާރު ހިންގާ އެންމެ އިސްފަރާތް ކަމަށްވާ ބޮޑުވަޒީރާއި ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ޕާޓީއާ އެކުގައި އެކުލަވައިލެވޭ ވެރިކަމުގެ ނިޒާމަަކަށްވާތީ، މި ނިޒާމުގެ މައްޗަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ކާމިޔާބުކަމާއެކު ވެރިކަން ހިންގައި، އެ ގައުމުތައް ބޮޑުތަނުން ކުރިއަރައި ރައްޔިތުންނަށް އެކަމުގެ ސަބަބުން އޮތް ހިތްހަމަޖެހުންތައް ފެންނަމުންދާތީ އާއި ބަރުލަމާނީ ނިޒާމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމު ކަމުގައި ފާހަގަކުރެވޭތީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަކީ ބަރުލަމާނީ ކަމަށް ކަނޑައެޅުމަށްޓަކައި ގާނޫނުއަސާސީއާށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ހުށަހަޅުއްވާކަމަށް ބިލުގައި ބުނެފައިވެއެވެ.