އިސްރާއީލުން އުފެއްދި ކޮވިޑް ވެކްސިން އިންސާނުން ބޭނުންކޮށްގެން ޓެސްޓު ކުރަން ފަށަން ނިންމައިފިއެވެ.

އިސްރާއީލުން އުފައްދާފައިވާ ކޮވިޑް ވެކްސިން ބްރިލައިފް އަށް އެގައުމުގެ ހެލްތު މިނިސްޓްރީ އިން ވަނީ އިންސާނުން ބޭނުން ކޮށްގެން ޓެސްޓު ހެދުމަށް ހުއްދަ ދީފައެވެ.

އިސްރާއީލް އިންސްޓިޓިއުޓް ފޯ ބަޔޮލޮޖިކަލް ރިސާޗްގެ ޑިރެކްޓަރު ޝެމުއެލް ޝަފީރާ ވަނީ ވެކްސިން އަށް ވަރަށް އިތުބާރު އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.

އެ އިންސްޓިޓިއުޓް އިން ބުނީ އިންސާނުން ބޭނުން ކޮށްގެން ކުރުމަށް ހަމަޖެހިފައިވާ ޓެސްޓުތަކުގައި 80 ވަރަކަށް މީހުން ބޭނުންކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އިންސާނުން ބޭނުންކޮށްގެން ހަދާ ޓެސްޓު ކާމިޔާބު ވެއްޖެނަމަ ދެވަނަ މަރުހަލާއެއް ފެށުމަށް 1000 ވޮލެންޓިއަރުން ބޭނުންކުރުމަށް ހަމަޖެހިފައި ވެއެވެ. އަދި ތިން ވަނަ މަރުހަލާ 30،000 މީހުން ބޭނުންކޮށްގެން ޓެސްޓުކުރުމަށް ހަމަޖެހިފައި ވެއެވެ. ދެވަނަ މަރުހަލާ ޑިސެމްބަރު ކުރީކޮޅު ފެށޭނެ ކަމަށް އިންސްޓިޓިއުޓް އިން ބުނެފައި ވެއެވެ.