ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި އަދަދު ހާމަ ނުކުރަން ޑިފެންސް މިނިސްޓްރީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި އެއީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް އިންފޮމޭޝަންސް ކޮމިޝަނާސް އޮފީސް (އައިކޮމް) އިން ކަނޑައަޅައިފިއެވެ.
"ދިޔަރެސް" ނޫހުގެ ފަރާތުން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދާއި އެ ސިފައިންނަށް ދައުލަތުން ކުރާ ހަރަދުގެ ތަފްސީލު ހޯދަން ޑިފެންސް މިނިސްޓްރީގައި އެދުނެވެ. ނަމަވެސް މި މައުލޫމާތު ހިއްސާކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތެއް ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.
ޑިފެންސް މިނިސްޓްރީން މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ބުނެފައިވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި މިއޮތް ގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށެވެ. އެއްބަސްވުމުގައި ބަޔާންކޮށްފައި އޮތް ނަމަވެސް އަދި ނެތް ނަމަވެސް ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދާއި އެ ސިފައިންނަށް ދައުލަތުން ކުރާ ހަރަދުގެ މައުލޫމާތު ހާމަކޮށްފިނަމަ އެއީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް އަސަރުކޮށްފާނެ ކަމެއް ކަމަށެވެ.
އެކަމަށް ގޮތެއް ނިންމުމަށް މިއަދު އައިކޮމް އިން ބޭއްވި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު ވިދާޅުވީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ދައުލަތުގައި ހުންނަ މައުލޫމާތެއް ލިބިގަތުމަކީ އާންމުގޮތެއްގައި ހުޅުވާލާފައިވާ ހައްގެއް ކަމެއް ކަމަށެވެ.
އެހެންނަމަވެސް ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ހުރި ސަބަބުތަކުން ސަބަބެއް އޮތްނަމަ އެ މައުލޫމާތެއް ނުދީ ހިފެހެއްޓުމުގެ ހައްގު ދައުލަތުގެ އިދާރާއަށް ލިބިގެންވާ ކަމަށް ފިޔާޒު ވިދާޅުވިއެވެ.
ފިޔާޒު ވިދާޅުވީ ޑިފެންސް މިނިސްޓްރީގެ މުރާޖާ ކޮމިޓީން ނިންމާފައިވާ ނިންމުމަކީ ގާނޫނާ އެއްގޮތުގެ މަތީން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުން ބަދަލުކުރަން ނުޖެހޭ ކަމަށާއި އެ ނިންމުން ރަނގަޅު ކަމަށްވެސް ވިދާޅުވިއެވެ.
"މިނިސްޓްރީ އޮފް ޑިފެންސްގެ މުރާޖާ ކޮމިޓީން ނިންމާފައިވާ ނިންމުން ބަދަލުކުރަންޖެހޭ ކަމަށް ނުފެންނާތީ އެ ނިންމުން ރަނގަޅު ކަމަށް އަޅުގަނޑު ކަނޑައަޅައިފިން،" ފިޔާޒު ވިދާޅުވިއެވެ.
އެހެންނަމަވެސް މި ނިންމުމާ މެދު ދިޔަރެސް އިން ހިތަހަމަނުޖެހޭ ނަމަ އިސްތިއުނާފަށް ހުށަހެޅުމުގެ ބާރު ގާނޫނުން ދީފައިވާނެ ކަމަށް ފިޔާޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު