އެމެރިކާ އާއި ރާއްޖެއާ ދެމެދު މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އަދި އިންޑިއާ ކަނޑުގެ ރައްކާތެރިކަން ވަރުގަދަކުރުމަށް އެމެރިކާއާއެކު މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ދެގައުމުގެ ދެމެދު ބޭއްވި ރަސްމީ ވާހަކަތަކަށްފަހު ބޭއްވި ޖޮއިންޓް ޕްރެސް ބްރީފިންގައި ޝާހިދު ވިދާޅުވީ ރާއްޖޭގެ ޑިފެންސް ސިސްޓަމް އިތުރަށް ހަރުދަނާކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިނގާ ޓެރަރިޒަމްގެ ހަމަލާތަކުން ރާއްޖެ ރައްކާތެރިކުރުމަށް މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ.

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށާއި ޓެރަރިޒަމްގެ ނުރައްކާތެރިކަން ބޮޑު، ގައުމުގެ ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ހަނގުރާ ބޮޑު ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ގުޅިފައިވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހަރުދަނާ ޑިމޮކްރަސީއެއް ގާއިމުކުރެވޭނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއެކު ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރާއްޖެއަށް ތަރައްގީ ގެނެވެން އަންނަނީ އިންޑިއާ ކަނޑުގެ ގުޅުން ހަރުދަނާވެގެން ކަމަށާއި އެ ހުރިހާ ކަމަކާ ގުޅިގެން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.