ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕެއޯ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފި އެވެ.
މިއަދު މެންދުރު ރާއްޖެ ވަޑައިގެން ޕޮމްޕެއޯ ރައީސް ސޯލިހާ ބައްދަލު ކުރައްވާފައިވަނީ ރައީސް އޮފީހުގަ އެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދު އޮތް ވަރުގަދަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މި ބައްދަލު ކުރެއްވުމުގައި ޕޮމްޕެއޯ ވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފަ އެވެ.
ރައީސް ސޯލިހާއެކު ބޭއްވެވި ބައްދަލު ކުރެއްވުމަށްފަހު ޕޮމްޕެއޯ ދެން ބައްދަލުކުރައްވާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ އެވެ. އެ ބައްދަލުކުރެއްވުމުގައި އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވަވާނެ އެވެ. މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޝެރަޓަން ރިސޯޓުގަ އެވެ.
އެއަށްފަހު މިއަދު ހަވީރު 4:00 ޖަހާއިރު މިނިސްޓަރު ޝާހިދާއި ޕޮމްޕެއޯގެ ހާއްސަ ޕްރެސް ސްޓޭޓްމަންޓެއް ދެއްވަން ވަނީ ހަމަޖެހިފަ އެވެ. އެ ޕްރެސް ސްޓޭޓްމަންޓް ދައުލަތުގެ ޓީވީ މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހާރިޖީ ލަފާ އަރުވާ އެންމެ އިސް ފަރާތް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 28 އަހަރަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ. އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ ޖުލައި 24، 1992 ގައި އެމެރިކާގެ އޭރުގެ ހާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކާ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު