ށ. ފޭދޫގައި މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތައް އިތުރުވެ، އެކަންކަމުގައި ތުހުމަތުކުރެވޭ ބަޔަކު ރަށުން ބޭލުމަށް ރައްޔިތުން ނުކުމެ އިހުތިޖާޖުކުރަން ފެށުމުން މައްސަލަތަކުގައި ތުހުމަތުކުރެވޭ 13 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފޭދޫ ކައުންސިލްގެ ރައީސް މުހައްމަދު ސާމިރު "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެރަށުގައި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް ތަކުރާރުވަމުންދާތީ، އެކަމުގައި ޝާމިލުވާ މީހުން ރަށުން ބޭލުމަށް ރަށުގެ ރައްޔިތުން މިއަދު މެންދުރު ފަހު އިހުތިޖާޖުކޮށްފައިވާ ކަމަށެވެ.
މިއަދު މެންދުރުފަހު 1:00 ހާއިރު އެ އިހުތިޖާޖު ފެށީ ރަށުގެ ބޯޅަދަނޑު ސަރަހައްދުން ކަމަށާއި އެ އިހުތިޖާޖުގައި ރަށުގެ ދެ ޖިންސުގެ 200 އެއްހާ މީހުން ބައިވެރިވި ކަމަށް ސާމިރު ވިދާޅުވިއެވެ. އިހުތިޖާޖުގެ ބައިވެރިން އަޑުއުފުލަަމުން ދިޔައީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގައި ޝާމިލުވާ ކަމަށް ތުހުމަތުކުރެވޭ 13 މީހަކު ރަށުން ބޭލުމަށެވެ.
ރަށުގެ ރައްޔިތުން އިހުތިޖާޖުކުރަން ފެށުމުން، ށ. ފޯކައިދޫން ފުލުހުންގެ ޓީމެއް އެރަށަށް ގޮސް. ރައްޔިތުން ބޭނުންވި ގޮތަށް އެ 13 މީހުން މިރޭގެ ވަގުތެއްގައި ގެންގޮސްފައިވާ ކަމަށް ސާމިރު ވިދާޅުވިއެވެ.
މީގެ އިތުރުން ސާމިރު ވިދާޅުވީ، ފޭދޫގައި އެފަދަ އަހުލާގީ ކުށްތައް އިތުރުވެފައިވަނީ އެރަށުގައި ފުލުހުން ގާއިމުވެ ނުތިބޭތީ ކަމަށެވެ. އަދި ފުލުހުންގެ ޑެސްކެއް އެރަށުގައި ބެހެއްޓުމަށް އެތައް ފަހަރަކު ކައުންސިލުންވެސް ސަރުކާރުތަކުގައި އެދިފައިވާ ކަމަށާއި ނަމަވެސް މިއަދާ ހަމައަށްވެސް އެކަމަށް ހައްލެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފޭދޫގެ ރެޖިސްޓްރީގައި 1306 މީހުން ތިބި އިރު، އެރަށުގައި ދިރިއުޅެނީ 600 އެއްހާ މީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު