''ކޮން ވާހަކައެއްތަ ދައްކަން ބޭނުންވެގެން ތިއުޅެނީ؟... ރުހައިމްއަށް ކުރެވުނު ކަންތަކަށް މަޢާފަށް އެދެންތަ ބޭނުމީ؟، ކުރެވުނީ މަޢާފް ހައްޤުވެގެންވާ ވަރުގެ ކަމެއް ނޫން...'' ފަހަތުން އިވިގެން ދިޔައީ ޔަޝްފީގެ އަޑެވެ. ފިނިވެފައިވި ރުހައިމް، ފޯނަށް ޖަވާބު ދިނުމުގެ ބަދަލުގައި ކުރިމަތިލީ ޔަޝްފީއާ އެވެ. އޭރު ފޯނުކޯލް ކެނޑިއްޖެއެވެ. ފޯނު ސައިލެންޓަށްލަމުން ޖިންސްގެ ޖީބަށް ރުހައިމް ފޯނު ލިއެވެ.

ރުހައިމްއަށް ބަލަން ހުރި ޔަޝްފީއަށް ފާހަގަ ކުރެވުނެވެ. އޭނައަށް އެތެރެއިން ހިނިތުންވެވުނެވެ. ނާލާއާއި ރުހައިމްގެ ދެމެދަށް ދުރުކަމެއް ގެނެވިއްޖެކަން ޔަޤީން ކުރެވުމުންނެވެ.

*****

ކަންފަތާއި ވަކިކޮށްލެވުނު ފޯނަށް ބަލަހައްޓައިގެން ނާލާއަށް ހުރެވުނެވެ. އެމޫނު މަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ. އިރުކޮޅެއް ވަންދެން އޭނައަށް އަތުގައި އޮތް ފޯނަށް ބަލަން ހުރެވުނެވެ. ހިތުގައި އޭރު ސުވާލު އުފެދިފައި ވިއެވެ. ރުހައިމްގެ ފަރާތުން އޭނައަށް ފެނިގެން އެދިޔައީ މީގެ ކުރިން ދުވަހަކު ފެނިފައިވާ ކަމެއް ނޫނެވެ. އޭނަ ގުޅައިފިނަމަ ރުހައިމް އަބަދު ޖަވާބު ދޭނެއެވެ. ޖަވާބު ނުދެވޭ ހާލަތެއް މެދުވެރި ވެއްޖެނަމަ ވަގުތުން މެސެޖެއްވެސް ފޮނުވާނެއެވެ. ނަމަވެސް މިފަހަރު ކަންތައް ވެގެން ދިޔައީ އުއްމީދުކުރި ގޮތަކަށް ނޫނެވެ. ރުހައިމްގެ މެސެޖެއް ނުލިބުނު ތަނުގައި އަނެއްކާ ވެސް ގުޅުމުން ފޯނެއް ނުނެގިއެވެ. އޭގެ ސަބަބުން ނާލާގެ ހައިރާންކަން އިތުރު ވިއެވެ. ހިތުގައި ސުވާލު އުފެދެން ފެށިއެވެ.

''އަނެއްކާ ބިޒީވީތަ؟... އެކަމަކު ބިޒީވެއްޖެއްޔާ ރުހައިމް މެސެޖްކުރާނެ، ދެން ކީއްވެ ޚަބަރެއް ނުވެގެން އުޅެނީ؟... އަނެއްކާ ނިދަނީތަ؟... ފުރަންދާ ގަޑިވެސް ކައިރިވަމުން އެދަނީ......'' ނާލާއަށް ވިސްނާލެވުނެވެ. ފިކުރުތަކުގެ ތެރެއަށް ގެއްލިފައި ހުއްޓާ ސިއްސައިގެން ދިޔައީ މައިދައިތަގެ އަޑަށެވެ. ފަސްއެނބުރި ނާލާއަށް ބަލައިލެވުނީ ކޮޓަރީގެ ދޮރާއި ދިމާއަށެވެ. އޭރު ދޮރުގައި ޓަކިދޭ އަޑު އިވެއެވެ.

''ނާލާ...'' ސަކީނާ ގޮވާލިއެވެ.

ނާލާ އަވަސްވެގަތީ ދޮރުހުޅުވުމަށެވެ. އޭގެ ކުރިން އަތުގައި އޮތް ތުވާލި ގެންގޮސް ތުވާލި ހަރުގަނޑުގައި އަޅުވާލިއެވެ. އެއަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ދޮރުގެ ތަޅުގައި ހިފާ އަނބުރާލިއެވެ.

''އާދޭ ސައިބޯން، މަންމަ އެކަނި ސައިނުބޯންވެގެން ދަރިފުޅު ބަލާ މިއައީ...'' ނާލާއާ ހިނިތުންވުމެއް ބަދަލުކުރަމުން ސަކީނާ ބުނެލިއެވެ.

ނާލާ ވެސް ހިނިތުންވެލަމުން ސަކީނާގެ ފަހަތުން ހިނގައިގަތީ ބަދިގެއާއި ދިމާއަށެވެ. ބަދިގެއަށް ވަން އިރު ސުފުރާ މަތި ވަނީ ހަވީރުގެ ސަޔަށް ތައްޔާރުކޮށްފައެވެ. ދެބާވަތެއްގެ ހެދިކާގެ އިތުރުން ފޮނިއެއްޗެހިވެސް ހުއްޓެވެ. ކޮފީ ލުއި މީރު ވަސް ވެސް މާހައުލަށް ފެތުރިފައި އޮތެވެ.

''މާދަން ކިހާއިރަކުތަ ރުހައިމް އަންނަނީ؟...'' ގޮނޑީގައި އިށީން ނާލާއަށް ބަލަމުން ސަކީނާ ސުވާލުކޮށްލިއެވެ.

''ހެނދުނު، އެގާރަ ޖަހާއިރު ފްލައިޓް ޖައްސަން އޮތީ... ތަންކޮޅެއް ބާރު ބޮޑު ގަޑިއެއް އެއީ، މެންދުރަށް ގެއަށް އާދެވޭނެ...'' ނާލާ އޮޅުންފިލުވައި ދިނެވެ.

''އެހެންތަ؟... އެހެންވީމަ ޖެހޭނެ މެންދުރަށް ކައްކަން... ދަރިފުޅުމެން މިހާރު މާ ބުރަކޮށް ވަޒީފާގަ ތިއުޅެނީ... ވަޒީފާއަކީ ވެސް މުހިންމު އެއްޗެއް އެކަމަކު އާއިލާއަކީ އެއަށްވުރެން މުހިންމު އެއްޗެއް، އެކުގައި ގިނައިން ވަގުތު ހޭދަކުރި ވަރަކަށް ތިދެމެދުގައި އޮތްނަ ގުޅުން ވަރުގަދަ ވާނީ......'' ސަކީނާ ނަސޭހަތްދިނެވެ. ސީދާ އޭނަގެ މައުޟޫޢުއަށް ދިއުމުގެ ބަދަލުގައި ވާހަކަދެއްކީ ދުރުދުރުންނެވެ. ނާލާ އޭނައާ މެދު ދެކެފާނެ ގޮތަކާ މެދު ހިތް ނުތަނަވަސްވީތީ އެވެ. ނާލާއާއި ރުހައިމްގެ ދިރިއުޅުމަށް ފާޑުކިޔާމީހެއްގެ ގޮތުގައި ނަންވާން އޭނަ ބޭނުމެއް ނުވިއެވެ.

ހިނިތުންވުމަކާއެކު ނާލާ ބޯޖަހާލިއެވެ. އެވާހަކަތަކުގެ ފަހަތުގައި ފޮރުވިފައި އޮތް މާނަ ނާލާއަށް ނަގައިގަނެވުނެވެ. އާއިލާއެއް ބިނާ ކުރުމުގެ މުހިންމުކަން ނާލާއަށް ތަސައްވަރުކުރެވުނެވެ. އެކަމަށް އެންމެ އެކަށީގެންވާ ވަގުތު އައިސް ޖެހިއްޖެކަން ވެސް އޭނައަށް ޔަޤީންކުރެވުނެވެ. އެވާހަކަތައް ރުހައިމްއާ ހިއްސާކުރަން ނާލާގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. ރުހައިމްގެ ފަރާތުން ވެސް ލިބޭނީ އޭނަގެ ހިތުގައި އޮތް ޖަވާބުކަން ޔަޤީންކުރެވޭތީއެވެ. ދިރިއުޅުމާ މެދު ކުރެވެމުން އައި އުއްމީދުތަކާއި ގުޅިލާމެހިގެން ގޮސް ދެކެން ފެށި ފޮނި ހުވަފެންތަކުން ނާލާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެއީ މާނަ ފުން ހިނިތުންވުމެކެވެ. އެދެލޮލުން ވެސް މުސްތަޤުބަލާ މެދު ކުރަމުން އައި އުއްމީދުތައް ފާޅުވަމުން ދިޔައެވެ.

*****

ރުހައިމް ހުރީ އޭނަގެ ވާހަކަ ފަށައިގަންނާނީ ކިހިނެއްކަން ނޭނގިފައެވެ. ޔަޝްފީއާ ހަތަރުކަޅި ހަމަކުރަން ވެސް އޭނައަށް އުނދަގޫ ކަމަކަށް ވެއްޖެއެވެ. އެމޫނު ފެންނަ ކޮންމެ ފަހަރަކު ނަފުސަށް ސަޒާ ލިބޭ ކަހަލައެވެ. އޭނަގެ ނުބައިކަން ލޯކުރިމަތިން ސިފަ ކުރެވެއެވެ. ކުށެއް ނެތް އަންހެންކުއްޖެއްގެ ދިރިއުޅުން ބަރުބާދުކޮށްލެވިއްޖެކަމުގެ ހިތިކަން ކަރު ބުޑަށް ފޭދެން ފަށައެވެ. ކުށްވެރިކަމުގެ އިހުސާސްތަކުން ޔަޝްފީއާއި ކުރިމަތިލުން ވެސް އޭނައަށް ތަކުލީފަކަށް ވެއްޖެއެވެ. ނަމަވެސް އަނބުރާލާފައި ދާކަށް އޭނަގެ ޒަމީރު އެއްބަހެއް ނުވިއެވެ. އޭރުން މަސްލަހަތު އިތުރަށް ގޯސްވުން ނޫންކަމެއް ނުވާނެތީއެވެ. ޖެހިލުންވުމުގެ ފަރުދާތަކުގެ ފަހަތުގައި ފިލައި ހުންނަން ވެއްޖެނަމަ ދިރިއުޅުމަށް އައިސްފައިވި އަނދިރިކަމާއި ހަނގުރާމައެއް ނުކުރެވޭނެއެވެ. ސަލާމަތުގެ އައްސޭރިއަކަށް ވެސް ނުދެވޭނެއެވެ. އޭރުން އިތުރު ހާސްކަމާއި ބިރުވެރިކަމާ ކުރިމަތިލާން ޖެހޭނެއެވެ.

''ވާހަކަދައްކާކަށެއްނު އައީ!، ދެން ކީއްވެ ހިމޭނުން ތިހުންނަނީ؟...'' ރެއިލިންގައި ހިފަހައްޓައިގެން ހުރި ޔަޝްފީ ރުހައިމްއާ ދިމާއަށް ބަލައިލިއެވެ. ރުހައިމް ހުއްޓިލައިގެން ހުރީ ބެލްކަނީގެ އަނެއް ކޮޅުގައެވެ. ރުހައިމްގެ ނަޒަރު ހުއްޓިފައި ވަނީ ޖައްވުގައި ދަތުރުކުރަމުން ދިޔަ ވިލާތަކަށެވެ. އެމޫނުމަތިން ކަމަކާ މެދު ފިކުރުބޮޑުވެފައިވާކަން ހާމަކޮށްދެއެވެ. ތުންފަތް ވެސް ހަރަކާތްކޮށްލާ ގޮތުން ވާހަކަދައްކަން ބޭނުންވެފައި ހުރިކަން އެނގެއެވެ.

ޔަޝްފީގެ ޖުމްލައިން ރުހައިމްގެ ތުންފަތް ހަރަކާތްކޮށްލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި މޫނަށް ވެރިވި ޖެހިލުންވުމުގެ އަސަރާއެކު ހިމޭންވެގެން ދެއެވެ.

ރުހައިމްއާއި އޭނަގެ ދެމެދުގައި އޮތް ދުރުމިނާ މެދު ޔަޝްފީއަށް ވިސްނާލެވުނެވެ. ރުހައިމްއަށް އައިސްފައިވި ބަދަލުތަކުން ހިތަށް ވެސް ތަދުވިއެވެ. ރުހައިމް އުފުލަމުން އެދާ ވޭން އޭނައަށް އިހުސާސްކުރެވޭ ކަހަލައެވެ. އެކަމާ ދެރަ ވެސް ވިއެވެ. ނަމަވެސް އެހިތާމަތަކަކީ އޭނަގެ ހާލަތާ މެދު ވިސްނި ހަމްދަރުދީ އުފެދުމަށް ވުރެން، ނާލާއަށް ހަޤީޤަތް އެނގުމުން ކަންތައް ވެދާނެ ގޮތަކާ މެދު ރުހައިމްގެ ހިތުގައި އުފެދިފައި އޮތް ބިރުވެރިކަމުގެ އަސަރުތައްކަން ޔަޝްފީއަށް ޔަޤީންކުރެވުނެވެ. ރުޅިއާދެވުނީ އެހެންވެއެވެ. ރުހައިމްގެ ސަމާލުކަން އޭނައަށް ހުއްޓެން ބޭނުންވާތީއެވެ. އޯގާތެރިކަމާއި ލޯބި ވެސް އޭނައަށް ލިބެން ބޭނުންވާނެތީއެވެ.

ނާލާއާ މެދު ހަސަދަރެވެރިކަމުގެ ހުޅުގަނޑު ހިތުގައި ރޯވިއެވެ. އޭގެ އަސަރު ސިކުނޑިއާ ހަމައަށް ވެސް ފޯރަން ފެށިއެވެ. އެއާއެކު ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ

''ވަގުތު ނަގާނެ، އެކަމަކު ރުހައިމް ލިބޭނީ އަހަންނަށް، މިހާރު ވެސް ތިދެމެދުގައި މައްސަލަ ޖެހެން ފަށައިފިކަން އަހަންނަށް ޔަޤީން، އޭނަގެ ފޯނަށް ރުހައިމް ޖަވާބު ނުދިނުމަކީ އަހަންނަށް ލިބުނު ކުރިއެރުމެއް، އިޓް ޕްރޫވްސް މައި ޕްލޭން އިސް ވޯރކިންގް... ހެހެހެ...'' ލުއި ހިނިތުންވުމެއް ޔަޝްފީގެ ތުންފަތަށް ވެރިވިއެވެ. ނަފުސު ހަމައަކަށް އަޅުވާލީ އޭނަގެ ރޭވުން ކާމިޔާބުވާނެ ކަމުގެ ޔަޤީންކަން ހިތަށް ލިބުމުންނެވެ.

''ވާހަކަ ނުދައްކާނަމަ އަހަރެން ދަނީ......'' ނުރުހުންތެރިކަން އަޑަށް ގެންނަމުން ޔަޝްފީ ބުނެލިއެވެ.

''ރުހައިމް ބޭނުންވަނީ މަޢާފަށް އެދެން ކަމުގައި ވާނަމަ އަހަރެން ބޭނުމެއް ނޫން ރުހައިމްގެ ވާހަކަތައް އަޑުއަހާކަށް، ރުހައިމްއަށް ކުރެވުނީ މަޢާފް ހައްޤުވާނެ ވަރުގެ ކަމެއް ނޫން... ރުހައިމްއަށް ހީވަނީތަ މަޢާފަށް އެދުމުން ހުރިހާ ކަމެއް ރަނގަޅުވާނެހެން؟...... އަހަންނަށް ލިބުނު ނަފުސާނީ، ޖިސްމާނީ އަނިޔާތައް ނުލިބޭކަމަށް ވާނެތަ؟..... އެއްވެސް ކަމެއް ނުވާކަމަށް ވާނެތަ؟ އަހަރެންގެ ދިރިއުޅުން ރުހައިމްއަށް އަނބުރާ ހޯދައިދެވޭނެތަ؟... ޔޫ ރޭޕްޑް މީ... މިކަން ހާމަވެއްޖެނަމަ ބަދުނާމުވާނީ ވެސް ހަމައެކަނި އަހަރެން، އެއްވެސް މީހަކު އަހަރެންގެ ވާހަކައެއް ޤަބޫލެއް ނުކުރާނެ......'' ގަދަކަމުން ލޮލަށް ކަރުނަ ގެންނަމުން ޔަޝްފީ ބުނެލިއެވެ. ރުހައިމްގެ ސަމާލުކަން ހޯދުމަށެވެ.

ޔަޝްފީ އުޅުނީ އެތަނުން ދާށެވެ. ރުހައިމް އޭނަ ހުއްޓުވާނެކަން ޔަޤީންވާތީއެވެ. މާހައުލު އިތުރަށް ހަލަބޮލި ކޮށްލުން ފިޔަވައި އިތުރު އެއްވެސް ނިޔަތެއް ޔަޝްފީގެ ނެތެވެ. ރުހައިމްއަށް ހާސްކަން ލިބޭ ވަރަކަށް އޭނަގެ ރޭވުން އިތުރު އުސްމިންތަކަށް ގެންގޮސް ދޭނެއެވެ.

''ޔަޝްފީ...'' ރުހައިމްއަށް ގޮވާލެވުނެވެ. އޭނަ އަވަސްވެގަތީ ޔަޝްފީ ހުއްޓުވާށެވެ. ޔަޝްފީގެ ކުރިމައްޗަށް އެރީ އެހެންވެއެވެ.

ލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެލަމުން ރުހައިމްއަށް ޔަޝްފީ ބަލައިލިއެވެ. ހިތްދަތިކަން ނޫން އެހެން އަސަރެއް ޔަޝްފީގެ މޫނުމަތިން ނުފެނެއެވެ. ދެލޮލުގައި ވެސް މަޑު ރަތްކަމެއް ވެއެވެ. ނޭފަތް އެތެރެއަށް ދަމާލަމުން ޔަޝްފީ ވާހަކަދައްކަން ފެށިއެވެ.

''ރުހައިމްގެ ބޭނުމަކީ ކޮބައިތަ؟... އަހަންނަށް ހަމަޖެހިލައިގެން އުޅުމުގެ ފުރުސަތު ނުދިނުންތަ؟، އަހަރެން އިތުރު މީހެއްގެ ގާތުގައި މި ވާހަކަދައްކަފާނެތީ އަހަންނަށް ބިރުދެއްކުންތަ؟ އެހެންވެއްޖެއްޔާ ތިއީ ހާދަ ނުބައި މީހެކޭ، އަހަރެންގެ ދިރިއުޅުން ބަރުބާދުކޮށްލުމަށްފަހު އަދިވެސް ތި ހިތަށް ހަމަޖެހުމެއް ނުލިބެނީތަ؟... އަދިވެސް އަހަރެންގެ ނިކަމެތިކަމާއި ބާރެއް ނެތްކަން ހަނދާންކޮށްދޭންތަ ބޭނުންވަނީ؟...'' މޫނުގައި އަތްއަޅަމުން ޔަޝްފީ ގިސްލާން ފެށިއެވެ.

ރުހައިމްގެ މޫނަށް ވެރިވީ ނުތަނަވަސްކަމެވެ. ޔަޝްފީ އުފުލަމުން ދިޔަ ހިތާމަތައް އޭނައަށް ފެނި ހިތަށް އުނދަގޫ ވިއެވެ. އެހުރިހާ ކެކުޅުމެއްގެ ހިއްސާދަރަކީ އޭނައަށް ވީތީއެވެ. ޔަޝްފީގެ ހިތާމަތަކަށް ނިމުމެއް ގެންނާނެ ގޮތަކާ މެދު ވިސްނަން މަޖުބޫރުވިއެވެ.

''އަހަރެން ނޫޅެން ޔަޝްފީއަށް އެއްވެސް ކަމަކަށް މަޖުބޫރުކުރާކަށް... ބިރުދައްކާކަށް ވެސް... އަހަންނަށް އެނގޭ ކުރެވުނީ މަޢާފް ހައްޤުވާ ވަރުގެ ކަމެއް ނޫންކަން، އަހަންނަށް މަޢާފްކުރަން ޔަޝްފީއަށް އުނދަގޫވާނެކަން ވެސް... ޔަޝްފީ، ޔަޝްފީ އަހަންނަށް ހަމަ އެންމެ ފުރުސަތެއް ދީ، އަހަރެން މިކަމަށް ހައްލެއް ހޯދަދޭނަން...'' ރުހައިމްގެ އަޑުގައި ވަނީ އާދޭހެވެ.

''ހައްލެކޭ؟... ކޮންކަހަލަ ހައްލެއް ހޯދައިދޭން ތިއުޅެނީ؟... ރުހައިމް ބޭނުންވަނީ އަހަރެންގެ ދޫ ބަންދުކުރަންކަން އަހަންނަށް އެނގޭ... އެހެންވެ އަހަންނަށް ބިރުދެއްކުން ރުހައިމްގެ އަމާޒަކީ، އޭރުންތާ ރުހައިމްގެ ނުބައިކަން އެންމެނަށް ސިއްރުކުރެވޭނީ، ހާއްސަކޮށް ރުހައިމްގެ އަނބިމީހާއަށް ހުރިހާކަމެއް ސިއްރުކުރެވޭނީ އޭރުންތާ، ހަޤީޤަތުގައި ނާލާއާ މެދު ވިސްނި އަހަރެން ދެރަވޭ، ތިކަހަލަ ހިތްނުބައި މަކަރުވެރި ފިރިއަކު ލިބުނީތީ، ރުހައިމްގެ އަސްލު ސޫރަ ފެނުމުން ނާލާއަށް ވާނީ ކިހިނެއްތަ؟... އެފަކީރުގެ ހިތްހަލާކުވާނެކަން ޔަޤީން...'' ރޮވިފައިވާ އަޑަކުން ޔަޝްފީ ބުނެލިއެވެ. އޭނަ ހުރީ ރުހައިމްއާއި ޖަދަލުކުރުމުގެ ވިސްނުމެވެ. ރުހައިމް ދައްކާ ވާހަކައަކަށް ސަމާލުކަން ދޭކަށް ބޭނުމެއް ނުވިއެވެ.

ޔަޝްފީގެ ޖުމްލައިން ރުހައިމްގެ ދުލުގައި ތަޅެއް ލެވުނެވެ. ބުނަ އުޅުނު ވާހަކަ ވެސް ދިރުވާލަން މަޖުބޫރުވެއްޖެއެވެ. އޭނަގެ ވާހަކަތައް ޔަޝްފީ އިތުބާރުނުކޮށްފާނެތީ އިތުރު ހާސްކަމެއް ލިބުނެވެ. ހިތުގެ ތެޅުން ވެސް އަވަސްވާން ފެށިއެވެ. ނާލާއާ ގުޅުވައިގެން ޔަޝްފީ ދެއްކި ވާހަތަކުން ސިހުން ވެސް ލިބުނެވެ.

''ޔަޝްފީ ޕްލީޒް، އަހަރެންގެ ވާހަކަ އަޑުއަހާބަލަ، އަހަރެން ނޫޅެން އެއްވެސް ކަމަކަށް މަޖުބޫރުކުރާކަށް... ބިރުދައްކާކަށް ވެސް، އަހަންނަށް ވަގުތު ދީ، އޭރުން އަހަރެން މިހުރިހާ ކަމަކަށް ހައްލެއް ހޯދާނަން، އަހަރެންގެ ސަބަބުން ޔަޝްފީ ބަދުނާމު ވާކަށް ބޭނުމެއް ނޫން، ބަދުނާމުވާ ފަދަ ކަމެއް ވެސް އަހަރެން ނުކުރާނަން... އަހަންނަށް އެނގޭ އަހަރެންގެ ވާހަކަތަކަށް އިތުބާރުކުރަން ފަސޭހަ ނުވާނެކަން... އެކަމަކު އެއްތަނެއްގައި މަސައްކަތްކުރާއިރު ދެމީހުން ކުރިމަތިނުލާ ނޫޅެވޭނެ، އޭރުން މީހުން ޝައްކުކުރަން ފަށާނެ، އޭރުން ނިކުންނަ ނަތީޖާ ރަނގަޅެއް ނުވާނެ... އެކަމާ ޔަޝްފީ ވިސްނާލަބަލަ... އަހަންނަށް އެނގޭ ވެދިޔަ ކަންތައް ބަދަލެއް ނުކުރެވޭނެކަން، އެކަމަކު ވެސް އަހަންނަށް ކުރެވުނު ކަންތަކަށް ޒިންމާ ނަގާނަން... އަހަންނަށް ވަގުތު ދީ... ޕްލީޒް'' ރުހައިމް އާދޭސްކުރިއެވެ. އެވަގުތު އޭނައަށް ފެނުނު ހައްލަކީ އެއީ އެވެ. އެވާހަކަތައް ދުވަސްކޮޅަކަށް ހިންދާލުމެވެ. އޭރުން ބުއްދިވެރިކަމާއެކު އޭނައަށް ވިސްނާލެވޭނެއެވެ. އެންމެ އެކަށީގެންވާ ހައްލެއް ވެސް އޭނައަށް ހޯދޭނީ އޭރުންނެވެ.

ރުހައިމްގެ މޫނަށް ބަލަން ޔަޝްފީ ހުއްޓެވެ. ރުހައިމްގެ ޖުމްލައާ މެދު އޭނަ ވިސްނާލިއެވެ. ހިތަށް ޖޯޝު ލިބުނީ ރުހައިމްގެ ނިންމުން އަންނާނެ ގޮތް އޭނައަށް ލަފާކޮށްލެވުމުންނެވެ. އޭނައާއި ކައިވެނިކުރަން ރުހައިމް އެއްބަސް ވާނެކަން ޔަޤީންކުރެވުނެވެ. ހިތަށް ރާހަތެއް ކަމުގައި އެޚިޔާލުތައް ވިއެވެ.

''އަހަންނަށް އެނގޭ ޔަޝްފީ ތިހުރި ހާލަތުގެ ސަބަބުން ފުރަން ފަސޭހަ ނުވާނެކަން، އެހެންވެ ފުރުން ލަސްކުރަން އަހަރެން ބޭނުމީ.....'' ރުހައިމް އިތުރަށް ވާހަކަދެއްކިއެވެ.

(ނުނިމޭ)